ހަބަރު

ތުހުމަތުތަކާއެކު ގާޒީ ހަސަންގެ ލޮލުން ކަރުނަ!

ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާފައިވާ ޝަކުވާތަކުގައި އެ ކޯޓުގެ މުވައްޒަފުންތަކެއް ގިނަ ތުހުމަތަކެއް އޭނާ ކުރުމުގެ ސަބަބުން ފުން އަސަރުތަކެއްކޮށް ތަހުގީގު މަޖިލީހުގައި ކީރިތި ކުރައްވައިފި އެވެ.

ހަސަން ސައީދާ ގުޅޭ ގޮތުން ޖޭއެސްސީއަށް ދެ ޝަކުވާއެއް ހުށަހަޅާފައިވާއިރު އޭނާ ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ. އެ ޝަކުވާތަކާ ގުޅިގެން ހަސަން ސައީދު އެދިވަޑައިގަތީ ހުޅުވާލައިގެން ތަހުގީގު މަޖިލިސް ކުރިއަށް ގެންދިޔުމަށެވެ. އެގޮތުގެ މަތިން ޖޭއެސްސީގެ ލީގަލް ޑިޕާޓްމެންޓް އިދާރާގައި މިއަދު ވަނީ އާންމުކޮށް ހުޅުވާލައިގެން އަޑުއެހުން ބާއްވާފަ އެވެ.

މި އަޑުއެހުމަށް މީޑިއާގެ އިތުރުން ފެމެލީ ކޯޓުގެ ބައެއް މުވައްޒަފުން ހާޒިރުވި އެވެ. އަޑުއެހުމަށް ހަސަން ސައީދު ވަޑައިގެންނެވީ ގާނޫނީ ވަކީލަކާ ނުލަ އެވެ. އޭނާ މިއަދުގެ ތަހުގީގުގެ މަޖިލީހުގައި ސުވާލުތަކަށް ޖަވާބު ދެއްވަން ބޭނުންވީ އަމިއްލައަށެވެ. ސުވާލުތައް އަމާޒު ކުރެއްވީ އޭނާއާ ގުޅޭ ޝަކުވާތައް ބައްލަވާ ކޮމެޓީގެ ޖޭއެސްސީގެ ދެ މެންބަރުންނެވެ. އެއީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމެވެ.

މައްސަލަ ފެށުނީ އުމްރާ ކޮރަޕްޝަނާ ހަމައިން

މި މައްސަލަ ފެށިފައިވަނީ މި އަހަރުގެ ކުރީކޮޅު މީޑިއާއަށް ފެންމަތިވެގެން ދިޔަ ފެމެލީ ކޯޓުގެ ތެރެއިން ހިނގައިދިޔަ ކޮރަޕްޝަނަކާ ގުޅިގެންނެވެ. އެއީ ފެމެލީ ކޯޓުގެ ތެރޭގައި އެ ކޯޓުގެ އިސް މުވައްޒަފުންތަކެއް އުމްރާ ގްރޫޕެއް ހިންގައި އެކަމުގައި ކޯޓުގެ ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށް ބުނެ މީޑިއާއިން އާންމުކުރި ރިޕޯޓެކެވެ.

މިއަދު ތަހުގީގުގައި ހަސަން ސައީދު ވިދާޅުވި ގޮތުގައި އޭނާއަކީ އަބަދުވެސް ކޯޓުގައި ކޮރަޕްޝަން ފެތުރުން ހުއްޓުވުމަށާއި މީހުންގެ އިތުބާރު ކޯޓަށް ހޯދުމަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެހެންވެ މުޅި ކޯޓުގެ ނަން ބަދުނާމުވަމުންދާތީ އެ މައްސަލަ ވަގުތުން ބެލުމަށް އޭނާ ނިންމި އެވެ. އޭގައި އެންމެ ބޮޑު ތުހުމަތެއް ކުރެވުނީ އޭރު ކޯޓުގެ ކައިވެނީގެ ރެޖިސްޓްރާ އަހުމަދު އަބްދުﷲއަށެވެ.

