ހަބަރު

ތަހުގީގު ކޮމެޓީއިން އެދެނީ ދީދީ ވަކިކުރަން ހުށަހަޅަން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އޭނާގެ ސުލޫކީ މައްސަލަ ތަހުގީގު ކުރި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމެޓީއިން އެދިއްޖެ އެވެ.

ފަނޑިޔާރަކު ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ އެކަމާ ގުޅޭ ގޮތުން ޖޭއެސްސީގެ ބައްދަލުވުމެއްގައި ގޮތެއް ނިންމައިގެންނެވެ.

މިއަދު ބޭއްވި ޖޭއެސްސީ ބައްދަލުވުމުގައި ވަނީ ފަނޑިޔާރު ދީދީގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ކޮމެޓީއިން ހުށަހެޅި ރިޕޯޓް ބަލައިގަތުމަށް ނިންމާފަ އެވެ. ފަނޑިޔާރު ދީދީގެ މައްސަލަ ބެލުމަށްފަހު އެކުލަވާލާފައިވާ އެ ރިޕޯޓްގައި ބުނެފައިވަނީ ފަނޑިޔާރު ދީދީ ވަކި ކުރަން މަޖިލީހަށް ހުށަހެޅުމަށެވެ.

އެހެންވެ، އެ ރިޕޯޓަށް ޖަވާބުދާރީވުމަށް 30 ދުވަހުގެ މުއްދަތެއް ފަނޑިޔާރު ދީދީއަށް ދިނުމަށް ވެސް މިއަދު ބައްދަލުވުމުގައި ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ. އެ މުއްދަތަކީ ގާނޫނުގައި ބަޔާން ކުރާ މުއްދަތެކެވެ.

ފަނޑިޔާރު ދީދީގެ ތަހުގީގު ކޮމެޓީއިން ކުރިއަށް ގެންދިޔައީ ހުޅުވާލައިގެން ބޭއްވި އަޑުއެހުމެއްގަ އެވެ. ނަމަވެސް އެ އަޑުއެހުމުގައި ފަނޑިޔާރު އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއްވަ އެވެ. ފަހުން އޭނާ ވަނީ ލިޔުމުން ކޮމެޓީއަށް ޖަވާބު ހުށަހަޅުއްވާފަ އެވެ.

އެ ޖަވާބު ހުށަހެޅުއްވުމަށްފަހު ފަނޑިޔާރު ދީދީ ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފަ އެވެ.

ބައެއް ހުކުމްތައް ކުރެއްވުމުގައި ރިޝްވަތު ނެންގެވި ކަމަށް ފަނޑިޔާރު ދީދީއަށް ތުހުމަތު ކުރެވެ އެވެ. އެ މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ވެސް ކުރަމުންނެވެ.

އެ މައްސަލައިގެ އިތުރުން ވެސް ބޮޑެތި ތުހުމަތުތަކެއް ދީދީއަށް ކުރެވިފައިވެ އެވެ. އެގޮތުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ކުރިން ހައްޔަރުކުރި ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުވައިދު ދޫކޮށްލުމަށް މީހަކު "ސަސްޕެކްޓް 1"އަކާ މުއާމަލާތް ކުރަމުން ދިޔައިރު އޭނާ އެކަން ދީދީއާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ސުވައިދު ދޫކޮށްލި ޝަރީއަތުގެ ފަނޑިޔާރުކަން ކުރެއްވީ ދީދީ ކަމަށް ވެސް ފުލުހުން ޖޭއެސްސީއަށް ހުށަހެޅި ލިޔުންތަކުގައިވެ އެވެ.