ހަބަރު

އަދީބުގެ ބަންދު އިތުރުކޮށް ނުދިން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ ބަންދު އިތުރު ނުކުރުމަށް ކުރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ކުރިމިނަލް ކޯޓުން އެގޮތަށް ނިންމީ، ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އަދީބުގެ ބަންދު އިތުރު ކުރުމަށް އެދިފައިވާތީ އެކަމަށްޓަކައި މިއަދު އަދީބު އެ ކޯޓަށް ހާޒިރުކުރުމަށްފަހު އެވެ.

އަދީބު ބަންދުގައި ހުންނެވީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގެ ޝަރީއަތަށެވެ. އެ މައްސަލާގައި އަދީބުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރިން އިއްވާފައި އޮތް 15 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބެލުމަށް ކުރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން އޮތީ އަމުރުކޮށްފަ އެވެ.

އޭގެއިތުރުން އެ މައްސަލާގެ ޝަރީއަތަށް އަދީބު ބަންދުގައި ބެހެއްޓުމަށް ފެންނާތީ، އޭނާގެ ބަންދަށް ހައިކޯޓުން 15 ދުވަސް ދިނެވެ. އަދި އެ 15 ދުވަސް ނިމުމުން އިތުރަށް ބަންދުގައި ބަހައްޓަން އެދޭނަމަ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކުރިމިނަލް ކޯޓުގައި އެދުމަށް ވެސް ހައިކޯޓުން އޮތީ އަންގާފަ އެވެ. އެ 15 ދުވަސް ހަމަވާނީ އަންނަ އަންގާރަ ދުވަހަށެވެ.

އެ އަމުރަށް ތަބާވުމުގެ ގޮތުން ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން އަދީބުގެ ބަންދު އިތުރު ކުރުމަށް އެދުނެވެ. ނަމަވެސް އޭގެ ކުރިން ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ އެ މައްސަލައާއެކު އަދީބުގެ ހުރިހާ މައްސަލައެއް ނުބަލަން ނިންމާފަ އެވެ. އެ މައްސަލަތައް އަނބުރާ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާލުމަށް އެ މަޖިލީހުން ނިންމީ، ތަހުގީގަށް ނުފޫޒު ވަދެފައިވާ ކަމަށް ގަބޫލު ކުރާތީ އެވެ.

މައްސަލަތައް ނުބަލަން ނިންމައި، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް އަނބުރާ ފޮނުވާލާފައިވާތީ އަދީބު ބަންދުގައި ބަހައްޓަން ޖެހޭނެ ސަބަބެއް ނެތް ކަމަށް މިއަދު އެ ކޯޓުން ނިންމީ އެވެ. ނަމަވެސް ކުރިމިނަލް ކޯޓުން މައްސަލަތައް އަނބުރާ ފޮނުބާލި އެ ނިންމުން ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ގަބޫލެއް ނުކުރައްވަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް މިއަދު "އަވަސް"އަށް ވިދާޅުވީ ހައިކޯޓުން އަލުން ބަލަން އެންގި މައްސަލައެއް ނުބަލަން ނިންމައި އަނބުރާ ފޮނުވާލުމުގެ އިހްތިސޯސް ކުރިމިނަލް ކޯޓަށް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ހައިކޯޓަކީ މަތީ ކޯޓެއް، އިސްތިއުނާފު ކޯޓެއް، އެ ކޯޓުން ނިންމާ ނިންމުމަކަށް އަމަލު ނުކުރަން ދަށު ކޯޓަކަށް ނުނިންމޭނެ، އެހެންވެ އަޅުގަނޑުމެން އަދިވެސް ހައިކޯޓުގެ އަމުރާ އެއްގޮތަށް މަސައްކަތް ކުރާނަން،" ޕްރޮސިކިއުޓާ ޖެނަރަލް ވިދާޅުވި އެވެ.

އެ މައްސަލާގެ އިތުރުން އަލުން ބަލަން އެންގި، އެކަމަކު މިހާރު އަނބުރާ ފޮނުވާލާފައިވާ ޅ. މާބިންހުރާގެ މައްސަލާގައި ސުޕްރީމް ކޯޓަށް ވަޑައިގަތުމަށް ވެސް ބިޝާމް ވަނީ ނިންމަވާފަ އެވެ.

އަދީބުގެ މައްޗަށް މިހާރު އޮތީ އެންމެ ހުކުމެކެވެ. އެއީ ކުރިމިނަލް ކޯޓުގެ ހުރުމަތް ކަނޑައިގެން އޭނާގެ މައްޗަށް އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމެވެ. އެ ހުކުމް ތަންފީޒު ކުރަން ކަރެކްޝަނަލް ސާވިސްއިން ދަނީ މަސައްކަތް ކުރަމުންނެވެ.