ހަސަން ސައީދާ ދެކޮޅަށް ޝަކުވާ ހުށަހަޅާފައިވަނީ ވެސް އޭނާ އެވެ. އޭނާ ޖޭއެސްސީއަށް ޝަކުވާ ހުށަހަޅާފައިވާ ގޮތުގައި ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު ކޯޓުގެ ކޮންފަރެންސް ރޫމަށް އޭނާ ހާޒިރުކޮށް، "ކަލޭ ކީއްކުރަން ހިފާ ރޯދައެއްހޭ، ތިއީ މުނާފިގެއް" ކަމަށް ހަސަން ސައީދު އޭނާ ދިމާލަށް ވިދާޅުވެފައިވެ އެވެ. އަދި ފައިލެއް ވެސް އޭނާއާ ދިމާލަށް ހުރާލެއްވި ކަމަށް ބުނެފައިވެ އެވެ. އެ ވާހަކަ އަޑުއިވި ޝޮކެއްގައި އިންނެވުމަށްފަހު ހަސަން ސައީދު ވިދާޅުވީ "އޭނާއަކީ ކަލޭ ކިޔައިގެން ވާހަކަ ދައްކާ މީހެއް" ނޫން ކަމަށެވެ. އަދި ފައިލެއް ހޫރުވާލާފައި ނުވާނެ ކަމާއި އެއީ ކަނޑައެޅިގެން ދޮގު ކަމަށެވެ.

"އޭނާ ހާޒިރުކޮށް ތުހުމަތަކާ ގުޅޭ ގޮތުން ސުވާލު ކުރިން، އޭނާއަށް ވާހަކަ ވެސް ނުދެއްކޭ، ހުރީ ތުރުތުރު އަޅައަޅާ،" ހަސަން ސައީދު އެ ދުވަހުގެ ވާހަކަތައް ކިޔައިދެއްވި އެވެ.

ހަސަން ސައީދު ވިދާޅުވި ގޮތުގައި ފެމެލީ ކޯޓުގެ އިސް މުވައްޒަފުންތަކެއް ވެގެން އުމްރާ ގުރޫޕެއް ހިންގާ ވާހަކައަކީ ތެދު ވާހަކައެއް ކަމަށާއި އެކަން ކުރިން ވެސް އޭނާއަށް އެނގޭ ކަމަށެވެ. ނަމަވެސް އެކަމުގައި ކޯޓުގެ ވަސީލަތްތައް ބޭނުންކޮށް އެ މަސައްކަތް ރަސްމީ ގަޑީގައި ކުރަމުންދިޔަކަން ނޭނގޭ ކަމަށެވެ. އެހެންވެ އޭނާއާ ދެކޮޅަށް ޝަކުވާތައް އުފެދިފައިވަނީ އެކަން ބަލަން ފެށުމުން ކަމަށެވެ.

ހަސަން ސައީދު ވަނީ އެ މައްސަލާގައި ކައިވެނީގެ ރަޖިސްޓްރާ ސަސްޕެންޑްކޮށްފަ އެވެ. އެކަމާ ގުޅިގެން ވެސް ޝަކުވާ ހުށަހެޅި އެވެ. އެއީ އެކަމުގައި ހަސަން އަމަލު ކުރައްވާފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނެ އެވެ. ހަސަން ސައީދު ވިދާޅުވީ އޭނާ ސަސްޕެންޑްކޮށްފައިވަނީ ގަވައިދަށް ރިއާޔަތްކޮށް ކަމަށާއި އެކަން ކޮށްފައިވަނީ ކޯޓުގެ އިދާރީ މުވައްޒަފުންނާ ގުޅިގެން އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. ސަސްޕެންޑް ކުރުމުގެ އިންޒާރު ވެސް ދެއްވި ކަމާއި ނަމަވެސް އެކަމުގައި އެހެން ސީނިއާ މުވައްޒަފުންގެ ފަރާތުން ބޮޑެތި ފިއްތުންތައް އައިކަން ވެސް ހަސަން ފާހަގަކުރެއްވި އެވެ.

ރަޖިސްޓްރާގެ މައްސަލަ ކޯޓުގެ އެޗްއާރް ކޮމެޓީއިން ތަހުގީގުކޮށް ބައެއް ބަޔާންތައް ނެގުމަށްފަހު އޭނާއާއި އުމްރާ ގުރޫޕާ ގުޅުވޭނެ ތުހުމަތެއް ނެތްކަން ހަސަން ސައީދަށް އެންގި އެވެ. އަދި އޭނާއާ މެދު ފިޔަވަޅު ނޭޅުމަށް ލަފާ ދިނެވެ. ނަމަވެސް އެ ލަފާއާ ހިލާފަށް އޭނާ ސަަސްޕެންޑް ކުރަން ހަސަން ނިންމެވީ އެވެ. އޭގެ ސަބަބު ވެސް ހަސަން ސައީދު ވިދާޅުވެ ދެއްވި އެވެ.

