ހިޔާނާތް

ބޮޑު ހިޔާނާތާ ގުޅިގެން އެމްއެމްއޭއިން ހެދި އޮޑިޓް ނިންމާފައި ފުލުހަށް ފޮނުވައިފި

އެމްއެމްޕީއާރްސީގެ ތެރެއިން ހިންގި ބޮޑު ހިޔާނާތާ ގުޅިގެން އެމްއެމްއޭގެ އިހުމާލެއް އޮތްތޯ ބަލަން ހެދި އޮޑިޓް ނިންމައި އެ މައްސަލަ ބަލައި ދިނުމަށް ފުލުސް އޮފީހަށް ފޮނުވައިފި އެވެ.

އަވަސް އިން ކުރި ސުވާލެއްގެ ޖަވާބުގައި މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ އެ އޮޑިޓް ނިންމާފައިވާ ކަމަށެވެ. އޮޑިޓް ނިންމުމަށްފަހު މިދިޔަ ހަފުތާގައި އޭ މައްސަލަ ފުލުހަށް ހުށަހަޅާފައި ވާނެ ކަމަށެވެ. ގަވަރުނަރު ވިދާޅުވީ މިހާރު ފުލުހަށް ފޮނުވި އޮޑިޓުގެ އިތުރުން ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ވެސް އޮޑިޓެއް ކުރަމުންދާ ކަމަށެވެ.

"އޭސީސީ ރިޕޯޓް ނިމުމާ ގުޅިގެން ވާނީ އަޅުގަނޑުމެން އިންޓާނަލީ ރިވިއުއެއް ހަދާފަ. މި ރިވިއު އިން ފާހަގަ ކުރެވުނު ކަންކަން ވާނީ ފުލުހަށް ފޮނުވާފައި. މައްސަލަތައް ތަހުގީގު ކުރުމުން އެނގޭނީ އޭގައި ޖިނާއީ ކަމެއް ހިމެނޭތޯ ވެސް ނުވަތަ ނޫން ތޯވެސް،" ގަވަރުނަރު ވިދާޅުވި އެވެ.

އެމްއެމްއޭ އިން ހެދި އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވުނު އެއްވެސް ކަމެއް މައުލޫމާތެއް ގަވަރުނަރު ނުދެއްވަ އެވެ.

ނަމަވެސް، އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގަމުން ދިޔައިރު، އެމްއެމްއޭގެ ތެރޭގައި ގާއިމްކޮށްފައިވާ، މިނިވަން ބޯޑް، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ޔުނިޓުން އެކަމާ އަޅައިނުލުމާއި އިހުމާލުވެފައިވާ ކަމަށް އޭސީސީ އިން ނެރުނު ރިޕޯޓުގައި ތުހުމަތުތައް ކޮށްފައި ވެއެވެ. އޭގެ ފަހުން ވަނީ އެ ޔުނިޓުގެ ވެރިޔާ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ފަހުން އެ ޔުނިޓުގެ ހެޑަކަށް ހުންނެވި އެހެން މުވައްޒަފަކު ވަނީ އެމްއެމްއޭގެ އެހެން ޕޯސްޓަކަށް ބަދަލު ވެސް ކޮށްފަ އެވެ. މިހާރު އެ ޔުނިޓުގައި ހުންނެވީ އެހެން ބޭފުޅެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ހިންގި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ދައުލަތަށް 1.22 ބިލިއަން ރުފިޔާ ގެއްލިފައިވާއިރު އެ މައްސަލައިގައި އޭސީސީން ވަނީ ޖިނާއީ ތަހުގީގެއްކޮށް ހާއްސަ ރިޕޯޓެއް ވެސް ނެރެފަ އެވެ. އެ ރިޕޯޓުގައި ފައިސާ ލިބުނު ބައެއް ފަރާތްތަކާއި އެ ހިޔާނާތް ހިންގުމުގައި މެދުވެރިއަކަށްވި އެސްއޯއެފް އިން ބައެއް ކުންފުނިތަކާއި ވަކިވަކި މީހުނަށް ޑޮލަރު ވިއްކިކަން ވަނީ ހާމަކޮށްފަ އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން ބޭރުގެ ފަރާތްތަކާ ގުޅިގެން ހާއްސަ އޮޑިޓެއް ކުރާކަން މިހާރުގެ ގަވަރުނަރު އަހުމަދު ނަސީރު އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ދުވަހު ގަވަރުނަރު ވިދާޅުވެފައިވާ ގޮތުގައި ހާއްސަ އޮޑިޓެއް ކުރަނީ ރާއްޖޭގެ މާލީ ނިޒާމަށް އިތުބާރު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

"އެމްއެމްއޭއަކީ ރާއްޖޭން ބޭރުގެ އެހެނިހެން ބޭންކްތަކާ ގުޅުން ގާއިމް ކުރެވިފައި އޮންނަ ތަނެއް. އަޅުގަނޑުމެންގެ ބޭރުގެ ރިޒާވްގެ ގިނަ ކަންތައްތަކުގައި އެހެން ބޭންކްތަކާ މުއާމަލާތް ކުރަން ޖެހޭ. އެހެންވެ އަޅުގަނޑުމެން މިހާރު މިވަނީ އެމްއެމްއޭ އިން ވަކިން އިންޑިޕެންޑެންޓްލީ ބޭރުގެ ފަރާތްކާ ހަވާލުކޮށްގެން މި މައްސަލަ ތަހުގީގް ކުރަން ނިންމާފައި،" އޭރު ނަސީރު ވިދާޅުވެފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަލްޖަޒީރާ އިން ވަނީ ހާއްސަ ތަގުގީގީ ޑޮކިއުމެންޓްރީއެއް ހަދާފަ އެވެ. "ސްޓީލިން ޕެރަޑައިސް" ގެ ނަމުގައި ގެނެސްދިން ޑޮމިއުމެންޓްރީގައި އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ދައުރުވެފައިވާ ގޮތް ކަމަށް ބުނެ އެކި ވާހަކަތައް ހިމަނާފައި ހުއްޓެވެ.