ވިޔަފާރި

ސަރުކާރުން ސޮވެރިން ގެރެންޓީ ދޭނީ އިގްތިސާދަށް ފައިދާވާ މަޝްރޫއުތަކަށް

މި ސަރުކާރުން ސޮވެރިން ގެރެންޓީ ދޭނީ އިގްތިސޯދީ ގޮތުން ފައިދާހުރި މަޝްރޫއުތަކަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ އިގްތިސޯދީ ގޮތުން ފައިދާ ހުރި މަޝްރޫއު ތަކަށް އެކަނި ގެރެންޓީ ދިނުމަކީ އެއީ އިގްތިސޯދަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

މިނިސްޓަރު އެހެން ވިދާޅުވިއިރު، ރަށު ޓޫރިޒަމް ނުވަތަ ގެސްޓްހައުސް ވިޔަފާރިވެރިންނަށް، ސަރުކާރުން ސޮވެރިން ގެރެންޓީ ދިނުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލިހަށް ވަނީ ގަރާރެއް ވެސް ހުށަހަޅުއްވާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީގެ މަގާމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ޖާބިރު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތް ބިދޭސީ އިންވެސްޓަރުންގެ އަތް ދަށަށް ގޮސްފައިވާ ކަމަށާއި ހަމަ އެ ފަދައިން ރައްޔިތުންނަށް ސީދާ މަންފާ ލިބެމުން އަންނަ ރަށު ގެސްޓްހައުސް ވިޔަފާރިތައް ވެސް ބިދޭސީ އިންވެސްޓަރުންގެ ކޮންޓްރޯލުގެ ދަށަށް ދިޔުމުގެ ބިރު އެބައޮތް ކަމަށެވެ. އެ ގަރާރުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ.

މަޝްރޫއުތަކަށް ސޮވެރިން ގެރެންޓީ ދިނުމަކީ ސަރުކާރުތަކުން ކުރާ ކަމެމެވެ. ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 24 ފަރާތަކަށް ސޮވެރިން ގެރެންޓީ ވަނީ ދޫކޮށްފަ އެވެ. އެ ގެރެންޓީތަކުގެ އަދަދު، 1.3 ބިލިއަން ޑޮލަރަށް އަރަ އެވެ.