ހަބަރު

ޝިމާގެ ކޮއްކޮ ގޮވައިގެން ބަޔަކު ޑިންގީއެއްގައި ނުކުތުމުން ހުއްޓުވައިފި

ލ. މާމެންދޫއިން އަންހެން ކުއްޖަކު ގޮވައިގެން ފުރި ޑިންގީއެއް ފުލުހުން ހުއްޓުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މާމެންދޫއިން 16 އަހަރުގެ އަންހެން ކުއްޖެއް ގޮވައިގެން ޑިންގީގައި ނުކުމެފައިވަނީ ތިން މީހެކެވެ. އެ މީހުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އަދި އެކަން ދަނީ ތަހުގީގު ކުރަމުންނެވެ.

މީގެ ދުވަސްކޮޅެއް ކުރިން ލ. ކައްދޫން މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އައިމިނަތު ޝިމާ ނަމަކަށް ކިޔާ މީހަކު ވަނީ ގެއްލިފަ އެވެ.

ޑިންގީ ފުލުހުން ހުއްޓުވީ ސިކްސް ސެންސް ރިސޯޓް ކައިރިންނެެވެ. އެއީ ޝިމާ ދަތުރުކުރި ޑިންގީ ވެސް ބަންޑުން ޖަހާލި ހިސާބެވެ.

މިއަދު ފުލުހުން ހިފެހެއްޓި ޑިންގީގައި ތިބި މީހުންގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އަންހެން ކުއްޖާއަކީ ޝިމާގެ ކޮއްކޮ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ޑިންގީގައި ތިބި ތިން މީހުން ވެސް ތިބީ މޫނު ނިވާކޮށްގެންނެވެ. އަދި އޭގެ ތެރޭގައި ޝިމާއާއެކު ޑިންގީ ދަތުރުގައި ބައިވެރިވި އިބްރާހިމް ފަޒީލް ވެސް ހިމެނެ އެވެ.

ޝިމާގެ އާއިލާއިން ވަނީ ޝިމާގެ އެއް ބަނޑު އެއް ބަފާ ކޮއްކޮ ގޮވައިގެން ފަޒީލް އުޅުނީ ފިލަން ކަމަށް ތުހުމަތުކޮށްފަ އެވެ. މީގެކުރިން ވެސް ފަޒީލްގެ ވާހަކަތަކާއެކު، އޭނާއާމެދު ގިނަ ޝައްކުތަކެއް ކުރެވުނެވެ.

ޑިންގީ ބަންޑުޖަހާލި ހާދިސާއަށް ދުވަސްތަކެއްވެފައިވާއިރު މިހާތަނަށް ޝިމާގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެ އެވެ. އަދި އެ ޑިންގީ ވެސް ފެނިފައެއް ނުވެ އެވެ. ޑިންގީ ބަންޑުން ޖަހާލުމުން ފަޒީލް ފަތާފައި އެހީ ހޯދުމަށް ދިޔައީ ސިކްސް ސެންސް ރިސޯޓަށެވެ.

އޭނާ ފަތާފައި ދިޔައީ ޝިމާގެ އަތަށް ފޯނަކާއި ހަމެއް ދީފަ ކަމަށް އޭނާ ބުނެފައިވެ އެވެ. ނަވާރަ އަހަރުގެ ޝިމާއަކީ ފަތަން އެނގޭ މީހެއް ނޫނެވެ.