މޯލްޑިވްސް ޕޮލިސް ސާވިސް

ލުތުފަރު މަރުގެ މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ށ. ޅައިމަގު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ލުތުފަރުގެ މަރުގެ މައްސަލައިގައި އިތުރު ދެމީހަކު ހައްޔަރުކޮށްފި އެވެ.

ލުތުފަރުގެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ކުރިމަގު ބޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީންނެވެ. ކުރިން ހައްޔަރުކުރި ދެ ބިދޭސީންނާއެކު ލުތުފަރުގެ މަރުގެ މައްސަލައިގައި މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި އެ ބޯޓުގައި މަސައްކަތްކުރާ ހަތަރު ބިދޭސީއަކު އެބަ ތިއްބެވެ.

އެބިދޭސީ މީހާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ ސަމާލުކަމަށް ގެނައީ މިދިއަ މަހުގެ 22 ވަނަ ދުވަހު ރޭ އެބޯޓުގެ ކެޕްޓަން އެވެ.

އޭނާ ގެއްލުނުކަން އެނގުނީ އެރޭ ފަތިހު ބޯޓު މާލެ ފުރަން ވެގެން ބެލި އިރު އޭނާ ބޯޓްގައި ނެތުމުންނާއި އޭގެ ފަހުން އޭނާއަށްވީ ގޮތެއް އެނގިފައި ނުވުމުންނެވެ. އޭރުވެސް އެރަށު ތެރޭގައި ވަނީ ލުތުފަރު މަރާ ލައިފައިވާކަމަށް ބުނެ އަޑުތައް ފެތުރިފަ އެވެ.

މި މައްސަލައިގެ ތަހުގީގުން ހޯދި މައުލޫމާތެއް ހިއްސާ ކުރަމުން ފުލުހުން އިއްޔެ ބުނީ، ގެއްލިގެން އުޅުނު މީހާ އޮތް ކަމަށް ބެލެވޭ ކަނޑުގެ ސަރަހައްދަށް ފުލުހުން ޑައިވްކޮށްގެން ބަލާފައިވާ ކަމަށެވެ. އަދި ލުތުފަރުގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ އިންސާނެއްގެ ބައިތަކެއް ފެނިފައިވާ ކަމަށެވެ.