ހަބަރު

ރައުޝާންގެ މަރާ ގުޅިގެން ހަ މީހަކަށް ދައުވާ އުފުލައިފި

ހަދަމުންދިޔަ އިމާރާތަކުން ކުއްޖެއްގެ ބޮލަށް ސިމިންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާއަށް ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ މަރުވި މައްސަލައިގައި ހަ މީހަކަށް ދައުވާކޮށް، ކުރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ބަންގަލަދޭޝްގެ ކުއްޖެއް ކަމަށްވާ، ރައުޝާން ޖީއާން ބޮލަށް ސިމެންތި ބަސްތާ ވެއްޓިފައިވަނީ ޑަބްލިޔު ކޮންސްޓަރަކްޝަން އިން ހަދަމުން އައި އިމާރާތަކުންނެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވީ މި މަހުގެ ތެރޭގަ އެވެ.

އެ މައްސަލާގައި ހަ މީހަކަށް ދައުވާކޮށް މިއަދު ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލާގައި ދައުވާ އުފުލާފައިވަނީ ހަތަރު އިންޑިއާ މީހަކަށާއި ދެ ދިވެއްސަކަށެވެ. އިންޑިއާ މީހުންނަކީ އެ ތަނުގައި މަސައްކަތް ކުރަން އުޅުނު މީހުންނެވެ.

ދައުވާ އުފުލި ދެ ދިވެހިންނަކީ ދަފްތަރު ނަންބަރު 8424، މޫސާ ހަސަން އާއި ދަފްތަރު 7198 އާދަމް ޝަފީގެވެ. އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރުވިކަމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. މޫސާ ހަސަންއަކީ ޑަބްލިޔު ކޮންސްޓަރަކްޝަންގެ ސީނިއާ ސައިޓް ސްޕަވައިޒަރެވެ. އާދަމް ޝަފީގަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.

ބަޔާނުގައި ބުނީ އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރީ ފަރީދީ މަގުގައި ޖަމާކޮށްފައި ހުރި ހިލަ ބަސްތާތަކާއި ސިމެންތި ބަސްތާތައް ސަވާޖީއެއް ބޭނުންކޮށްގެން ވިންޗުގެ އެހީގައި ނުވަވަނަ ފަންގިފިލާއަށް އެރުވުމުގެ މަސައްކަތްކުރިއިރު ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް އިހުމާލުވެފައިވާތީ ކަމަށެވެ. އެ ކުށް ސާބިތުވެއްޖެނަމަ އެ ދެ މީހުންގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ދައުވާ އުފުލި ހަތަރު އިންޑިއާ މީހުންނަކީ ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަން އާއި ކެޝަރިލަލް ޗައުހަން އަދި ގުލަމް މަހަމަދެވެ. ރައްޖާވްގެ މައްޗަށް އުފުލީ މީހަކު މަރުވެދިޔުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. ސިމެންތި ބަސްތާތައް އުފުލި ވިންޗް އޮޕަރޭޓްކުރީ އޭނާ އެވެ. ސިމެންތި ބަސްތާއެއް ވެއްޓުނީ ވިންޗް ލައިނަށް މާބޮޑަށް ދޫދެވުމުގެ ސަބަބުންނެެވެ. އެ ކުށް ސާބިތުވެއްޖެނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މުތުމަނިގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރުވެދިއުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އޭނާއަކީ ރައްޖާވްއަށް ސިމެންތި ބަސްތާތައް މައްޗަށް ނެގުމަށް އެންގި މީހާ އެވެ. ބަޔާނުގައިވާ ގޮތުން ރައްޖާވްއަކީ ވިންޗް އޮޕަރޭޓްކުރަން ހަވާލުވެފައިވާ ފަރާތް ނޫންކަން އެނގިހުރެ މުތުމަނި ވަނީ އެކަން ކުރުމަށް ރައްޖާވްއަށް އަންގާފަ އެވެ. ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކެޝަރިލަލް ޗައުހަން އާއި ގުލަމް މަހަމަދުގެ މައްޗަށް އުފުލާފައިވަނީ ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ދެ މީހުންނަކީ ސިމެންތި ބަސްތާތައް ސަވާޖީއަށް ބަރުކުރުމުގައި އުޅުނު ދެ މީހުންނެވެ. ކުށް ސާބިތުވެއްޖެނަމަ އެ ދެ މީހުންގެ މައްޗަށް އެއް އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މަރުވި ރައުޝާންއަކީ އަތޮޅު ތެރޭގައި ރަށެއްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރެއްގެ ދަރިއެކެވެ. އެމީހުން މާލެ އައީ ޗުއްޓީ އަކަށެވެ. ރައުޝާންގެ އާއިލާ ވަނީ އިންސާފު ހޯދައިދިނުމަށް އެދިފަ އެވެ. އަދި އިންސާފު ހޯދުމަށް މިހާރު ވެސް އެމީހުން ތިބީ ރާއްޖެގަ އެވެ. އެ ހާދިސާއަކީ މުޅި ރާއްޖެ ސިއްސުވާލި ހާދިސާއެކެވެ. އެކަމާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަން ޖޫރިމަނާ ވެސް ކުރި އެވެ.