ހުރިހާ ހުކުމްތަކަކުން މިނިވަންވުމުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ފިއްލާނެ ކަމުގެ ބިރު އޮތުމުން އޭނާ ބަންދު ކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދުނު ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހާމަ ކުރައްވައިފި އެވެ.
އަދީބު ރާއްޖެއިން ފިލައިގެން އިންޑިއާއަށް ގޮސްފައިވަނީ އިއްޔެ އެވެ. އިންޑިއާ ފުލުހުން ވަނީ ޓަގު ބޯޓެއްގައި ހުއްޓާ އޭނާ ހިފަހައްޓާފަ އެވެ. މިހާތަނަށް އަދީބު އިންޑިއާއަށް ފޭބުމުގެ ހުއްދައެއް ނުދެ އެވެ. ނަމަވެސް އޭނާ ވަނީ އިންޑިއާގެ ސިޔާސީ ހިމާޔަތަށް އެދިފަ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް މިރޭ އަވަސްއަށް މައުލޫމާތު ދެއްވި ގޮތުގައި ޅ. މާބިންހުރާ މައްސަލާގައި ހައިކޯޓުން އަދީބު ސަލާމަތްކޮށްދިން މައްސަލަ ސުޕްރީމް ކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރިއިރު އަދީބުގެ ބަންދު އަމުރަކަށް އެދިފައިވާނެ ކަމަށެވެ.
ބަންދު އަމުރާއި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަށް އެދުނީ އެ މައްސަލައިގެ ތެރެއިން އެކުއެކީގަ އެވެ. ދެ އަމުރަށް ވެސް ދައުލަތުގެ ފަރާތުން އެދުނު ސަބަބަކީ އަދީބު ފިލާފާނެ ކަމުގެ އަދި ކޯޓަށް ހާޒިރުނުވެދާނެ ކަމުގެ އިހުތިމާލު އޮތީމަ ކަމަށް ބިޝާމް ވިދާޅުވި އެވެ. އެއީ ޖޫން މަހުގެ ދެވަނަ ދުވަހު އެވެ.
މާބިންހުރާ މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ބަންދުގައި ބެހެއްޓުމަށް އެދުނު އަމުރާމެދު ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަވަ އެވެ. ނަމަވެސް ދަައުލަތުން އެދުނު ގޮތަށް ޕާސްޕޯޓް ހިފެހެއްޓި އެވެ. އޭނާ އިންޑިއާއަށް ދިޔައީ ވެސް ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށެވެ.
މާބިންހުރާ މައްސަލާގައި ހައިކޯޓުން ނިންމީ އެ މައްސަލަ އަލުން ކުރިމިނަލް ކޯޓުން ބެލުމަށެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ވަނީ އެ މައްސަލަ އަލުން ނުބަލަން ނިންމައި މައްސަލަ އަނބުރާ ޕީޖީއަށް ފޮނުވާލާފަ އެވެ. ކުރިމިނަލް ކޯޓުގައި ހުރި އަދީބުގެ ހުރިހާ މައްސަލަތަކެއް އެފަހަރު އެ ކޯޓުން ބޭރުކޮށްލި އެވެ. ނަމަވެސް އެކަމާ ޕީޖީ ހިތްހަމަނުޖެހި މައްސަލަ ސުޕްރީމް ކޯޓަށް ގެންދިޔައީ އެވެ.
މިހާތަނަށް ސުޕްރީމް ކޯޓުން މައްސަލާގެ އެއްވެސް އަޑުއެހުމެއް ބާއްވާފައެއް ނުވެ އެވެ.
އަދީބު ފިލައިގެން އިންޑިއާއަށް ގޮސްފައިވަނީ މިހާތަނަށް ސަރުކާރުން މިކަމުގައި އެއްވެސް އެއްޗެއް ނުބުނެ އެވެ. ފުލުހުން ވަނީ އަދީބު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. މިހާތަނަށް އެކަމުގައި އެއްވެސް ކުރިއެރުމެއް ނުލިބެ އެވެ. މިކަމާ ގުޅިގެން ފުލުހުންގެ އިންޓެލް ޑިޕާޓްމެންޓަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.
އަދީބުގެ ބައިނަލްއަގްވާމީ ގާނޫނީ ޓީމުގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި އޭނާ ދިވެހި ފުލުހުންނާ ހަވާލު ނުކުރުމަށް އެދިފައިވެ އެވެ. އަދި އޭނާ އަނބުރާ ރާއްޖެ ފޮނުވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެފައިވެ އެވެ.