ހަބަރު

ލުތުފަރުގެ ހަށިގަނޑު ބައިތައް ކަނޑުއަޑިން ފެނިއްޖެ

އުތުރުގެ ނާލު ބޯޓެއްގެ ފަޅުވެރިއަކަށް އުޅެނިކޮށް "ގެއްލުނު" ބަންގަލަދޭޝްގެ ލުތުފަރުގެ ހަށިގަނޑުގެ ބައެއް ބައިތައް ކަނޑުގެ އަޑީން ފެނިއްޖެ އެވެ.

ށ. ޅައިމަގުގައި ދުއްވަމުން އަންނަ ނާލު ބޯޓު، "ކުރިމަގު" މާލެ ފުރަން ބެލި އިރު އެ ބޯޓުގައި މަސައްކަތް ކުރާ ލުތުފަރު ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކު ގެއްލިގެން މިދިޔަ ބުދަ ދުވަހު ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ.

އެ މައްސަލައިގެ ތަހުގީގުން ހޯދި މައުލޫމާތެއް ހިއްސާ ކުރަމުން ފުލުހުން ބުނީ ގެއްލިގެން އުޅުނު މީހާ އޮތް ކަމަށް ބެލެވޭ ކަނޑުގެ ސަރަހައްދަށް ފުލުހުން ޑައިވްކޮށްގެން ބަލާފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ އިންސާނެއްގެ ބައިތަކެއް ފެނިފައިވާ ކަމަށެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި އެކަމާ ގުޅޭ މައުލޫމާތުތައް ފަހުން ހާމަ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ލުތުފަތު ގެއްލުވާލި މައްސަލާގައި ފުލުހުން ވަނީ ދެ ބިދޭސީއަކު ވެސް ހައްޔަރުކޮށްފަ އެވެ. އެއީ އުމުރުން 30 އަހަރާއި 36 އަހަރުގެ ދެ ބަންގްލަދޭޝް ފިރިހެނުންނެވެ. އެ ދެ މީހުންނަކީ ލުތުފަރުއާ އެންމެ ގާތްކޮށް އެ ބޯޓުގައި މަސައްކަތް ކުރަމުން އަންނަ ދެ މީހުންނެވެ.