ހަބަރު

ބައްޕަގެ ބެލުމުގެ ދަށަށް ދާން ޒުވާން އަންހެނަކަށް ހުކުމްކޮށްފި

އާއިލާއާ ދުރުގައި އެހެން ރަށެއްގައި ދިރިއުޅެމުންދިޔަ ޒުވާން އަންހެނަކު، ބައްޕަގެ ބެލުމުގެ ދަށަށް ދިޔުމަށް ފެމެލީ ކޯޓުން ހުކުމްކޮށްފި އެވެ.

އެ ހުކުމް ކޮށްފައިވަނީ އުމުރުން 22 އަހަރުގެ އައްޑޫ ސިޓީ، ހިތަދޫއަށް ނިސްބަތްވާ އަންހެނަކަށެވެ. އޭނާ ދިރިއުޅެމުންދިޔައީ ގދ. އަތޮޅުގެ ރަށެއްގަ އެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅީ އަންހެން މީހާގެ ބައްޕަ އެވެ. އެއީ އަންހެން ދަރިފުޅު ގދ. އަތޮޅުގެ ރަށަށް ދިޔައީ އާއިލާގެ ނުރުހުމުގައި ފިލައިގެން ކަމަށް ބުނެ އެވެ. އަދި އެދިފައިވަނީ ބައްޕަގެ ވިލާޔަތުގެ ދަަށަށް ދަރިފުޅު ގެނެސްދިނުމަށެވެ.

ބާވިސް އަހަރުގެ އަންހެން މީހާއަކީ ކައިވެނިކޮށްގެން އުޅޭ މީހެއް ނޫނެވެ. ނަމަވެސް އޭނާ ގދ. އަތޮޅުގެ ރަށަށް ދިޔައީ ކައިވެނިކުރުމަށްޓަކައި ކަމަށާއި ނަމަވެސް އާއިލާއަށް ފިލައިގެން ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި އޭނާ އެ ރަށަށް ދިޔަކަން މަންމައަށް ގުޅާ އެންގި ކަމަށާއި މިހާރު ބައްޕައަށް އިތުބާރު ނުކުރެވޭތީ ބައްޕަގެ ވިލާޔަތުގެ ދަށަށް ދާން ބޭނުން ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފެމެލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދު ކުރައްވާފައިވާ ހުކުމްގައި ބުނެފައިވަނީ އަންހެން ކުއްޖަކު ކައިވެނިނުކުރާހާ ހިނދަކު އެ ކުއްޖާގެ މައްޗަށް އެންމެ އިސް ވެގެންވާނީ ކުއްޖާގެ ބައްޕަ ކަމާއި ފާފައަށް ނުވާ ކަންކަމުގައި މައިންބަފައިންނަށް ކިޔަމަންވުމަށް އަމުރު ކުރައްވާފައިވާކަން އިސްލާމް ދީނުގެ އަސްލުތަކުން އެނގޭ ކަމަށެވެ.

އެހެންކަމުން މި މައްސަލާގައި ހިމެނޭ 22 އަހަރުގެ އަންހެން މީހާއަށް އެންމެ އިސްވެގެން ވާނީ ބައްޕަކަން އެނގޭ ކަމަށާއި ބައްޕަގެ ކިޔަމަނުން ބޭރުން އެހެން ރަށެއްގައި ދިރިއުޅެމުން ދަނީ މަގުބޫލު ސަބަބެއް އޮވެގެން ނޫންކަން ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ ފަސް ދުވަހުގެ ތެރޭގައި ބައްޕަގެ ވިލާޔަތުގެ ދަަށަށް ދިޔުމަށް އޭނާގެ މައްޗަށް ހުކުމް ކުރީ އެވެ.