"މައްސަލަ ތަހުގީގު ކުރަން ތިބީ ވެސް އެ ކޮރަޕްޝަނުން މަންފާ ލިބޭ މީހުން، އެހެންވެ އެ ތަހުގީގުން ނަތީޖާއެއް ނުލިބޭނެކަން އެނގޭ، އެހެންވެ އަޅުގަނޑު ނިންމީ އޭނާ ސަސްޕެންޑް ކުރަން، އެކަން ގަވައިދުން ކުރެވެން އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ހަސަން ސައީދު ވިދާޅުވި ގޮތުގައި އެޗްއާރް ކޮމެޓީގެ ރައީސް ވެސް ވަނީ އެ މައްސަލަ އެތަނުގައި ތަހުގީގު ކުރުމުގެ މާހައުލެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ އެ މައްސަލަ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް ފޮނުވީ އެވެ. ޑީޖޭއޭއިން ވަނީ ރަޖިސްޓްރާ މަގާމުން ވަކިކޮށްފަ އެވެ.

މުވައްޒަފުންގެ ޝަކުވާތައް މަތިމައްޗަށް!

ދެން އައީ ހަސަން ސައީދު، ކޯޓުގައި އަމަލު ކުރައްވާ ގޮތުގެ ޝަކުވާތަކެވެ. އެގޮތުން ކުރިން ހަސަން ސައީދު ސަސްޕެންޑްކުރި މައްސަލާގައި ސީނިއާ މުވައްޒަފުންތަކެއް އޭނާގެ އަމަލުތަކާ ގުޅޭ ގޮތުން ބަޔާން ދީފައިވެ އެވެ. ސަސްޕެންޝަން އުވާލުމުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކޯޓަށް ނުކުންނަވާ އެ މުވައްޒަފުންނާ ދިމާލަށް އަޑުގަދަކޮށް ކޯފާ އިސް ކުރައްވައި މުއާމަލާތް ކޮށްފައިވާ ކަމުގެ ޝަކުވާ ޖޭއެސްސީއަށް ލިބިފައިވެ އެވެ.

އެކަން ދޮގު ކުރައްވައި ހަސަން ސައީދު ވިދާޅުވީ އޭނާއަށް އަލުން ކޯޓަށް ނުކުމެވެމުން އެ މުވައްޒަފުންނަށް ޒާތީ ގޮތުން ޖައްސާލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެކަން އެގޮތަށް ނުވެސް ކުރައްވާނެ ކަމަށެވެ.

މިދިޔަ މެއި މަހު މޫކައި ހޮޓެލްގައި ބޭއްވި ފެމެލީ ކޯޓުގެ ގާޒީއިންގެ ބައްދަލުވުމެއްގެ މައްސަލަ ވެސް އައެވެ. އެ ބައްދަލުވުމުގެ ތެރޭގައި އެހެން ގާޒީއަކާ ދިމާލަށް "ގެޓް އައުޓް"އޭ ވަރަށް ބާރަށް ވިދާޅުވެ އޭނާ އެތަނުން ބޭރު ކުރެއްވި ކަމަށެވެ. އެކަމަށް ހަސަން ސައީދު އެއްބަސްވެވަޑައިގެންނެވި އެވެ. ހަސަން ސައީދު ވިދާޅުވީ އެގޮތަށް އަމަލު ކުރެއްވީ މައްސަލަތައް އިތުރަށް ގޯސްވުން ހުއްޓުވުމަށް ކަމަށެވެ. އެގޮަތަށް އެންގީ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)އަށް ކަމަށާއި އޭނާގެ އަމަލުތައް ބައެއް ފަހަރަށް ހުންނަނީ އާންމު ނިޒާމާ ހިލާފަށް ކަމަށް ހަސަން ސައީދު ވިދާޅުވި އެވެ.

