ހަބަރު

އެއްވެސް އިންޒާރެއް ލިބިފައެއް ނެތް: ފުލުހުން

މިއަދު ސިފައިންނާއި ފުލުހުން ފެށި ތަމްރީނަކީ އެއްވެސް އިންޒާރެއް ލިބިގެން ފެށި ތަމްރީނުތަކެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު އިރުއޮއްސުނު ވަގުތުން ފެށިގެން ސިފައިންނާއި ފުލުހުން ގުޅިގެން ތަމްރީނެއް މާލޭގައި ވަނީ ފާށާފަ އެވެ. ތިން ދުވަހަށް ކުރިއަށްދާ އެ ތަމްރީނުގައި ވެހިކަލްތައް ހުއްޓުވައި ބަލައި ފާސްކޮށް މީހުން އެއްވެ އުޅޭ ތަންތަނާއި މުހިންމު އިދާރާތަކުގައި ސިފައިން ދަނީ ފޯރިމަރަމުންނެވެ.

ސޯޝަލް މީޑިއާގައި މި ތަމްރީނާ ގުޅިގެން ވަރަށް ބޮޑު ނުތަނަވަސްކަމެއް ވެސް ވަނީ ފެތުރިފަ އެވެ. ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކަލެއް އޮތް ކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި މިރޭ ގަދަވެފައި ވެއެވެ.

އެކަމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސަލާމަތީ ބާރުތައް ގުޅިގެން ކުރިއަށްގެންދާ ފަރިތަކުރުންތަކަކީ ވަކި ހާއްސަ ކަމަކާއި ގުޅިގެން ނުވަތަ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދާ ތަމްރީނުތަކެއް ނޫންކަން ކަމަށެވެ.

އެހެންނަމަވެސް، އަވަށްޓެރި ސްރީލަންކާއަށް ދިން ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމުގެ ގޮތުން ފުލުހުންނާއި ސިފައިން ވަނީ މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ސިލްސިލާ ފަރިތަކުރުންތަކެއް ފަށާފަ ކަމަށާއި މިއަދު ފެށީ އޭގެ ދެވަނަ ބައި ކަމަށެވެ. މި ފަރިތަކުރުންތަކުގެ މަގުސަދަކީ ކުއްލި ހާލަތްތަކުގައި އެކި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތާއި އަދި "މަލްޓި އޭޖެންސީ ކޯރޑިނޭޝަން" ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން ކަމަށް ފުލުހުން ބުންޏެވެ.

"މިއީ އެއްވެސް ދިމާލަކުން ލިބުނު އިންޒާރަކާއި ގުޅިގެން ހިންގަން ފެށި ފަރިތަކުރުންތަކެއް ނޫންކަން ދަންނަވަން އަދި މިއީ ފުލުހުންގެ 2019-2024 އަށް އެކުލަވާލެވުނު ސްޓްރެޓީޖިކް ޕްލޭންގެ ޕްރައޯރިޓީއެއް ކަމުގައިވާ "އޮޕަރޭޝަނަލް ރެޑީނެސް" ގެ ދަށުން ކުރަން އިސްކަންދީފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް،" ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ އިތުބާރު ނުހިފޭ މަސްދަރުތަކުން ލިބޭ މައުލޫމާތާއި ކަށަވަރުނުވާ، ތެދު ނޫން މައުލޫމާތު ސޯޝަލް މީޑިއާގައި ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޝައްކު އުފެދޭ ޒާތުގެ އެއްވެސް ކަމެއް ފާހަގަކުރެވޭނަމަ، ލަސްނުކުރައްވާ ފުލުހަށް ނޫނީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރަށް ރިޕޯޓް ކުރުމަށް ފުލުހުން ވެސް އެދުނެވެ.

"މި ފުރުސަތުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ފުލުހުން ކުރާނެކަމުގެ ޔަގީންކަން އަރުވަން،" ބަޔާނުގައި ބުންޏެވެ.

ސޯޝަލް މީޑިއާގެ ނުތަނަވަސްކަމާ ގުޅިގެން އެމްއެންޑީއެފްއިން ވެސް ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ވެސް ބުނެފައިވަނީ ތަމްރީނުތަކަކީ ވަކި ކަމެއް މެދުވެރިވެގެން ހިންގާ ތަމްރީނުތަކެއް ނޫން ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް ޝައްކު އުފެދޭ ކަމެއް އޮތްނަމަ، ރިޕޯޓްކުރުމަށް އެދުނެވެ. ލަންކާގެ ހަމަލާތަކަކަށްފަހު ރާއްޖޭގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފަ އެވެ.

މިރޭ ފެށި ތަމްރީނުގައި މުހިންމު އިދާރާތަކުގެ ތެރޭގައި ސިފައިން ހަރަކާތްތެރިވާއިރު، އެ ތަނުގެ މުވައްޒަފުން އަބަދުވެސް ސްޓާފް ކާޑް މި ތިން ދުވަހު ގެންގުޅުމަށް ވަނީ އަންގާފަ އެވެ. މި ތިން ދުވަހު އެއްވުންތަކާއި ޖަލްސާތައް ނުބޭއްވުމަށް އެމްއެންޑީއެފްއިން ސަރުކާރުގައި އެދިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުލިބެ އެވެ.

މިރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިހްޔާ ޖަލްސާ ވެސް ވަނީ ކެންސަލްކޮށްފަ އެވެ.