މ. އައިޝާ، ހުސައިން ވަހީދަށް ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލި މައްސަލައިގައި މަރަން ހުކުމް ކުރި އެކެއްގެ ބަޔަށް ހައިކޯޓުން މިއަދު ތާއިދުކޮށްފި އެވެ. ހުސެއިން ވަހީދު މަރާލީ، 18 އަހަރު ނުފެރޭ ދެ ކުދިންނެވެ. ޖުވެނައިލް ކޯޓުން 2015 ވަނަ އަހަރު ހުކުމް ކުރީ އެ ދެ ކުދިން ވެސް މެރުމަށެވެ.
މީގެކުރިން ހައިކޯޓުން އޭގެ ތެރެއިން އެކެއްގެ ހުކުމަށް އޮތީ ތާއިދުކޮށްފަ އެވެ.
މިއަދު ހައިކޯޓުން ނިންމާފައިވަނީ ސ. ފޭދޫއަށް ނިސްބަތްވާ އަހުމަދު ހިފާން އަލީ ނަސީރުގެ ބައެވެ. ހައިކޯޓުން ޖުވެނައިލް ކޯޓުގެ އެ ހުކުމަށް ވެސް ބަދަލު ގެންނަން ނުޖެހޭ ކަމަށް ކަނޑައެޅީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ސުޖާއު އުސްމާނާއި ފަނޑިޔާރު ހުސެއިން ޝަހީދާއި ފަނޑިޔާރު އަބްދުލްރައޫފް އިބްރާހިމެވެ.
ޑިސެމްބަރު، 2013 ގައި ބުރުޒުމަގުގައި ހުސައިން ވަހީދު ހުއްޓާ، އޭނާއަށް ހަމަލާދިނީ ސައިކަލެއްގައި އައި ދެ މީހުން ވަޅިއެއް ބޭނުން ކޮށްގެނެވެ. ވަޅި ހެރީ ހުސެއިން ވަހީދުގެ މެޔަށެވެ. ހުކުމްގައިވާ ގޮތުން އެ ހަމަލާގެ ސަބަބުން ހުސެއިން ވަހީދުގެ ހިތުގެ މަސްތަކުގެ ފަށަލައަށް ގެންލުންވި އެވެ. އޭގެ ސަބަބުން ލޭ ހޮޅިތައް ފަޅައިގެން ގޮސް ނޭވާ ހުއްޓުނެވެ. އޭނާ މަރުވީ އެ ޒަހަމްތަކާ ގުޅިގެންނެވެ.
އެކަން އޭނާއަށް އެޑެންޓްވި އައިޖީއެމްއެޗްގެ ޑޮކްޓަރު ޝަރީއަތުގެ މަޖިލީހުގައި ވެސް ވަނީ ތަފްސީލްކޮށްދީފަ އެވެ. އަދި ވަހީދުގެ މެޑިކަލް ރިޕޯޓާއި މަރު ސާބިތުކުރި ލިޔުމުގައި ވެސް އެކަން ފާހަގަ ކޮށްފައިވެ އެވެ.
މި މައްސަލަ ހިފާންގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން އަށް ހެއްކެއް ހުށަހެޅި އެވެ. އޭގެ އިތުރުން ކްރައިމް ސީން ރިޕޯޓާއި ފޮޓޯ ރިޕޯޓާއި މެޑިކަލް ރިޕޯޓް ހުށަހެޅި އެވެ. ހިފާން ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.
މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ހިފާންގެ ފަރާތުންނެވެ. އޭނާ ވަނީ މައްސަލާގެ ހެކިންގެ މައުލޫމާތުތައް ސިއްރުކޮށް އެ މީހުންގެ ބަޔާންތައް ނުދިނުމުން ޖަވާބުދާރީވުމަށް އުނދަގުވި ކަމަށް ފާހަގަކޮށްފަ އެވެ. ނަމަވެސް ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ އެ މައްސަލައަކީ ޖިނާއީ ބޮޑު ކުށެއްގެ މައްސަލައަކަށްވާއިރު، ހެކިން ސިއްރު ކުރީ ބިރު ދައްކައި ނުފޫޒު ފޯރުވުމުގެ ޖާގަ އޮތުމުން ކަމަށެވެ. އެފަދަ މައްސަލަތަކުގައި އަމަލު ކުރާ އާންމު އުސޫލަކީ އެއީ ކަމަށެވެ.
ހިފާންއަށް މައްސަލާގައި ހިމެނޭ ވަހީދުގެ މެޑިކަލް ރިޕޯޓާއި އޭނާގެ ތަހުގީގު ބަޔާން ދީފައިވާ ކަމަށާއި އެއީ ޖަވާބުދާރީވުމަށް އެކަށީގެންވާ ވަސީލަތެއް ކަމަށް ވެސް ހުކުމްގައި ފާހަގަ ކޮށްފައިވެ އެވެ.
