ހަބަރު

ސަލާމަތީބާރުގެ ތަމްރީނެއް: މާލޭގައި ފޯރިމަރަނީ!

ސިފައިންނާއި ފުލުހުން ގުޅިގެން މާލޭގައި ބޮޑު ތަމްރީނެއް ކުރިއަށް އޮތް ތިން ދުވަހު ހިންގަން ނިންމައި އެ ތަމްރީނުތައް ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ސިފައިނާއި ފުލުހުން ކުރިއަށް ގެންދާ ތަމްރީނުތައް މިއަދު އިރުއޮއްސުނުއިރު ފަށާފައިވާ ކަމަށެވެ. ތަމްރީނުތައް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި މި ތަމްރީނަކީ ދެ އިދާރާގެ އޮޕަރޭޝަން ގާބިލްކަން އިތުރު ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ތަމްރީނެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް މިގޮތަށް ގުޅިގެން ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި ތަމްރީނުގައި ވެހިކަލްތައް ހުއްޓުވައި ބަލައި ފާސްކުރަން ވަނީ ނިންމާފަ އެވެ. އަދި ތަމްރީނުތައް ފެށުމާއެކު އާންމު އެއްވެ އުޅޭ ބައެއް ތަންތަން ވެސް ދަނީ ބަލައި ފާސް ކުރަމުންނެވެ.

މީގެ އިތުރުން ބައެއް މުހިންމު އިދާރާތަކުގައި ސިފައިން ދަނީ ފޯރިމަރަމުންނެވެ. އޭގެ ތެރޭގައި ދައުލަތުގެ މީޑިއާ، ގައުމީ ޓީވީ އާއި ރޭޑިއޯ ހިމެނޭ ޕީއެސްއެމްގެ އިދާރާ ވެސް ހިމެނެ އެވެ. ކުރިއަށް އޮތް ތިން ދުވަހު ޕީއެސްއެމްގެ ތެރޭގައި ސިފައިން ހަރަކާތްތެރިވާނެކަން އެތަނުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް އެ ތަނުގެ އޮފިޝަލަކުވެސް މިރޭ ވިދާޅުވި އެވެ. އަދި އެތާނގެ މުވައްޒަފުން މި ތިން ދުވަހު އަބަދުވެސް ސްޓާފް ކާޑް ގެންގުޅުމަށް ވެސް ވަނީ އަންގާފަ އެވެ.

ނަމަވެސް މިކަންކަމާ ގުޅޭ ގޮތުން ސިފައިން އިތުރު މައުލޫމާތެއް ނުދީ ހަމަ އެކަނި ނެރެފައި ވަނީ ނޫސް ބަޔާނެކެވެ. އޭގައި ބުނަނީ ސިފައިންގެ މި ފަރިތަކުރުންތަކަކީ "ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ނޫން ކަމުގައި ދަންނަވާ" ކަމަށެވެ.

މި ތަމްރީނުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށް ބުނަން ފަށާފަ އެވެ. އަދި ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކަލެއް އޮތް ކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި މިރޭ ގަދަވެފައިވެ އެވެ.

އެކަމާ ގުޅިގެން ވެސް ސިފައިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.