ހަބަރު

އަލުން ގުނުމުން ވެސް އެއް ވޯޓުން ކުރި ހޯދީ އަނާރާ

ގާނޫނީ ފަންނުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެންނާނެ ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީއަށް މެންބަރުންގެ އިންތިހާބުގެ ވޯޓު އަލުން ގުނުމުން ވެސް ނަތީޖާއަށް ބަދަލެއް ނައެވެ.

އިލެކްޝަން ކޮމިޝަނުން އެ ވޯޓު އަލުން ގުނީ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމާއި ވަކީލް އަބުދުލް މާނިއު ހުސައިންގެ ވޯޓުގެ ތަފާތަކީ އެންމެ ވޯޓެއް ކަމުން މާނިއު ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.

މިއަދު ވޯޓު އަލުން ގުނާފައިވާއިރު މިއަދުގެ ނަތީޖާ އާއި އިއްޔެ އާންމުކުރި ވަގުތީ ނަތީޖާއާ އެއްވެސް ތަފާތެއް ނެތެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި އެންމެ މަދު ވޯޓާއެކު ކޮމެޓީގެ ހަ މެންބަރުންގެ ތެރޭގައި ހިމެނުނީ އަނާރާ އެވެ. އޭނާއަށް ލިބުނީ 343 ވޯޓެވެ. އިންތިހާބުގައި ނާކާމިޔާބުވި މާނިއުއަށް ލިބުނީ 342 ވޯޓެވެ.

މެންބަރުން އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިފައިވަނީ މުހައްމަދު ފައިސަލަށެވެ. އެއީ 631 ވޯޓެވެ. ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒަށް ލިބުނީ 627 ވޯޓެވެ. ކުރިން ފަނޑިޔާރުކަން ކުރެއްވި އައިޝާ ސުޖޫން މުހައްމަދަށް 445 ވޯޓު ލިބުނުއިރު އެމްޑީޕީގެ އެސްޖީ އަނަސް އަބްދުލްސައްތާރަށް 361 ވޯޓު ލިބުނެވެ. މުހައްމަދު އަސީލު ހަސަނަށް 356 ވޯޓު ލިބުނެވެ.

މި އިންތިހާބުގައި 955 ވަކީލުން ވޯޓު ދިނެވެ. ވޯޓު ދިނުމުގެ ހައްގު ލިބޭ 1488 ވަކީލުން އެބަ ތިއްބެވެ.

އިންތިހާބުގައި ކޮމެޓީގެ ރައީސް ކަމަށް ދެ ބޭފުޅަކު ވާދަ ކުރެއްވި އެވެ. އެއީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ވަކީލް މައުމޫން ހަމީދެވެ. އިންތިހާބު ކާމިޔާބު ކުރައްވައި ފުރަތަމަ ބާ ކައުންސިލްގެ އެކްސްކޯގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ މައުމޫން ހަމީދެވެ.

ނައިބު ރައީސްގެ މަގާމު ކަށަވަރު ކުރެއްވީ ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒެވެ. އޭނާއާ ވާދަ ކުރެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.