ހަބަރު

އަބްދުﷲ ދީދީއަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތުގެ ތުހުމަތު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް އިއްވުމަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތު މިހާރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ނެންގެވި ކަމަށް ތުހުމަތުކޮށްފި އެވެ.

އެ ތުހުމަތު ކުރައްވައި، އެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅުއްވާފައިވަނީ އެ ކޮމިޝަންގެ މެންބަރުކަން ވެސް މިހާރު ކުރައްވާ ރައީސް ނަޝީދެވެ.

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް ކުރިމިނަލް ކޯޓުން 13 އަހަރުގެ ހުކުމެއް އިއްވި އެވެ. އެ ހުކުމް އިއްވި ބެންޗުގައި އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވަ އެވެ. އޭގެ މާގިނަ ދުވަސްތަކެއް ނުވަނީސް އަބްދުﷲ ދީދީ ހައިކޯޓަށް ބަދަލު ކުރެއްވި އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނަވަނިކޮށް އޭނާއަށް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންކަން ދެއްވާފަ އެވެ. އެއީ އެކެއް ފެބުރުއަރީގައި ހިނގައިދިޔަ ކަންތައްތަކަށްފަހު އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ހުށަހެޅުއްވި މައްސަލާގައި ތުހުމަތުކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވުމުގެ ބަދަލުގެ އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުންގެ އެކައުންޓަށެވެ. އެއީ އަބްދުﷲ ދީދީގެ އަނބިކަނބަލުން މެލޭޝިއާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށްވެ އެވެ. ނަމަވެސް އެ ފައިސާ ދިން މީހެއް ސާފެއް ނުވެ އެވެ.

މީގެކުރިން މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ ކޮމިޝަނަށް އެ މައްސަލާގެ ތަހުގީގު ކުރިއަށް ގެންދެވިފައެއް ނުވެ އެވެ.