އެ މީޓިން ކޯޓުގައި ބޭއްވެން އޮތްވައި މޫކައި ހޮޓެލްގައި ބޭއްވީ ދެ މުވައްޒަފުން އަމިއްލަ ޖީބުން ހަރަދުކޮށްގެން ކަމަށް ވެސް ޝަކުވާގައިވެ އެވެ. މޫކައި ހޮޓެލްގައި މީޓިން ބާއްވަން ޖެހުނީ އެނޫން ގޮތެއް ހަސަން ސައީދަށް ކަމުނުދިމުން ކަމަށެވެ. ނަމަވެސް އެކަމާ ހަސަން ސައީދު ދެކޮޅު ހެއްދެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މީޓިން ކޯޓުން ބޭރުގައި ބޭއްވީ މާތް މަގުސަދެއްގައި ކަމަށާއި އެއީ ކޯޓުގައި މައްސަލަތަކާ ގުޅޭ ގޮތުން ހަމައެކަނި ގާޒީއިން ތިއްބަވައިގެން މަޝްވަރާ ކުރުމަށް ކަމަށް ދެކޭތީ ކަމަށެވެ. އަދި އެ ތަނަށް ދައްކަން ޖެހުނު 6،000 ރުފިޔާ ދެއްކުމަށް މުވައްޒަފަށް އޭނާގެ ކޭޝް ކާޑް ދެއްވި ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. އެކަމަށް މުވައްޒަފުން ހަރަދު ނުކުރާ ކަމަށެވެ.

ދެން ވެސް ހަސަން ސައީދުގެ ފަރާތުން ފެނުނު އަމަލުތަކުގެ ޝަކުވާ މުވައްޒަފުންގެ ފަރާތުން އައިސްފައިވެ އެވެ. އޭގެ ތެރޭގައި ސްޓާފް މީޓިންއެއްގައި ހުރިހާ މުވައްޒަފުން ގިބްލައަށް ކުރިމަތި ކުރުވައި ސަހާދަތުގެ ދެ ކަލިމަ ކިޔަން އެންގި މައްސަލައެއް ހިމެނެ އެވެ. އަދި މީޓިންތަކަށް ގެންނަ ސަބަބެއް ނާންގައި މީޓިން ފެށުމަށްފަހު ހަމައެކަނި ޤުރުއާން ކިޔެވުމަށްފަހު މީޓިންތައް ނިންމާލާ ޝަކުވާވެސް ލިބިފައިވެ އެވެ.

އެ ޝަކުވާތައް އަޑުއިވި ހަސަން ސައީދު އިންނެވީ ހައިރާންވެވަޑައިގެންނެވެ. އޭނާ ވިދާޅުވީ ސަހާދަތުގެ ދެ ކަލިމަ ކިޔަން މުވައްޒަފުންނަށް އެންގީ އިހާނަތް ކުރުމުގެ ގޮތުން ނޫން ކަމަށާއި މުސްލިމުންނަށް ހިދުމަތް ދޭ ބަޔަކަށްވާތީ އިސްލާމް ދީނަށް ފަރުވާތެރިކުރުމަށް ކަމަށެވެ. އަދި އެއީ ފާފައެއް ވެސް ނޫން ކަމަށެވެ. ހަމައެހެން "ޤުރުއާން އަޑު އެހުމުގައި މައްސަލައަކީ ކޮބައިތޯ" ވެސް ހަސަން ސައީދު ވިދާޅުވި އެވެ.

ކޯޓުގައި ހިނގައިދިޔަ ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލަން ހަސަން ސައީދު މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ވެސް އައެވެ. ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވީ މުވައްޒަފު، އެ މައްސަލަ ހުށަހެޅުމުން "އެ ކީއްކުރަން ކުރި ކަމެއްތޯ އާއި ޤުރުއާންގެ އަޔާތަކަށް ރިއާޔަތްކޮށް އެކަން ސުލްހަވެރިކޮށް ނިންމާލުމަށް އެދުން" ކަމަށެވެ.

