ހަބަރު

ނުރައްކަލެއް އޮތްނަމަ ސިއްރެއް ނުކުރާނަން: އެންސީޓީސީ

ރައްޔިތުންނަށް ނުރައްކަލެއް އޮތްނަމަ ސިއްރުނުކޮށް، އެ މައުލޫމާތު ހާމަ ކުރައްވާނެ ކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެ އެވެ.

މިއަދު އިރުއޮއްސުނު ވަގުތުން ފެށިގެން ސިފައިންނާއި ފުލުހުން ގުޅިގެން ތަމްރީނެއް މާލޭގައި ވަނީ ފާށާފަ އެވެ. ތިން ދުވަހަށް ކުރިއަށްދާ އެ ތަމްރީނުގައި ވެހިކަލްތައް ހުއްޓުވައި ބަލައި ފާސްކޮށް މީހުން އެއްވެ އުޅޭ ތަންތަނާއި މުހިންމު އިދާރާތަކުގައި ސިފައިން ދަނީ ފޯރިމަރަމުންނެވެ.

ސޯޝަލް މީޑިއާގައި މި ތަމްރީނާ ގުޅިގެން ވަރަށް ބޮޑު ނުތަނަވަސްކަމެއް ވެސް ވަނީ ފެތުރިފަ އެވެ. ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކަލެއް އޮތް ކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި މިރޭ ގަދަވެފައި ވެއެވެ.

އެކަމާ ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ޒަކަރިއްޔާ ވިދާޅުވީ މި ސަރަހައްދުގައި ހިނގާ ކަންކަމަށް ދިވެހިން ލޯހުޅުވިފަ ތިބެންޖެހޭ ކަމަށެވެ. ދިމާވެދާނެ ކަމަކަށް ސަލާމަތީ ބާރުތަކުން ތިބޭނީ ތައްޔާރުވެ ކަމަށެވެ.

ފުލުހުންނާއި ސިފައިން މިރޭ ނެރުނު ބަޔާނުގައި ބުނީ ސަލާމަތީ ބާރުތައް ގުޅިގެން ކުރިއަށްގެންދާ ފަރިތަކުރުންތަކަކީ ވަކި ހާއްސަ ކަމަކާއި ގުޅިގެން ނުވަތަ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދާ ތަމްރީނުތަކެއް ނޫންކަން ކަމަށެވެ.

އެހެންނަމަވެސް، އަވަށްޓެރި ސްރީލަންކާއަށް ދިން ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމުގެ ގޮތުން ފުލުހުންނާއި ސިފައިން ވަނީ މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ސިލްސިލާ ފަރިތަކުރުންތަކެއް ފަށާފަ ކަމަށާއި މިއަދު ފެށީ އޭގެ ދެވަނަ ބައި ކަމަށެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޝައްކު އުފެދޭ ޒާތުގެ އެއްވެސް ކަމެއް ފާހަގަކުރެވޭނަމަ، ލަސްނުކުރައްވާ ފުލުހަށް ނޫނީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރަށް ރިޕޯޓް ކުރުމަށް ވެސް އެދުނެވެ.

ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ތަމްރީނުތަކުގެ ބޭނުމަކީ ހާދިސާއެއް ދިމާވުމުގެ ކުރިން ދުރާލާ ތައްޔާރުވެ ތިބުން ކަމަށެވެ. ޓެރަރިޒަމްގެ ހުރިހާ އަމަލަކީ ދުރާލައި އެނގިގެން ހިނގާކަންކަން ނޫން ނަމަވެސް ރައްޔިތުންނަށް ނުރައްކާވާފަދަ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިއްޖެނަމަ އެކަން ސިއްރުނުކޮށް ރައްޔިތުންނަށް އަންގާނެ ކަމަށް ވިދާޅުވި އެވެ.