ހަދަމުންދާ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި މީހަކު މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު ހުޅުމާލޭގަ އެވެ. ސިމެންތި ބަސްތާ ވެއްޓުނީ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީ ބަގީޗާ ހިނގުމުގައި ޖާހް އިންވެސްޓްމެންޓުން ހަދަމުންދާ އިމާރާތަކުންނެވެ.
ސިމެންތި ބަސްތާ ވެއްޓުމުގެ ސަބަބުން މަރުވެފައިވަނީ އެ އިމާރާތްކުރުމުގައި މަސައްކަތް ކުރާ 24 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. މި މައްސަލަ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި އިމާރާތުގައި މީގެ ދުވަސްކޮޅެއް ކުރިން ވެސް ހާދިސާއެއް ހިނގާފައިވެ އެވެ. އިމާރާތުގެ ލިފްޓެއްގެ ކޭބަލް ކަނޑާއިގެން ގޮސް މީހަކު ވެއްޓި އަނިޔާވި އެވެ. އެ ހާދިސާގައި ވެސް ބަންގްލަދޭޝް މީހަކަށް އަނިޔާވީއިރު އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅިކަން އެނގިފައެއް ނުވެ އެވެ.
މީގެކުރިން މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބާސްތާއަކުން ޖެހި ބަންގްލަދޭޝްއަށް ނިސްބަތްވާ ކުޑަ އަންހެން ކުއްޖެއް ވެސް މަރުވެފައިވެ އެވެ. އެ ހާދިސާއާ ގުޅިގެން ބައެއް ފިޔަވަޅުތައް އެޅި އެވެ. ނަމަވެސް މަސައްކަތް ކުރާ ތަންތަނާއި މަސައްކަތް ކުރުމުގައި އުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކަށީގެންވާ ފިޔަވަޅެއް އަދިވެސް އެޅިފައެއް ނުވެ އެވެ.