"ޖިންސީ ފުރައްސާރަ ކުރާ މައްސަލައެއް ސުލްހަވެރިކޮށް ނިންމާނީ ކިހިނެއްތޯ،" ހަސަން ސައީދު ވިދާޅުވީ މިހެނެވެ. އޭނާ ވިދާޅުވީ ޖިންސީ ފުރައްސާރައަކީ އޭނާ އެންމެ ނުރުހޭކަން ކަމަށާއި އޮފީސް ތެރޭގައި އަންހެން މުވައްޒަފުންނަށް އެފަދަ ރައްކާތެރިކަން އޭނާ ކަށަވަރުކޮށް ދޭން ބޭނުންވާ ކަމަށެވެ. އަދި އެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅުމަށް އިރުޝާދު އެ މުވައްޒަފަށް ދެއްވީ ވެސް ހުދު އޭނާ ކަމަށް ވިދާޅުވި އެވެ. ޖިންސީ ފުރައްސާރަ ކުރި މުވައްޒަފު މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

ކޯޓަށް އަލުން ނުކުންނެވި ފަހުން ޝަރީއަތްތައް އެއްވެސް ވަރަކަށް ނުބައްލަވާ ކަމާއި އެޗްއާރް ސެކްޝަންގެ މަސައްކަތްތައް އެ ސެކްޝަނަށް ނާންގައި އިސް ގާޒީ ބިއުރޯއިން ކުރަމުންދާ ކަމުގެ ޝަކުވާ ވެސް ވަނީ ލިބިފަ އެވެ. އެކަމާ ގުޅިގެން ހަސަން ސައީދު ވިދާޅުވީ އޭނާ ކޯޓަށް ނުކުންނެވިއިރު އޭނާގެ ސެކްޝަން ވެސް ނެތް ކަމަށާއި މުވައްޒަފުން ވެސް ނެތް ކަމަށެވެ. މައްސަލަތައް ބަލާނެ މާހައުލެއް ނެތް ކަމަށެވެ. ނަމަވެސް އެހެން ބައެއް ސެކްޝަންތަކުގެ މައްސަލަތައް ގާޒީއިންނަށް އެހީވުމުގެ ގޮތުން ބައްލަވާފައިވާނެ ކަމަށެވެ.

އެޗްއާރް ސެކްޝަންއަށް ބަރޯސަވެ ކަންކަން ކުރުމަށް މަޑުކޮށްފިނަމަ އެއްވެސް ކަމެއް ކޯޓުގައި ނުހިނގާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. ފެމެލީ ކޯޓުގެ އޮތީ އެ ހާލަތުގަ ކަމަށެވެ. ހަސަން ވިދާޅުވި ގޮތުގައި ކޯޓުގައި ނޭދެވޭ ހުރިހާ ކަމެއް ކުރަމުން ދަނީ އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެންނެވެ.

ކޯޓުގެ ކަންކަން ގޯސްވެފައިވަނީ ހަސަން ސައީދުގެ ބަސްފުޅު ވިދާޅުވާ ގޮތުންނާއި އަބަދުމެ ކޯފާވެފަ ހުންނަވާތީ ކަމަށް ބައެއް މުވައްޒަފުން ޝަކުވާކޮށްފައިވެ އެވެ. ކޯޓުގެ މަސްލަހަތު ގެއްލެނީ އެހެންވެ ކަމަށެވެ. ނަމަވެސް ހަސަން ސައީދު ވިދާޅުވީ އޭނާއާ ގުޅޭ ޝަކުވާތައް ކުއްލިއަކަށް ފެންމަތިވެ މަސްލަހަތު ގެއްލިފައިވަނީ އެހެން ކަމެއް ވެގެން ކަމަށެވެ.

"އުމްރާ ކޮރަޕްޝަންގެ މައްސަލަ ބަލަން ފެށީމަ މި ޝަކުވާތައް މި އައީ، އޭގެ ކުރިން އަޅުގަނޑާ ގުޅޭ އެއްވެސް ޝަކުވާއެއް ނެތް، އަޅުގަނޑު މި ދައްކަނީ ހަގީގަތް، ތިޔަ ބޭފުޅުން ރަނގަަޅަށް ތަހުގީގު ކުރައްވާ، އަޅުގަނޑަކީ ދޮގުތަކެއް ހަދައިގެން މަގާމުގައި ހުންނާނެ މީހެއް ނޫން، އަބަދުވެސް އަޅުގަނޑު މަސައްކަތް ކުރަނީ ކޮރަޕްޝަނާ ދެކޮޅަށް،" ހަސަން ސައީދު ވިދާޅުވި އެވެ.

