ހަބަރު

ދެ މީހުންގެ މައްސަލާގައި ފުލުސް ވަނީ ނިޒާމްގެ ތަރުތީބު މުގުރާލާފައި: ކްރިމިނަލް ކޯޓް

ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު މިދިޔަ ހޯމަ ދުވަހު ހުޅުމާލެއިން ހައްޔަރުކުރި ދެ މީހުންގެ މައްސަލާގައި ފުލުހުން އަމަލު ކުރަމުންދާ ގޮތާމެދު ސުވާލު އުފެދޭ ކަމަށާއި އަމަލު ކުރާ ގޮތުން އަދުލުގެ ނިޒާމްގެ ތަރުތީބު މުގުރިފައިވާ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.

ހޯމަ ދުވަހު އެ ދެ މީހުން ހައްޔަރުކުރީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. ބަންދު ޖެހުމަށް ގެންދިޔައީ ކުރިމިނަލް ކޯޓަށެވެ. ނަމަވެސް 25 އަހަރުގެ ފިރިހެން މީހާ އާއި 52 އަހަރުގެ އަންހެން މީހާ ބަންދުކުރުމަށް ނެރެފައިވާ އަމުރުގައި އިޖުރާއީ މައްސަލަތަކެއް އުޅޭތީ ކުރިމިނަލް ކޯޓުން އެންގީ އެ ދެ މީހުން ދޫކޮށްލުމަށެވެ. ބަލައި ފާސްކުރަން ނެރެފައި އޮތް އަމުރުގައި އެ އަމުރު ނެރުނު ފަނޑިޔާރުގެ ނަމެއް ނެތެވެ. ނަން އޮތުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ލާޒިމް ކުރާ ކަމެކެވެ.

އެމީހުން ދޫކޮށްލުމުން ހުޅުމާލެ ކޯޓުން އިތުރު އަމުރެއް ހޯދައިގެން ރޭ އަނެއްކާވެސް އެ ދެ މީހުން ހައްޔަރުކުރި އެވެ. އަދި މިފަހަރު ބަންދު ޖެހުމަށް ގެންދިޔައީ ހުޅުމާލެ ކޯޓަށެވެ. ނަމަވެސް ހުޅުމާލެ ކޯޓުން ވެސް އެންގީ އެ ދެ މީހުން ދޫކޮށްލުމަށެވެ. އެއީ ބަންދު ޖެހުމަށް ހުށަހެޅުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތް ފުލުހުން ފުރިހަމަ ނުކުރާ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން މިރޭ ކުރިމިނަލް ކޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މައްސަލާގައި އެ ދެ މީހުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރީ ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށްވާތީ ކަމަށެވެ. އަދި އެ ހަބަރު ފުލުހުން މީޑިއާއަށް ފޯރުކޮށްދިނީ އެއްވެސް ޒިންމާދާރު ކަމެއް ނެތި، ޝަރުއީ ދާއިރާގެ ތަސައްވުރު ނުބައިވާ ގޮތަށް ކަމަށެވެ. ގާނޫނާ ހިލާފަށް އޮތް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ މީހެއްގެ ބަންދު އިތުރު ކުރުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަމަށާއި އެއީ މުއާހަދާތައް ވެސް މަނާ ކުރާ ކަމެއް ކަމަށެވެ.

ފުރަތަމަ މަރުހަލާގައި ނެރޭ އަމުރާމެދު ހިތްހަމަ ނުޖެހޭ ނަމަ އޮތީ މަތީ ކޯޓުގައި އިސްތިއުނާފު ކުރުން ކަމަށާއި ނަމަވެސް ފުލުހުން އިހްތިޔާރު ކުރީ އެ މަގު ނޫން ކަމަށް ބަޔާނުގައި ފާހަގަކުރި އެވެ. ކުރިމިނަލް ކޯޓުގެ އަމުރު ހަހއިކޯޓުގައި އިސްތިއުނާފު ކުރުމުގެ ބަދަލުގައި އާ އަމުރެއް ހޯދައި އަލުން އެ މީހުން ހައްޔަރުކޮށް ބަންދު އިތުރު ކުރުމަށް ކުރިމިނަލް ކޯޓުގެ ބަދަލުގައި ހުޅުމާލެ ކޯޓަށް ގެންދިޔުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ކުރިމިނަލް ކޯޓުން ބުންޏެވެ. އެ ގޮތަކީ ޖިނާއީ އަދުލުގެ ނިޒާމްގެ ތަރުތީބު މުގުރިގެންދާ ކަމެއް ކަމަށް ވެސް ބުންޏެވެ.

ކުރިމިނަލް ކޯޓުން ބުނީ އަލުން އެ ދެ މީހުން ހައްޔަރުކޮށް ވެސް އިޖުރާއަތްތައް ފުރިހަމަ ނުކޮށް ފުލުހުން އަމަލު ކުރަމުންދާ ސުވާލު އުފެދޭ ގޮތް، ކަމާބެހޭ މުއައްސަސާތަކާއި އާންމުންގެ ސަމާލު ކަމަށް ގެންނަ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކުރި އަންހެން މީހާއަކީ ތުހުމަތެއް ނެތި ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ޝަރީއަތުގައި ބުނެފައިވާ ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ ދަރިފުޅު ހާދިސާއިން ފެނުނު މަސްތުވާތަކެއްޗަށް ޒިންމާ ނަގާފައިނުވާތީ ކަމަށް ކުރިމިނަލް ކޯޓުން ބުންޏެވެ. މަޖުބޫރުކޮށްގެން ހެކި ހޯދުމާއި އެފަދަ ހެކި ބަލައިގަތުން ގާނޫނު މަނާކުރަންކަން ވެސް ފާހަގަކުރި އެވެ.

އަންހެންމީހާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ބެންޒޯއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ނަމަވެސް އޭނާއަކީ ނަފްސާނީ ބައްޔަކަށް ބޭސް ކުރާ މީހަކަށްވާއިރު އެ ޑްރަގަށް އޭނާ ޕްޒިޓިވްވެފައިވަނީ ބޭހެއްގެ ސަބަބުން ކަމަށް ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާ ކަމަށް ވެސް ކުރިމިނަލް ކޯޓުން ބުންޏެވެ.

ފުލުހުންނަށް ހުޅުމާލެ ކޯޓުން ވެސް މިއަދު ވަނީ ރައްދު ދީފަ އެވެ. އެ ކޯޓުން ވެސް ބުނީ އެ މައްސަލާގައި ފުލުހުން އަމަލު ކުރާ ގޮތް ގޯސް ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ އަމިއްލަ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. ފުލުހުން ބުނާ ގޮތުގައި އިޖުރާއަތްތަކާ ފުލުހުން ހިލާފުވެފައެއް ނޯންނާނެ އެވެ.