ހަބަރު

ތަމްރީނު ހިންގަނީ ކަމެއް މެދުވެރިވެގެނެއް ނޫން: އެމްއެންޑީއެފް

ސަލަމާތީ ބާރުތަކުން މިއަދު މާލޭގައި ފެށި ތަމްރީނަކީ ވަކި ކަމެއް މެދުވެރިވެގެން ފެށި ތަމްރީނެއް ނޫން ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

މިއަދު އިރުއޮއްސުނު ވަގުތުން ފެށިގެން ސިފައިންނާއި ފުލުހުން ގުޅިގެން ތަމްރީނެއް މާލޭގައި ވަނީ ފާށާފަ އެވެ. ތިން ދުވަހަށް ކުރިއަށްދާ އެ ތަމްރީނުގައި ވެހިކަލްތައް ހުއްޓުވައި ބަލައި ފާސްކޮށް މީހުން އެއްވެ އުޅޭ ތަންތަނާއި މުހިންމު އިދާރާތަކުގައި ސިފައިން ދަނީ ފޯރިމަރަމުންނެވެ.

ސޯޝަލް މީޑިއާގައި މި ތަމްރީނާ ގުޅިގެން ވަރަށް ބޮޑު ނުތަނަވަސްކަމެއް ވެސް ވަނީ ފެތުރިފަ އެވެ. ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކަލެއް އޮތް ކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި މިރޭ ގަދަވެފައި ވެއެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފްއިން މިރޭ ނެރުނު ނޫސްބަޔާން އެއްގައި ބުނީ، މިދިޔަ މަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ފަރިތަކުރުންތައް ފެށީ މި މަހުގެ ފަސް ވަނަ ދުވަހުގައި ކަމަށެވެ. މިއަދު ފެށީ އެ ސިލްސިލާގެ ދެވަނަ ތަމްރީންތަކެއް ކަމަށެވެ.

"ކުރިއަށް ގެންދެވޭ މި ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ނޫންކަމުގައި ދަންނަވަން،" އެމްއެންޑީއެފްގެ ބަޔާނުގައިވެ އެވެ.

އެހެންނަމަވެސް އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ނޫނީ ފުލުހަށް އެކަމެއް އަވަހަށް އެންގުމަށް އެމްއެންޑީއެފްއިން ވަނީ އަންގާފަ އެވެ.

މިރޭ ފެށި ތަމްރީނުގައި އިދާރާތަކުގެ ތެރޭގައި ސިފައިން ހަރަކާތްތެރިވާއިރު، އެ ތަނުގެ މުވައްޒަފުން އަބަދުވެސް ސްޓާފް ކާޑް މި ތިން ދުވަހު ގެންގުޅުމަށް ވަނީ އަންގާފަ އެވެ. މި ތިން ދުވަހު އެއްވުންތަކާއި ޖަލްސާތައް ނުބޭއްވުމަށް އެމްއެންޑީއެފްއިން ސަރުކާރުގައި އެދިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުލިބެ އެވެ.

މިރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިހްޔާ ޖަލްސާ ވެސް ވަނީ ކެންސަލްކޮށްފަ އެވެ.