"މަސައްކަތުގެ އަގަކީ މިހާ އިހާނަތްތެރިވުންތޯ؟"

"އަށާރަ އަހަރު އަޅުގަނޑު މި ދާއިރާއަށް ކުރި ބުރަ މަސައްކަތުގެ އަގަކީ މިހާ އިހާނަތްތެރިވުންތޯ،" ކަރުނަތައް ފުހެލައްވަމުން ހަސަން ސައީދު ވިދާޅުވި އެވެ.

މުވައްޒަފުންގެ ގިނަ ޝަކުވާތަކާއި އޭނާއާ މެދު މީޑިއާގައި ތިލަވެފައިވާ ހަގީގަތާ ހިލާފު ވާހަކަތަކާ ގުޅިގެން ވަރަށް އަސަރު ކުރައްވާފައިވާ ކަމަށް ހަސަން ސައީދު ތަހުގީގުގައި ވިދާޅުވި އެވެ. އެ ވާހަކަތައް އޭނާ ފެއްޓުވުމާއެކު ބަޑި ފަޅައިގެން ދިޔަ އެވެ. އަޑު ތުރުތުރުލަމުންދިޔައިރު ލޮލުން ކަރުނަތައް އޮހެމުންދިޔަ އެވެ.

ބައެއް މީޑިއާއިން ވަނީ ހަސަން ސައީދާ ގުޅޭ ބަދުއަހްލާގީ މައްސަލައެއް ޖޭއެސްސީއިން ބަލާ ކަމަށް ރިޕޯޓްކޮށްފަ އެވެ. އެ ހަބަރާ ގުޅިގެން އޭނާގެ އާއިލާއަށް ވަރަށް ބޮޑު ދެރައެއް ލިބުން ކަމަށް ވިދާޅުވި އެވެ. އޭނާއަކީ ދުވަހަކު ވެސް ބަދު އަހުލާގީ އަމަލެއް ހިންގާނެ ބޭފުޅެއް ނޫން ކަމަށް ވެސް ކީރިތި ކުރައްވަމުން ވިދާޅުވި އެވެ. ޖޭއެސްސީއިން ވެސް މީޑިއާގެ އެ ރިޕޯޓްތައް ދޮގުކޮށް އޭނާއާ ގުޅޭ ބަދުއަހްލާގީ މައްސަލައެއް ނުބަލާކަން ހާމަކުރި އެވެ.

ހަސަން ސައީދު ވިދާޅުވީ އޭނާ މަސައްކަތް ކުރެއްވީ ވަރަށް އިހްލާސްތެރިކަމާއެކު ކަމަށެވެ. ކޮރަޕްޝަންގެ މައްސަލައެއް ބަލަން ފެށުމުން މުވައްޒަފުން އޭނާއަށް ތުހުމަތުތައްކޮށް ބޮޑެތި އިލްޒާމް އަޅުވާފައިވުމުން ދެރަވެއްޖެ ކަމަށެވެ. އެހާ އިހާނެތިކޮށް އޭނާއާމެދު ކަންތައްތައްވަމުންދާތީ ވަރަށް ހިތާމަ ކުރައްވާ ކަމަށެވެ.

މި މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލިިއިރު ހަސަން ވަނީ މައްސަލާގެ ތަހުގީގު އަވަހަށް ނިންމައިދިނުމަށް އެދިވަޑައިގެންފަ އެވެ. އެކަން އެގޮތަށް ކުރައްވާނެ ކަމުގެ ޔަގީންކަން ޖޭއެސްސީގެ ނައިބު ރައީސް ދެއްވި އެވެ. އިތުރު އަޑުއެހުމެއް ބާއްވަން ޖެހޭނަމަ މާދަމާ ހަސަންއަށް އަންގާނެ ކަމަށް ވެސް ވިދާޅުވި އެވެ. ހަސަން ވަނީ އޭނާގެ އާއިލާ ލަންކާގައި ދިރިއުޅޭތީ އާއިލާ ގާތަށް ވީއެންމެ އަވަހަކަށް ދާން ބޭނުންވެފައި ހުންނެވި ކަމަށް ވިދާޅުވި އެވެ. އޭނާގެ ފަރާތުން ޖޭއެސްސީއާ މުއާމަލާތްތައް ކުރާނެ ފަރާތެއް ކަނޑައެޅުމަށްފަހު ލަންކާއަށް ވަޑައިގެންނެވިޔަސް އެންމެ ރަނގަޅު ކަމަށް ޖޭއެސްސީއިން އެންގި އެވެ.