ހަބަރު

ވޯޓެއްގެ ތަފާތު އުޅޭތީ އަނާރާއާ މާނިއުގެ ވޯޓް އަލުން ގުނަނީ

ގާނޫނީ ފަންނުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެންނާނެ ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީއަށް އިންތިހާބުވި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމާއި ވަކީލް އަބުދުލް މާނިއު ހުސައިންގެ ވޯޓުގެ ތަފާތަކީ އެންމެ ވޯޓެއް ކަމުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ވޯޓު އަލުން ގުނަން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

ވޯޓު އަލުން ގުނުމަށް ހުށަހަޅާފައިވަނީ މާނިއު އެވެ. މިއަދު މެންދުރުފަހު ވޯޓު އަލުން ގުނަން އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ ނިންމާފަ އެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި އެންމެ މަދު ވޯޓާއެކު ކޮމެޓީގެ ހަ މެންބަރުންގެ ތެރޭގައި ހިމެނުނީ އަނާރާ އެވެ. އޭނާއަށް ލިބުނީ 343 ވޯޓެވެ. އިންތިހާބުގައި ނާކާމިޔާބުވި މާނިއުއަށް ލިބުނީ 342 ވޯޓެވެ.

ހަ މެންބަރުން އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިފައިވަނީ މުހައްމަދު ފައިސަލަށެވެ. އެއީ 631 ވޯޓެވެ. ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒަށް ލިބުނީ 627 ވޯޓެވެ. ކުރިން ފަނޑިޔާރުކަން ކުރެއްވި އައިޝާ ސުޖޫން މުހައްމަދަށް 445 ވޯޓު ލިބުނުއިރު އެމްޑީޕީގެ އެސްޖީ އަނަސް އަބްދުލްސައްތާރަށް 361 ވޯޓު ލިބުނެވެ. މުހައްމަދު އަސީލު ހަސަނަށް 356 ވޯޓު ލިބުނެވެ.

މި އިންތިހާބުގައި 955 ވަކީލުން ވޯޓު ދިނެވެ. ވޯޓު ދިނުމުގެ ހައްގު ލިބޭ 1488 ވަކީލުން އެބަ ތިއްބެވެ.

އިންތިހާބުގައި ކޮމެޓީގެ ރައީސް ކަމަށް ދެ ބޭފުޅަކު ވާދަ ކުރެއްވި އެވެ. އެއީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ވަކީލް މައުމޫން ހަމީދެވެ. އިންތިހާބު ކާމިޔާބު ކުރައްވައި ފުރަތަމަ ބާ ކައުންސިލްގެ އެކްސްކޯގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ މައުމޫން ހަމީދެވެ.

ނައިބު ރައީސްގެ މަގާމު ކަށަވަރު ކުރެއްވީ ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒެވެ. އޭނާއާ ވާދަ ކުރެއްވި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.