ހަބަރު

ދީބާޖާ މައްސަލާގައި ފަނޑިޔާރުން ރިޝްވަތެއް ނުނަގާ: ޖުޑިޝަރީ

ގެއްލުމުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ، ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން އިއްވި ހުކުމަކީ ރިޝްވަތު ނަގައިގެން ކުރި ހުކުމެއް ކަމަށް ކުރެވޭ ތުހުމަތު ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއިން ބުނެފި އެވެ.

ޑީޖޭއޭއިން އެހެން ބުނީ މިއަދުު ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެ ނޫސް ބަޔާން ނެރުނީ ނޫހެއްގައި ދީބާޖާ މައްސަލާގެ ހުކުމް ސުޕްރީމް ކޯޓުން ނެރެފައިވަނީ ރިޝްވަތު ނަގައިގެން ކަމަށް ތުހުމަތު ކުރާ ކަމަށް ބުނެފައިވާ ލިޔުމެއްގެ ސަބަބުންނެވެ. ޑީޖޭއޭއިން ބުނި ގޮތުގައި އެ ލިޔުމާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް ފުލުހުންނަށާއި ޕްރޮސިކިއުޓާ ޖެނަރަލަށާއި މީޑިއާ ކައުންސިލަށް މިހާރު ވާނީ މައްސަލަ ހުށަހަޅާފަ އެވެ.

ބަޔާނުގައި ބުނީ އެ ހުކުމް ބިނާ ކުރީ ޝަރުއީ އަދު ގާނޫނީ ސަބަބުތައް އެ ހުކުމްގެ ޝަރީއަތް ނިމުނު ގޮތުގެ ހާއްސަ ރިޕޯޓްގައި ބަޔާންކޮށް، އެ ރިޕޯޓް ވަނީ ވެބްސައިޓްގައި ޝާއިއުކޮށްފަ ކަމަަށެވެ. އެ ހުކުމާ ގުޅިގެން ފަނޑިޔާރުން ރިޝްވަތު ނެގި ކަމަށް ކުރާ ތުހުމަތަކީ އެ ތުހުމަތުތައް ޕްރޮމޯޓް ކުރުމަށް ނޫސްވެރިކަމުގެ ނަމުގައި މަދު ބަޔަކު ލިޔެ ޝާއިއުކޮށްފައިވާ އެއްވެސް އަސްލެއް ނެތް ބުހުތާނު ދޮގު ކަމަށް ބަޔާނުގައި ބުންޏެވެ.

ފަނޑިޔާރަކު ވިޔަސް އަދި ދައުލަތުގެ އެގެން މަގާމެއްގައި ހުރި މީހަކު ވިޔަސް ކޮރަޕްޝަނާއި ފަސާދައިގެ އަމަލެއް ހިންގައިފިނަމަ އެކަމާމެދު ޝަކުވާ ހުށަހަޅާނެ ނިޒާމްތަކާއި އިދާރާތައް އެބަ ހުރި ކަމަށާއި އެހެންވެ އެފަދަ ޝަކުވާއެއް އޮތްނަމަ މައްސަލަ ހުށަހެޅުމުގެ ހައްގު އޮންނާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ އެ ހައްގުގެ ބޭނުން ހިފުމުގެ ބަދަލުގައި ފަނޑިޔާރުންގެ އަގު ވެއްޓޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ފަތުރައި އެ ޕްރޮމޯޓް ކުރުމަކީ ގާނޫނީ ކުށަކަށްވުމުގެ އިތުރަށް އިންތިހާ ދަރަޖައިގެ ޒިންމާދާރުކަން ކުޑަ، އަހުލާގީ ގޮތުން ދަށު އަމަލެއް ކަމަށެވެ.

އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މަގުސަދަކީ ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ނުބައި މަގުސަދެއް ހާސިލްކުރުމާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމާއި ބިރު ދައްކައި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުން ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ފަނޑިޔާރުގެ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން އިސްނަގައިގެން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ކުރާ ކަމެއް ކަމަށް ވެސް ބުންޏެވެ.

ދީބާޖާ މައްސަލާގެ ހުކުމާއެކު ތަފާތު ކަންކަން ދަނީ ފެންމަތިވަމުންނެވެ. އެގޮތުން އެ ހުކުމާ ގުޅިގެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ވެސް ރިޝްވަތުގެ ތުހުމަތު އަމާޒުވި އެވެ. އެއީ އެ މައްސަލަ ކޯޓުން ބޭރުން ހައްލު ކުރަން ބޭނުންވާ ކަމަށް ވިދާޅުވެ ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވާފައިވާތީ އެވެ.

އޭގެއިތުރުން ދީބާޖާއަށް ދޭން ސުޕްރީމް ކޯޓުން ކަނޑައެޅި ފައިސާގެ އަދަދު 50 ޕަސެންޓް ސަކްސެސްފީއެއްގެ ގޮތުގައި އަލްހާން ފަހުމީގެ ހިއްސާ އޮންނަ ލޯ ފާމަކަށް ދޭން އެއްބަސްވެފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ.

މި ހުކުމް ތަންފީޒު ކުރުމަށް ދީބާޖާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު ބަންޑާރަ ނައިބު ވަނީ އެ ހުކުމް ތަންފީޒުކުރުން ބާތިލްކޮށްދޭން އެދިފަ އެވެ. އަދި ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމަވާފަ އެވެ.

ދެހާސްދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭންޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

އެއްބަސްވުން ބާތިލްކުރީ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލަ ސިވިލް ކޯޓުން ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުން ބެލެމަށްފަހު އެއީ ދައުލަތުން ބަދަލު ދޭން ނުޖެހޭ މައްސަލައެއްގެ ގޮތުގައި ކަނޑައެޅި އެވެ. ބޮޑު އަދަދެއްގެ ގެއްލުމުން ދައުލަތް ސަލާމަތްވި އެވެ. އެކަމަކު، އޭގައި އިޖުރާއީ ބޮޑު މައްސަލައެއް ނުކުތެވެ.

ބަންޑާރަ ނައިބުގެ ފަރާތުން ހައިކޯޓަށް މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅީ އެކަމަށް ލިބޭ މުއްދަތު މާބޮޑަށް ވެސް ފަހަނައަޅާ ދިޔަ ފަހުންނެވެ. އޭރު އަމަލު ކުރަމުން ދިޔަ އުސޫލުގައިވާ ގޮތުން ދަށު ކޯޓުތަކުގެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ. --- މިހާރު އެކަމަށް ލިބެނީ 10 ދުވަހުގެ މުއްދަތެކެވެ.

ދައުލަތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ ޖުލައި 22، 2015 އިގައެވެ. ނަމަވެސް އިސްތިއުނާފު ކުރުމަށް ލިބޭ 90 ދުވަހަށް ބަލާއިރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މާޗް 12، 2015 އެވެ. ސުޕްރީމް ކޯޓުން ހައިިކޯޓުގެ ހުކުމް ބާތިލްކުރި މައިގަނޑު ސަބަބަކީ އެއީ އެވެ. ދައުލަތަށް އެ ބޮޑު ގެއްލުމުގެ ސަބަބަކީ ކުޑަ އިހުމާލެކެވެ. އޭރުގެ ބަންޑާރަ ނައިބަކީ މުހައްމަދު އަނިލެވެ.