ހަބަރު

އެމްޕީއެލްއިން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސްޓާފް އޭރިއާގެ އޮފީހުން ވައްކަން ކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، އެމްޕީއެލްގެ ސްޓާފް އޮފީހުން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތަށް ހައްޔަރު ކުރީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގެ ކުޑަދޮރެއް ހަލާކު ކޮށްލައިގެން ވަދެ އެ އޮފީހުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓު ފަޅާލާ ލިޔެކިޔުންތަކެއް ނެގި މައްސަލަ އެއްވެސް މި ހަފުތާގެ އާދިއްތަ ދުވަހު ވަނީ ރިޕޯޓުކޮށްފަ އެވެ. އެ ވައްކަމުގައި އެޗްއާރް ޑިޕާޓްމަންޓުން ވަގަށް ނަގާފައިވަނީ އޮފީހުގެ ލިޔެކިޔުންތަކެކެވެ. ނަމަވެސް، އެ ތަކެއްޗަކީ މުހިއްމު ލިޔެކިޔުންތަކެއް ނޫން ކަމަށް އެމްޕީއެލް އިން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނި ގޮތުގައި، އެއް ހަފުތާ ތެރޭ އެމްޕީއެލް އިން ވައްކަމުގެ ދެ ހާދިސާއެއް ހިނގި އިރު ދެ މައްސަލަ ވެސް ތަހުގީގު ކުރަނީ ވަކި ދެ މައްސަލައިގެ ގޮތުގަ އެވެ.