ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން އެ މައްސަލަ ބެލުމަށް އެ ކޯޓުން ނިންމައިފި އެވެ.
ރޭ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ފާޑުވިދާޅުވެ، އެ ފަސް ފަނޑިޔާރުން ވެސް ވަކި ކުރަން ޖެހޭ ކަމަށް ސުއޫދު ވިދާޅުވެފައިވެ އެވެ.
އެކަމާ ގުޅިގެން މިއަދު ސުޕްރީމް ކޯޓުން ބުނީ ސުއޫދު ދެއްކެވި އެ ވާހަކަތަކާ ގުޅިގެން ކޯޓު ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދާއި ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވާއިދުގެ ދަށުން އެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.
ސުއޫދަކީ ސުޕްރީމް ކޯޓުން އެންމެ ގިނައިން ސަސްޕެންޑް ކުރާ އެއް ވަކީލެވެ. މީގެކުރިން ވެސް އެކި ފަހަރު މަތިން އޭނާ ސަސްޕެންޑްކޮށްފައިވެ އެވެ. ސުއޫދަކީ ޝަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އިސްލާހު ކުރުމުގެ ވާހަކަ ގިނައިން ދައްކަވާ ބޭފުޅެކެވެ.
ސުއޫދު ރޭ ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ދަށު ކޯޓުތަކުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ބަދަލު ކުރަން ޖެހޭ ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރެއް ނެތް ކަމަށް ސުއޫދު ވިދާޅުވި އެވެ. އެއީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ.