ހަބަރު

އަދީބުގެ މައްސަލަތައް ފޮނުވާލީ ބާތިލް ތަހުގީގުތަކަކަށްވާތީ: ކޯޓު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ މައްސަލަތަކުގެ ޝަރީއަތް ނުހިންގަން ނިންމައި އެ މައްސަލަތައް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް އަނބުރާ ފޮނުވާލީ މައްސަލަތަކުގެ ތަހުގީގުތަކަކީ ސައްހަ ތަހުގީގުތަކަކަށް ނުވާނެ ކަމަށް ކަނޑައަޅާފައިިވާތީ ކަމަށް ކުރިމިނަލް ކޯޓުން ބުނެފި އެވެ.

ކުރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ޖަލްސާގައި އަދީބުގެ 15 މައްސަލައެއް އަނބުރާ ފޮނުވާލުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހައިކޯޓުން އަލުން ބަލަން އެންގި ފިނިފެންމާ ލޯންޗުކޮޅު މައްސަލަ އާއި މާބިންހުރާ މައްސަލަ ވެސް ހިމެނެ އެވެ. އެ ދެ މައްސަލާގައި އަދީބުގެ މައްޗަށް އިއްވާފައި އޮތް 23 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށް، ކުރިމިނަލް ކޯޓަށް އެންގީ މައްސަލަ އަލުން ބެލުމަށެވެ.

ހައިކޯޓުން އެ ދެ މައްސަލަ ވެސް އަލުން ބެލުމަށް ކުރިމިނަލް ކޯޓަށް އެންގި މައިގަނޑު ސަބަބަކީ ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގެ ސަބަބުންނެވެ. އެގޮތުން ހައިކޯޓުގެ ހުކުމްގައި ފާހަގަކުރީ އެކެއް ފެބުރުއަރީގެ އަމުރުގައި ބައެއް މައްސަލަތައް ހާއްސަކޮށް ސިޔާސީ ފަރާތަކަށް ކުރި ދައުވާތަކަކީ ސިޔާސީ ނުފޫޒުގައި ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގުތަކާ ހިލާފަށް، ޖިނާއީ އިޖުރާއަތްތަކާ ވެސް ހިލާފަށް އުފުލާފައިވާ ދައުވާތަކެއްކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކުގެ ފުލުހުން ހިންގި ތަހުގީގުތަކަކީ ވެސް ހަމަ އެ ނުފޫޒުތަކާއެކު ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އިޖުރާއަތްތަކާ ހިލާފަށް ހިންގާފައިވާ ތަހުގީގުތަކެއް ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

ސުޕްރީމް ކޯޓުން އަމުރުގެ ބޮޑު ބައެއް ބާތިލްކުރިއިރު ވެސް އެ ބައި ބާތިލްކޮށްފައިނުވާކަން ފާހަގަކުރި އެވެ. އަމުރުގެ އެ ބައިން ވެސް ބާތިލް ކުރީ ސިޔާސީ ނުވަ މީހުން ވަގުތުން ދޫކޮށްލުމަށް އެންގި ބައިކަން ހުކުމްގައި ފާހަގަކުރި އެވެ. އެހެންވެ، އެފަދަ މައްސަލަތަކީ އަލުން ބަލައި ޝަރީއަތް ހިންގަންޖެހޭ މައްސަލަތަކެއްކަން އެނގެން އޮންނަ ކަމަށެވެ. އެފަދަ އެއް މައްސަލައަކީ އަދީބުގެ މައްޗަށް ހިންގާފައިވާ ޝަރީއަތްތައް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުން މިއަދު އެ ކޯޓުން އާންމުކޮށްފައިވާއިރު އެ ނިންމުމުގައި ބުނެފައިވަނީ އެ މައްސަލާގެ ތަހުގީގުތައް ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ހައިކޯޓުން ވާސިލްވެފައިވާއިރު، އެއީ ކުރިމިނަލް ކޯޓުން ތަބާވާން ޖެހޭނެ ކަނޑައެޅުމެއް ކަމަށެވެ.

އެހެންވީއިރު ހަމަ އެ ތަހުގީގުތަކުގެ މައްޗަށް އަލުން ކުރިމިނަލް ކޯޓުގައި ޝަރީއަތް ހިންގުން ވެގެންދާނީ ބާތިލް ތަހުގީގެއްގެ މައްޗަށް ހިންގޭ ޝަރީއަތަކަށް ކަމަށެވެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ އެ ބާތިލް ޝަރީއަތްތަކަކަށްވުން ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް މިއަދު ވަނީ އެ 15 މައްސަލަ ވެސް ލިބިފައިވާކަން ކަށަވަރުކޮށް ދެއްވާފަ އެވެ. ނަމަވެސް ކުރިމިނަލް ކޯޓުގެ އެ ނިންމުން އެކަމަނާ ގަބޫލެއް ނުކުރައްވަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް މިއަދު "އަވަސް"އަށް ވިދާޅުވީ ހައިކޯޓުން އަލުން ބަލަން އެންގި މައްސަލައެއް ނުބަލަން ނިންމައި އަނބުރާ ފޮނުވާލުމުގެ އިހްތިސޯސް ކުރިމިނަލް ކޯޓަށް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ހައިކޯޓަކީ މަތީ ކޯޓެއް، އިސްތިއުނާފު ކޯޓެއް، އެ ކޯޓުން ނިންމާ ނިންމުމަކަށް އަމަލު ނުކުރަން ދަށު ކޯޓަކަށް ނުނިންމޭނެ، އެހެންވެ އަޅުގަނޑުމެން އަދިވެސް ހައިކޯޓުގެ އަމުރާ އެއްގޮތަށް މަސައްކަތް ކުރާނަން،" ޕްރޮސިކިއުޓާ ޖެނަރަލް ވިދާޅުވި އެވެ.

އަދީބު މިހާރު ބަންދުގައި ހުންނެވީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގެ ޝަރީއަތަށެވެ. އެ މައްސަލާގައި އަދީބުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރިން އިއްވާފައި އޮތް 15 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބެލުމަށް ކުރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން އޮތީ އަމުރުކޮށްފަ އެވެ.

އޭގެއިތުރުން އެ މައްސަލާގެ ޝަރީއަތަށް އަދީބު ބަންދުގައި ބެހެއްޓުމަށް ފެންނާތީ، އޭނާގެ ބަންދަށް ހައިކޯޓުން 15 ދުވަސް ދިނެވެ. އަދި އެ 15 ދުވަސް ނިމުމުން އިތުރަށް ބަންދުގައި ބަހައްޓަން އެދޭނަމަ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކުރިމިނަލް ކޯޓުގައި އެދުމަށް ވެސް ހައިކޯޓުން އޮތީ އަންގާފަ އެވެ. އެ 15 ދުވަސް ހަމަވާނީ އަންނަ އަންގާރަ ދުވަހަށެވެ.

ބިޝާމް ވިދާޅުވީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ ބަންދު އިތުރު ކުރުމަށް ކުރިމިނަލް ކުރިމިނަލް ކޯޓަށް މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅުއްވާނެ ކަމަށެވެ.