މޯލްޑިވްސް ޕޮލިސް ސާވިސް

ލުތުފަރު މަރާލީ އެެއް ޖިންސުން ގުޅުން ހިންގަން އުޅުމުން: ފުލުހުން

ށ. ޅައިމަގު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލައިފައިވަނީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގަން އުޅޭތީ ކަމަށް ފުލުހުން ބުނެފި އެވެ.

ލުތުފަރުގެ މަރުގެ މައްސަލައިގެ ތަހްގީގީ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސީރިޔަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ހެޑް، ސްޕްރިޑެންޓް އޮފް ޕޮލިސް ހަޝަން ޝިފާއު ވިދާޅުވީ، ލުތުފަރު ވަނީ އޭނާ އާއެކު އެ ބޯޓުގައި މަސައްކަތް ކުރާ އެހެން ފަޅުވެރިންނާއެކު ޖިސްނީ ގުޅުން ހިންގަން މަސައްކަތް ކޮށްފައި ކަމަށެވެ. އަދި ލުތުފަރު މަރާލީ އެކަމުގައި ނުރުހުމުގައި ކަމަށް ބެލެވޭ ކަމަށެވެ.

ޝިފާއު ވިދާޅުވީ، ލުރުފަރު މަރާލައިފައިވަނީ ކުރިމަގު ބޯޓުގެ ވާތް ފަޅީއަށް އޭނާ ގެންގޮސް ކަރުގަ ހިފައިގެން ކަމަށެވެ. އެ އަޑު އިވިގެން އެ ބޯޓު ކައިރިއަށް ބައެއް މީހުން އެއްވި ކަމަށާއި ނަމަވެސް ލުތަފަރު މަރާލި ނޫރުލް އިސްލާމް އެމީހުންނަށް ދޮގު ވާހަކައެއް ކިޔައިދިނީ ކަމަށް ފުލުހުންނެވެ. އެގޮތުން އެ އަޑަކީ އޭނާ އާއި އަންހެންނާ ދެމެދު ފޯނުން ކުރި ޒުވާބެއްގެ އަޑު ކަމަށް ބުނި ކަމަށެވެ.

ބޯޓު ކައިރިއަށް މީހުން އެެއްވާން ފެށުމުން ލުތުފަރު މަރައިލުމުގައި ބައިވެރިވި އަނެއް ދެ ބިދޭސީން ލުތުފަރުގެ ހަށިގަނޑު ކައިރީގައި ފިލައި ތިބި ކަމަށް ޝިފާއު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ބޯޓު ތެރެއިން ލުތުފަރު މަރާލި އަޑު އިވުނު ވާހަކަ ބޯޓު ކައިރިއަށް ދިޔަ މީހުން އެބޯޓުގެ ކެޕްޓަން ކައިރީގައި ބުނި ކަމަށެވެ.

އިތުރަށް މައުލޫމާތު ދެމުން ޝިފާއު ވިދާޅުވީ، ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ވާޖަހައިފައި މޫދާ ތިރި ކުރި ކަމަށެވެ. އެއީ ބޯޓަށް މީހަކު އަރައިފާނެތީ ކަމަށްވެސް ފުލުހުންގެ ތަހުގީގަށް ހައްޔަރުކުރި ބިދޭސީން މައުލޫމާތު ދީފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ. އަދި އޭނާ މޫދުން ނެގުމަށްފަހު އަންނައުނު ބަދަލުކޮށް އޭނާ ނިދާ ތަނުގައި އޭނާ ބޭއްވި އެވެ. އެގޮތަށް އަމަލުކުރީ މީހަކު ބޯޓަށް އެރި ނަމަވެސް ލުތުފަރު ބޯޓުގައިވާކަން ދެއްކުމަށްކަމަށް ޝިފާއު ވިދާޅުވި އެވެ.

