ހަބަރު

އާގިލް އާއި ޝައްފާންގެ މަރަކީ ބަދަލު ހިފުމެއް: ޕޮލިސް

އެމްއެމްއޭ ކައިރިން ހަމަލާދީ މަރާލި އިބްރާހިމް އާގިލުގެ މަރާއި އޮޓޯ ގަރާޖް ކައިރިން ވަޅިން ހަމަލާދީ މަރާލި އިސްމާއިލް ޝައްފާން ޝަރީފްގެ މަރަކީ އެދުވަސްވަރު މާލެ ތެރޭގައި ހިނގި މާރާމާރީތަކާއި ގުޅިގެން ބަދަލު ހިފުމުގެ މަރުތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.

ގދ. ފަރެސްމާތޮޑާއަށް އުފަން އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލު ވަޅިން ހަމަލާދީ މަރާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ. އަދި އުމުރުން 14 އަހަރުގެ އިސްމާއިލް ޝައްފާން ޝަރީފް ވަޅިން ހަމަލާދީ މަރާލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދަވަހު އެވެ.

މަރުގެ މައްސަލަަތަކާއި ބެހޭ ގޮތުން ތަފްސީލްތައް ހާމަކުރައްވަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ، އެދެމީހުންގެ މަރަކީ އެދުވަސްވަރު މާލޭގައި ހިނގައިދިޔަ މާރާމާރީތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ހިންގި ދެމާރާމާރީ އެއް ކަމަށެވެ.

ސާމިހު ވިދާޅުވީ، އާގިލްގެ މަރާއި ގުޅިގެން ތިން މީހަކު ހައްޔަރު ކުރެވުނު ކަމަށެވެ. އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ކުރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

އެމައްްސަލާގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، 19 އަހަރުގެ އަލީ މިޖްވާދު މާޖިދު އިބްރާހިމާއި ލ. ފޮނަދޫ، 19 އަހަރުގެ ހަމްދޫން ހަމްޒަތާއި ހއ. ސްނޯޕާކް އިބްރާހިމް ބިޝާމެވެ. އެތިން މީހުންވެސް ތިބީ ކަރެކްޝަނަލް ސާވިސްގެ ބަންދުގައި ކަމަށް ސާމިހް ވިދާޅުވި އެވެ.

މީގެ އިތުރުން އޮޓޯގަރާޖް ކައިރިން ހިންގި މާރާމާރީގައި މަރުވި ޝައްފާންގެ އަށް ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށާއި އޭނާ މަރުވެފައިވަނީ އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އަދި އެމައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ސާމިހް ވިދާޅުވި އެވެ.

އެގޮތުން ހައްޔަރުކޮށްފައިވަނީ، ސ. ހިތަދޫ 27 އަހަރުގެ މުހައްމަދު އައިމަންއާ މަރަދޫ، 19 އަހަރުގެ ހަސަން ނަބާހާއި ހިތަދޫ، 27 އަހަރުގެ ހުސެން ނިހާދު އަދި 19 އަހަރުގެ ހުސެން ޖައިލަމެވެ.

ސާމިހް ވިދާޅުވީ، އެމައްްސަލާގައި ހައްޔަރު ކުރި ހަތަރު މީހުންނަކީ ވައްކަމާއި ފޭރުމާއި މާރާމާރީ ހިންގުމުގެ ކުށުގެ ރިކޯޑް އޮންނަ ހަތަރު މީހުން ކަމަށެވެ. އެމީހުންގެ މައްސަލަތައްވެސް މިހާރު ޝަރީއަތަށް ފޮނުވާފައިވާ ކަމަށާއި އެހަތަރު މީހުންވެސް ތިބީ ބަންދުގައި ކަރެކްޝަނަލް ސާވިސްގެ ދަށުގައި ކަމަށް ސާމިހް ވިދާޅުވި އެވެ.