ހަބަރު

ނިހާން ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވައިފި

ޕީޕީއެމްގެ ޕާލިމެންޓްރީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު، ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައި ޗިޓް ފޮނުވައިފި އެވެ.

ނިހާނަށް ޗިޓް ފޮނުވީ ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލަން ބޭއްވި އެއްވުމުގައި ފުލުހުންގެ ވެހިކަލަކަށް ހުރަސް އެޅި މައްސަލާގަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުން ނިހާން ވަނީ ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް އެޅި ގަލެއް ލައްވާފަ އެވެ.

ފުލުހުން ނިހާނަށް ފޮނުވާފައިވާ ޗިޓްގައި އޭނާއަށް ތުހުމަތުކޮށްފައިވަނީ ފުލުހުންގެ ރަސްމީ މަސައްކަތަށް ހުރަސް އަޅައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތެވެ. އޭނާ ހާޒިރުކުރަނީ ތަހުގީގަށް މައުލޫމާތު ހޯދުމަށެވެ.

ނިހާނަށް އެންގީ މާދަމާ ރޭގަނޑު 8:30 އަށް ފުލުހަށް ހާޒިރުވުމަށެވެ.

ނިހާން ފުލުހަށް ހާޒިރު ކުރާއިރު ރައީސް ޔާމީން ވަނީ މަނީ ލޯންޑްރިން މައްސަލާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އަދި އެމަނިކުފާނުގެ ވަކީލް އާޒިމާ ޝުކޫރުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.