ލުތުފަރު މަރާލުމަށްފަހު ހަށިގަނޑާއިމެދު ކަންތަށް ކުރި ގޮތުގެ މައުލޫމާތު ދެމުން ޝިފާއު ވިދާޅުވީ، ލުތުފަރުގެ ހަށިގަނޑުގައި ތިން ބަސްތާ ވާ ޖަހައިގެން އެއްސުމަށްފަހު 20 ލީޓަރުގެ ކުކިން އޮއިލް ހުސްކުރި ހަން ހިފައިން ފަތައިފައި ލުތުފަރު ހަށިގަނޑު ގެންދިޔަ ކަމަށެވެ. ނަމަވެސް ތިން ބަސްތާ ލުތުފަރުގެ ހަށިގަނޑުގައި އައްސައިފައިވުމުން، ފަތައިފައި ނުގެންދުވުމުގެ ސަބަބުން ދެ ބަސްތާ ވަނީ ތޮށިގަނޑު މައްޗަށް ދޫކޮށްފައި ކަމަށެވެ. އަދި އެއަށްފަހު ތޮށިގަނޑު ނިމޭ ހިސާބުން ލުތުފަރުގެ ހަށިގަނޑު ގަންބާލީ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން ހަތަރު ބިދޭސީ ހައްޔަރުކޮށްފައިވާއިރު، އެމީހުން އެންމެ ފުރަތަމަ ފުލުހުންގެ ތަހުގީގަށް މައުލޫމާތު ދެމުން ބުނީ، ލުތުފަރުގެ ހަށިގަނޑު ގަންބާލުމުގެ ބަދަލުގައި މޫދަށް ދޫކޮށްލީ ކަމަށެވެ. ޝިފާއު ވިދާޅުވީ އެދުވަހު ފަތިހު ބޯޓު މާލެ ފުރަން ތައްޔާރުކޮށް ބޯޓުގެ ކެޕްޓަން ލުތުފަރު ކޮބައިހޭ އެހުމުން، އޭނާ ފެނިފައި ނުވާ ކަމަށް ހައްޔަރަކުރި ބިދޭސީން ކެޕްޓަން ގާތުގައި ބުނި ކަމަށެވެ. ލުތުފަރު އެންމެ ފަހުން ފެނިފައިވަނީ އެޕްރީލް މަހު 21 ވަނަ ދުވަހު ރޭ 9:30 ހާއިރު އެވެ. އެއީ ލުތުފަރު މަރާލި ރެ އެވެ.

ލުތުފަރު ގެއްލުމާއި ގުޅިގެން، އެރަށު ކައުންސިލާއި ހައްޔަރުކުރި ބިދޭސީން އޭނާ ހޯދުމުގެ މަސައްކަތް ކުރި ކަމަށެވެ. ޝިފާއު ވިދާޅުވީ، ލުތުފަރު ހަށިގަނޑު ގަންބާލި ކަމަށް ބުނާ ކަނދުގެ ސަރަހައްދު ފުލުހުން ޑައިވް ކޮށްގެން ބެލިއިރު ބަސްތާތަކާއި ވާ ފަށްތަށް ފެނިފައިވާ ކަމަށެވެ. އަދި އިންސާނެއްގެ ހަށިގަނޑުވެސް ފެނިފައިވާ ކަމަށެވެ. ތަހްގީގަށް ހައްޔަރުކުރި މީހުން ދިން މައުލޫމާތައި ހޯދިފައިވާ އެހެން ހެކިތަށް ބަލާއިރު އެއީ ލުތުފަރުގެ ހަށިގަނޑު ކަމަށް ބެލެވޭ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ލުތުފަރުގެ މަރަކީ ފައިސާ އާއި ގުޅުން ހުރި މައްސަލައެއް ކަމަށް ވެސް އަޑު ފެތުރުނެވެ. ނަމަވެސް ޝިފާއު ވިދާޅުވީ ކުރިމަގު ބޯތުން އެެއްވެސް ވަރަކަށް ފައިސާ ފެނިފައި ނުވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެބޯޓުގައި އުޅެމުންދާ ބިދޭސީންނަކީ އެއަތޮޅުން އެހެން ރަށްރަށުން ތަރުކާރީ ގަނެގެން މާލެ ވިއްކަމުންދާ ބައެއް ކަމަށެވެ.