މަރު

އެންދަމަން ފޭބި މީހަކު މަރުވެއްޖެ

ފުޅި އަޅައިގެން އެންދަމަން ފާބައިގެން އުޅުނު މީހަކު މޫދު އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ގދ. ކޮނޮއްޓާ ކައިރީ އޮންނަ ތިލައެއްގައި ފުޅި އަޅައިގެން އެންދަމަން މިއަދު ހަވީރު 4:30 ހާއިރު ފޭބި 45 އަހަރުގެ މީހެއްގެ ހަބަރު ނުވެގެން ދޯނީގައި ތިބި އެހެން ދެ މީހަކު އޭނާ ހޯދަން މޫދަށް ފައިބާ ފީނައިގެން ބެލި އިރު މޫދު އަޑީގައި އެމީހާ ހޭނެތިފައި އޮއްވާ ފެނުނު ކަމަށެވެ.

އެމީހާ ނަގައިގެން ހަވީރު 6:00 ޖެހި އިރު، ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން އޭނާ ބެލި ޑޮކްޓަރު ވިދާޅުވި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިިބިފައިވާ ގޮތުގައި މަރުވެފައިވަނީ އެ ދޯނީގެ ކެޕްޓަނެވެ. ފުލުހުން ވަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ. އެ މީހާ މިއަދު މަރުވި އިރު އިއްޔެ ވެސް ފީނަން އުޅުމުގެ ތެރޭގައި ފިތިގެން ނުވަތަ ޑިކޯވެގެން ގދ. ގައްދޫ މީހަކު ފަރުވާއަށް މާލެ ގެނެސްފައި ވެއެވެ.