ހަބަރު

ޖޭއެސްސީގެ މިރޭގެ ނިންމުން ގާނޫނު އަސާސީއާ ހިލާފު: އުޝާމް

ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރުމަށް މިރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ނިންމުން ވެސް ވާނީ ގާނޫނު އަސާސީއާ ހިލާފު ބާތިލް ނިންމުމަކަށް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް އިއްޔެ ޖޭއެސްސީއިން ނިންމި ނިންމުން ތަންފީޒު ކުރަން ހުއްޓުވައި މިއަދު ހަވީރު ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނެވެ. ނަމަވެސް އެ އަމުރަކީ ޖޭއެސްސީގެ މަސައްކަތަށް ހުރަސް އަޅާ އަމުރެއް ކަމަށް ބުނެ، ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ.

އެ ނިންމުމަށް ފާޑުވިދާޅުވެ، ބަންޑާރަ ނައިބުގެ ނައިބުކަން ކުރިން ކުރައްވާފައިވާ އުޝާމް މިރޭ ވިދާޅުވީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން ސަރުކާރުން ނިންމި ނިންމުން ގާނޫނު އަސާސީއާ ހިލާފު ކަމަށް ބުނާ ނަމަ، މިރޭގެ ޖޭއެސްސީގެ ނިންމުން ވެސް ގާނޫނު އަސާސީއާ ހިލާފުވާނެ ކަމަށެވެ.

ގާނޫނު އަސާސީގައިވާ ގޮތުން އަދުލުއިންސާފުގެ މަތީ ފަރާތަކީ ސުޕްރީމް ކޯޓެކެވެ. އެ ކޯޓުގެ އަމުރުތަކާއި ހުކުމްތަކަށް ހުރިހާ ފަރާތަކުން ވެސް ތަބާވާންޖެހޭނެ އެވެ.

އުޝާމް ވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި ހިތުހުރިހާ ގޮތަކަށް އަމަލު ނުކުރެވޭނެކަން ފާހަގަ ކުރައްވައި ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރުނީ ސަސްޕެންޝަނާ ގުޅިގެން އަބްދުﷲ ދީދީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި އެފަދަ އަމުރަކަށް އޭނާ އެދިވަޑައިގެންފައިވާތީ އެވެ. އަމުރު ނެރެފައިވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސޮއި ކުރައްވާ އެވެ. އެއީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

ޖޭއެސްސީއިން އިއްޔެ ބޭއްވި ބައްދަލުވުމުގައި އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމީ، އޭނާއަށް ޖިނާއީ ތުހުމަތެއް ކުރެވި، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ އެވެ. އެ މައްސަަލައަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރާ މައްސަލަ އެވެ. މައްސަލަ ތަހުގީގު ކުރުމަށް އެދިވަޑައިގެންފައިވަނީ ރައީސް ނަޝީދެވެ.