ހަބަރު

ޝައްކު އުފެދޭ ކަމެއްވާނަމަ ރިޕޯޓްކުރަން އެދިއްޖެ

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ކަމެއްގެ މައުލޫމާތު ލިބިއްޖެނަމަ އަވަހަށް ރިޕޯޓް ކުރުމަށް ސަލާމަތީ ބާރުތަކުން އެދިއްޖެ އެވެ.

އެގޮތަށް އެދިފައިވަނީ ފުލުހާއި ސިފައިން އަދި ކައުންޓާ ޓެރަރިޒަމް ސެންޓަރުން މިރޭ ނެރުނު ބަޔާންތަކުގަ އެވެ. އެ ބަޔާންތައް ނެރުނީ ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކަލެއް އޮތް ކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި މިރޭ ގަދަވުމުންނެވެ.

އަޑުތައް ގަދަވީ ސިފައިންނާއި ފުލުހުން ފެށި ތަމްރީނާ ގުޅިގެންނެވެ. މިއަދު އިރުއޮއްސުނު ވަގުތުން ފެށިގެން ސިފައިންނާއި ފުލުހުން ގުޅިގެން ތަމްރީނެއް މާލޭގައި ވަނީ ފާށާފަ އެވެ. ތިން ދުވަހަށް ކުރިއަށްދާ އެ ތަމްރީނުގައި ވެހިކަލްތައް ހުއްޓުވައި ބަލައި ފާސްކޮށް މީހުން އެއްވެ އުޅޭ ތަންތަނާއި މުހިންމު އިދާރާތަކުގައި ސިފައިން ދަނީ ފޯރިމަރަމުންނެވެ.

ފުލުހުންނާއި ސިފައިން މިރޭ ނެރުނު ބަޔާނުގައި ބުނީ ސަލާމަތީ ބާރުތައް ގުޅިގެން ކުރިއަށްގެންދާ ފަރިތަކުރުންތަކަކީ ވަކި ހާއްސަ ކަމަކާއި ގުޅިގެން ނުވަތަ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދާ ތަމްރީނުތަކެއް ނޫންކަން ކަމަށެވެ.

އެހެންނަމަވެސް، އަވަށްޓެރި ސްރީލަންކާއަށް ދިން ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމުގެ ގޮތުން ފުލުހުންނާއި ސިފައިން ވަނީ މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ސިލްސިލާ ފަރިތަކުރުންތަކެއް ފަށާފަ ކަމަށާއި މިއަދު ފެށީ އޭގެ ދެވަނަ ބައި ކަމަށެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޝައްކު އުފެދޭ ޒާތުގެ އެއްވެސް ކަމެއް ފާހަގަކުރެވޭނަމަ، ލަސްނުކުރައްވާ ފުލުހަށް ނޫނީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރަށް ރިޕޯޓް ކުރުމަށް ވެސް އެދުނެވެ.

ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ރައްޔިތުންނަށް ނުރައްކަލެއް އޮތްނަމަ ސިއްރުނުކޮށް، އެ މައުލޫމާތު ހާމަ ކުރައްވާނެ ކަމަށެވެ. ފުލުހުން ވެސް ވަނީ ޔަގީން ނޫން މައުލޫމާތު ނުފަތުރަން އިލްތިމާސްކޮށްފަ އެވެ.