މީގެއިތުރުން މި މައްސަލާގައި ހެކި ބަސް ދިން ހަ މީހުންގެ ހެކި ބަހުން ވެސް ވަހީދުގެ މެޔަށް ވަޅި ޖެހީ ހިފާން ކަން ސާބިތުވާ ކަމަށް ވެސް ހުކުމްގައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން ދެ މީހަކީ މަސްތުވާތަކެތީގެ ތަފާތު ކުށުގެ ރިކޯޑް އޮންނަ ދެ މީހުންނެވެ. އެ ދެ މީހުންގެ ހެކި ބަހަށް ރިއާޔަތް ނުކުރި ނަމަވެސް ހިފާންގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކިންގެ ހެކި ބަސް ހުރިކަން ހުކުމްގައިވެ އެވެ. އަނެއް ހަތަރު ހެކިންގެ އަދުލެވެރިކަމާމެދު ސުވާލު އުފެެދޭ ކަމެއް ނެތް ކަމަށެވެ.
މި ހާދިސާ ހިނގިއިރު ހިފާންގެ އުމުރަކީ 17 އަހަރާއި ފަސް މަހެވެ. ނަމަވެސް ޖުވެނައިލް ކޯޓުގައި ޝަރީއަތް ކުރިއަށް ގެންދިޔައިރު އޭނާއަށް 18 އަހަރު ވަނީ ފުރިފަ އެވެ.
އިސްލާމީ ޝަރީއަތުގައިވާ ގޮތުން ބުއްދި ސަލާމަތުން ހުރި ބާލިޣުވެފައިވާ ކޮންމެ މީހަކީ އެމީހަކު ކުރާ އަމަލުގެ ނުވަތަ ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނެ މީހެކެވެ. ކުއްޖާގެ އުމުރުން 15 އަހަރުވުމަކީ ބާލިޣުވެފައިވާ ކަމަށް ބެލެވޭނެ ސަބަބެއް ކަމަށް "އަހްލުސުންނަތި ވަލްޖަމާއަތު" ގެ ޖުމްހޫރު އިލްމްވެރިން ވިދާޅުވާ ކަމަށާއި ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުލްއުގޫބާތާއި ގަވައިދުތަކަށް ބަލާއިރު ވެސް 15 އަހަރުވުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ ކަމެއްކަން އެނގޭ ކަމަށެވެ.
ގަސްދުގައި މީހަކު މަރާލުމުގެ ކުށަށް އިސްލާމީ ޝަރީއަތުގައި އަދި ގާނޫނުލްއުގޫބާތުގައި ވެސް ކަނޑައަޅާފައިވާ އަދަބަކީ މަރުގެ އަދުބު ކަމަށްވާއިރު، އެ އަދަބު ދިނުމަށް ބޭނުންވާ ހުރިހާ ޝަރުތެއް މި މައްސަލާގައި ފުރިހަމަވާ ކަމަށް ހުކުމްގައިވެ އެވެ. އެގޮތުން މަރާލި ވަހީދުގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފުމަށް ޝަރީއަތުގެ މަޖިލީހުގައި އެދިފައިވާ ކަމަށާއި އެ އަމަލަކީ ވަހީދު މަރާލުމުގެ ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށް ސާބިތުވާ ކަމަށެވެ. އެހެންވެ، ހައިކޯޓުން ނިންމާފައިވަނީ ދަށުގެ ކޯޓުގެ އެ ހުކުމް ދަމަހައްޓާށެވެ.
ހައިކޯޓުން ދެމެހެއްޓި ހުކުމަކީ ޖުވެނައިލް ކޯޓުގެ ތާރީހުގައި މަރަން ހުކުމްކުރި ދެވަނަ ހުކުމެވެ. އެންމެ ފުރަތަމަ ޖުވެނައިލް ކޯޓުން މަރަން ހުކުމްކުރީ ގ. ވޭރު އަބްދުލްމުހީތަށް ހަމަލާދީ އޭނާ މަރާލި މައްސަލައިގައި ދެ ކުއްޖެއްގެ މައްޗަށެވެ. އެއީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ.
ރާއްޖޭގައި މިހާތަނަށް ގިނަ މަރުގެ ހުކުމްތަކެއް އިއްވާފައިވީ ނަމަވެސް މިހާތަނަށް ތަންފީޒު ކުރުމާ ހަމައަށް ގޮސްފައެއް ނުވެ އެވެ. ސުޕްރީމް ކޯޓުން ވެސް ވަނީ މަރުގެ ތިން މައްސަލައެއް ނިންމައި، އެއީ ނިހާއީ ހުކުމްތަކެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. ހައިކޯޓާއި ސުޕްރީމް ކޯޓުގައި މިހާރު ވެސް އިތުރު މަރުގެ ހުކުމްގެ މައްސަލަތަކެއް އެބަ ހުއްޓެވެ.