ހަބަރު

ޖަލުގެ އޮފިސަރުން ތަމްރީނުކުރުން އާ ހަރުފަތަކަށް

ޖަލުތަކުގައި ހިނގާ ހަމަނުޖެހުންތައް ހުއްޓުވުމަށް އެންމެ މުހިންމު ކަމަކީ ޖަލު އޮފިސަރުންނަށް ރަނގަޅު ތަމްރީނާއި ތަޖުރިބާ ހޯދައިދިނުން ކަމަށްވާތީ އެ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން މާފުށީ ޖަލުގައި ވަނީ ހަމަނުޖެހުންތަކެއް ހިނގާފަ އެވެ. ބައެއް ގައިދީންނަށް އޮފިސަރުންގެ ފަރާތުން އަނިޔާ ލިބުނުއިރު ބައެއް އޮފިސަރުން ވެސް ކުރިމަތިލުމުގައި އަނިޔާވި އެވެ. އެކަމާ ގުޅިގެން މިނިސްޓަރު ޖަލަށް ވަޑައިގެން ހާލަތު ވެސް ބެއްލެވި އެވެ.

އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި އެކަމަށް އިޝާރަތް ކުރައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ކުށްވެރިންނަކީ އަނބުރާ މުޖުތަމައުއަށް އިސްލާހު ކުރުމަށްފަހު ނެރެވޭނެ ބަޔަކަށް ހެދުން ކަމަށެވެ. އެމީހުންނަކީ އަނިޔާކޮށް އަދަބު ދީގެން ހިފަހައްޓަން ޖެހޭ ބައެއް ނޫން ކަމަށެވެ. އިމްރާން ވިދާޅުވީ މި ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން އިހުންސުރެ އޮތް ޖަލު އަނިޔާގެ ސަގާފަތް ނެތެމުންދާ ކަމަށެވެ.

އިމްރާން ވިދާޅުވީ ގައިދީންއަށް ރައްކާތެރިކަމާއި އަޅާލުން ފޯރުކޮށްދޭން ޖެހޭ ފަދައިން ކަރެކްޝަންގެ އޮފިސަރުން ވެސް އެ ރައްކާތެރިކަން ފޯރުކޮށްދިނުން ވަރަށް މުހިންމު ކަމަށެވެ. އޮފިސަރުންނަށް ލިބެން ޖެހޭ އިނާޔަތާއި ހިމާޔަތަށްޓަކައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތާ ހަވާލުވީންސުރެ މިދަނީ އޮފިސަރުންނަށް ލިބެންޖެހޭ ފުރިހަމަ ޓްރެއިނިން އާއި އިނާޔަތްތަކާއި މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ މާހައުލެއް ގާއިމް ކުރުމަށްޓަކައި އޮފިސަރުންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރަމުން،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ޖަލުގައި ހަމަނުޖުހުމެއް ދެން އިތުރަށް ނުހިގާނެކަން ކަށަވަރު ކުރުމަށް އެންމެ މުހިންމު ފިޔަވަޅަކީ އޮފިސަރުންނަށް ފުރިހަމަ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުން ކަމަށެވެ. ކުރިންވެސް ދިޔައީ އެ މަސައްކަތް ކުރައްވަމުން ކަމަށާއި މިހާރު ވަނީ އެ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދަން ޖެހިފައި ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

"ޖަލުގެ ހަލާތު ރަނގަޅަށް ބޭއްވުމަކީ ގޮންޖުހުންތަކެއް ހުރި ކަމެއް، އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން ހާއްސަކޮށް ޒުވާން ބައެއް ކުދިންނަކީ އެންމެ ރަނގަޅަށް ތަރުބިއްޔަތު ކުރެވިފަ ތިބި ކުދިންނެއް ނޫން، އެހެންވީމަ އެމީހުންނާ މުއާމަލާތް ކުރުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި، އެކަންކަމުގައި އެންމެ ރަނގަޅު ގޮތުގައި ބޭއްވުމަށްޓަކައި މުއައްސަސާ ވަރަށް ހަރުދަނާ ވާން ޖެހޭ، ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭ،" އިމްރާން ވިދާޅުވި އެވެ.

މާލޭގައި ޑްރަގް މައްސަލައެއްގައި މީހަކު ހައްޔަރުކުރުމަށް އުޅުމުގެ ތެރޭގައި ފުލުހުން، އެމީހާއަށް އަނިޔާ ކުރި މައްސަލައަށް ވެސް މިނިސްޓަރު އިޝާރަތް ކުރެއްވި އެވެ. އެ މައްސަލާގައި ހަތް ފުލުހަކު ސަސްޕެންޑްކޮށް، ޖިނާއީ ތަހުގީގު ވެސް ދަނީ ކުރިއަށެވެ.

"ފުލުހުންގެ މެދުގައި މިފަދަ ކަމެއް ހިނގައިފިނަމަ ކަން ކުރަންވީ މެކޭނިޒަމެއް އެބަ އޮތް، އެއަށް އަމަލު ކުރަން ޖެހިފަ މިއޮތީ، އެ ކަނޑައެޅިފަ އުސޫލުގެ ތެރެއިން ސީޕީ މަސައްކަތް ކުރެއްވީ، އަޅުގަނޑު ފުލުހުންގެ ލީޑަޝިޕަށް ފުރިހަމައަށް އިތުބާރު ކުރަން، އެ ބޭފުޅުން މަސައްކަތް ކުރެއްވީ އުސޫލުގެ ތެރެއިން މިފަދަ ކަންކަން ހައްލު ކުރުމަށް،" އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ރައްޔިތަކަށް ހައްގު ނޫން ގޮތަކަށް އަދަބު ދެވިގެން ނުވާނެ ކަމަށް، ހަމައެހެން އޮފިސަރަކަށް އިންސާފުވެރި ނޫނީ އަދުލުވެރި ނޫން ގޮތަކަށް ފިޔަވަޅު ވެސް އެޅިގެން ނުވާނެ، އެހެންވީމަ މި އުސޫލުގެ ތެރެއިން އަޅުގަނޑުމެން އަމަލު ކުރަމުން ގެންދާނީ މި މައްސަލާގައި ވެސް،"