ހަބަރު

އަންހެނަކު ރޭޕް ކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

މިރޭ މާލޭގައި އަންހެނަކު ރޭޕް ކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ.

އެކަން ހިނގާފައިވަނީ މިރޭ 10:55 ހާއިރު މާފަންނު ގެސްޓް ހައުސްއެއްގެ ތެރޭގަ އެވެ.

ފުލުހުން ބުނީ އެ ގެސްޓް ހައުސްގެ ތެރެއިން އަންހެނަކު ހަޅޭލަވާ އަޑު އެ ވަގުތު މާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އިވުމާއެކު އެތަނުގެ އެތެރެއަށް ވަދެ ބެލި ކަމަށެވެ. ބެލި ބެލުމުން އެނގުނީ ހަތަރު މީހަކު ވެގެން އަންހެނަކު ރޭޕް ކުރަން އެ ގެސްޓް ހައުސް ތެރޭގައި މަސައްކަތްކޮށްފައިވާކަން ކަމަށެވެ.

ގެސްޓް ހައުސްއަށް ފުލުހުން ވަތްއިރު ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ވަނީ ފިލާފަ އެވެ. ބާކީ ތިބި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކުރީ ގެސްޓް ހައުސް ތެރެއިންނެވެ. އަނެއް މީހާ ހައްޔަރުކުރީ ފިލަން ދުވަނިކޮށް މަގުމަތިންނެވެ.

ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެކެވެ.

އެމީހުން ތިބި ކޮޓަރި ބަލާ ފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތަށިތަކާއި ފުޅިއެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.