ބްލޮގާ ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލިތާ މިއަދަށް ދެ އަހަރު ފުރޭއިރު އެކަމާ ގުޅުވައި ބޭއްވި ހިނގާލުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފި އެވެ.
ރަސްފަނުން ފެށިގެން އާޓިފިޝަލް ބީޗާ ހަަމައަށް ކުރިއަށް ގެންދިޔަ ހިނގާލުމުގައި ފެށުނީންސުރެ ރައީސް ބައިވެރިވެވަޑައިގަތެވެ. ރައީސް ހުންނެވީ ޔާމީންގެ ބައްޕަ އަދި ޔާމީންގެ އެކުވެރިޔާ، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަންމައާއެކު އެވެ.
ރައީސް ސޯލިހުގެ އިތުރުން މި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެކުރިން ބޭއްވި އެފަދަ އެއްވުންތަކާއި ހިނގާލުންތަކަށް ފުލުހުން ހުރަސް އެޅި ނަމަވެސް މިއަދު އެފަދަ ކަމެއް ނެތެވެ.
ރައީސް ސޯލިހު މިއަދު ޓްވިޓާގައި ވެސް ޔާމީންގެ ހަނދާން ވަނީ އާ ކުރައްވާފަ އެވެ. ރައީސް ލިޔުއްވީ "ދުލެއް ނުކުރާނަން" ކަމަށެވެ. އަދި އެއާއެކު، ޔާމީން ރަޝީދުގެ އެންމެ ފަހުގެ ޓްވީޓްގައި ހިމަނާފައިވާ ރަތް ފުއްޕާހަން ރައީސް ސޯލިހު ވެސް މިއަދުގެ ޓްވީޓްގައި ހިމެނުއްވި އެވެ.
"ދުލެއް ނުކުރާނަން" އެ ޝިއާރަކީ ޔާމީން ރަޝީދަށް އިންސާފު ހޯދުމަށް ކުރާ ކެމްޕެއިންގެ ޝިއާރެކެވެ. އެ ޝިއާރު އުފެދިގެން އައިސްފައިވަނީ ވެސް ޔާމީން ރަޝީދުގެ ޓްވީޓްތަކުންނެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް އުފުލި އެވެ. އެއީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ކަމަށްވެ އެވެ. އެ މައްސަލާގެ ޝަރީއަތް އަދިވެސް އޮތީ ކުރިމިނަލް ކޯޓުގަ އެވެ. ދެ އަހަރުވީއިރު، ޔާމީންގެ މަރަށް އިންސާފެއް ނުލިބެ އެވެ. އަދި ޔާމީންގެ ގަތުލްގެ މަގުސަދެއް އަދިވެސް ފުލުހުންނަށް ބުނެ ނުދެވެ އެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ އެ މަރުގެ ފަހަތުގައި ތިބި މީހުންނާއި މޯޓިވް ހޯދާފަ އެވެ. އެ ކޮމިޝަނަކީ ރައީސް ސޯލިހުގެ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު އުފެއްދެވި ކޮމިޝަނެކެވެ.
އެކަމަކު، އެ ކޮމިޝަނަށް ވެސް ބޭނުންވި ބާރުތަކެއް ނުލިބުނެވެ. ބާރު ދޭން ރައްޔިތުންގެ މަޖިލީހުން ވަނީ ދެކޮޅު ހަދާފަ އެވެ. ކުރިއެރުންތައް ލިބުނަސް، މައްސަލަ ސާބިތު ކުރަން ދަތިވާނެކަން ކޮމިޝަނުން ވެސް ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް ރައީސް ސޯލިހު ވަނީ އަންނަ މަޖިލީހަށް ކޮމިޝަންތަކަށް ބާރު ދޭ ބިލް އަލުން ހުށަހެޅުމަށް ނިންމަވާފަ އެވެ. އެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ.