ހަބަރު

މިއަދު ވެސް ދެ އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ

ރޯދަ މަސް ފެށުނު ފަހުން މަގުމަތީގެ އެކްސިޑެންޓްތައް ގިނަވެފައިވަނިކޮށް މިއަދު ހަވީރު ވެސް ދެ އެކްސިޑެންޓެއް ވެއްޖެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ މެންދުރުފަހު 2:45 ހާއިރު އަމީނީ މަގު ފުރުގާން މިސްކިތް ކައިރިންނެވެ. އެކްސިޑެންޓް ހިނގީ ދެ ކޮޅުން އައި ދެ ސައިކަލް ޖެހިގެންނެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ ހުޅަނގުން އިރަށް ދުއްވާފައިދިޔަ ސައިކަލް ނުބައި ލޭނަށް އަރައި ވެހިކަލެއް އޯވާ ޓޭކް ކުރަން އުޅެނިކޮށް ހުޅަނގަށް ދިޔަ ސައިކަލްގައި ޖެހިގެންނެވެ.

އެކްސިޑެންޓްގައި ނުބައި ފަޅިން އައި ސައިކަލް ދުއްވަން އިނީ 23 އަހަރުގެ ފިރިހެނެކެވެ. އޭނާގެ އަތުގައި ލައިސެންސް އޮތެވެ. އޭނާގެ ކާނާއަތު ފައިގެ ފުންނާބު މަތިން ކަފައިންގެން ގޮސްފައިވެ އެވެ. އަނެއް ސައިކަލްގައި އިން 31 އަހަރުގެ ފިރިހެން މީހާގެ އަތުގައި ލައިސެންސްއެއް ނެތެވެ. އޭނާގެ ކަނާއަތު ފަޔަށް ވަނީ އަނިޔާވެފަ އެވެ.

ފުލުހުންް މައުލޫމާތު ދިން ގޮތުގައި، ދެވަނަ އެކްސިޑެންޓް ހިނގީ ބްރިޖް ހައިވޭގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓު ހިނގަން މެދުވެރިިވީ ބްރިޖު ހައިވޭގައި ކާރެއްގެ ފުރޮޅު ފަޅައިގެންގޮސްގެން މަގުގެ އެއް ފަރާތުގައި މަޑުކޮށްފައި އޮއްވާ މާލެ ފަަޅިން އައި ސައިކަލަކުން އެ ކާރުގައި ޖެހިގެންނެވެ. އެކްސިޑެންޓު ހިނގި ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފަައިވަނީ މިއަދު 15:15 ހާއިރު އެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި، މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާގެ ބޯ ފަަޅައިގެންގޮސް ނޭފަތާއި އަނގައިންވެސް ވަނީ ލޭ އައިސްފަ އެވެ. އަދި، ދަތްދޮޅިންވެސް ތަންކޮޅެއް މަށައިގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. އަނިޔާވި މީހާއަށް ފަރުވާ ކުރުމަށް މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ބްރިޖުގައި ހިނގި މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 29 އަހަރުގެ ލައިސަންސް އޮތް ފިރިހެނެކެވެ.