ހަބަރު

ޔާމީން މައްސަލާގައި އޭސީސީ އަމަލުކުރި ގޮތުން ގިނަ ސުވާލުތަކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަމަލުކޮށްފައިވާ ގޮތާމެދު ގިނަ ސުވާލުތަކެއް އުފެދިއްޖެ އެވެ.

ކުރިން ވެސް މިކަމާމެދު ގިނަ ސުވާލުތަކެއް އެކި ގޮތްގޮތުން އަމާޒުވެފައިވަނިކޮށް މިއަދު ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒު ރަޝީދު ވަނީ ހެކި ބަސް ދެއްވާފަ އެވެ.

އޭނާއާ ދައުލަތުންނާއި ރައީސް ޔާމީން އަދި ޝަރީއަތުން ވެސް ސުވާލުތައް އަމާޒުކުރި އެވެ. ރައީސް ޔާމީންގެ މައްސަލައިގެ ތަހުގީގު ހިނގައިދިޔައިރު އޭނާއަކީ ކޮމިޝަންގެ ނައިބު ރައީސް އެވެ. އޭނާ ޝަރީއަތަށް ހާޒިރުކުރީ އެ ހައިސިއްތުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އިސްލާމިކް ބޭންކްގައި އޮންނަ އެމަނިކުފާނުގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރު ބެހެއްޓުމަށް އޭސީސީއާއެކުވީ އެސްކްރޯ އެކައުންޓްގެ އެއްބަސްވުމާ ހިލާފުވެފައިވާތީ އެވެ.

ދައުލަތުން އުފުލާފައިވާ ދައުވާގައިވާ ގޮތުން އެސްއޯއެފްއިން ޖަމާކުރި ފައިސާ، ބީއެމްއެލްގައި ގާއިމްކުރި އެސްކްރޯ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި ރައީސް ޔާމީން، އެސްކްރޯ އެކައުންޓަށް ޖަމާކުރީ އެމަނިކުފާނުގެ ބީއެމްއެލްގެ އެކައުންޓްގައި ހުރި އެއް މިލިއަން ޑޮލަރެވެ. އެ އެއް މިލިއަން ޑޮލަރަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާތަކެކެވެ.

އެގޮތަށް އަމަލުކޮށްފައިވާތީ އެސްކްރޯ އެއްްބަސްވުމާ ހިލާފުވެ، އެ އެކައުންޓަށް ޖަމާކުރި ފައިސާގެ އަސްލު އޮޅުވާލައި، މަނީ ލޯންޑާކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ދައުވާގައިވެ އެވެ. އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރު ރައީސް ޔާމީން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ އެމަނިކުފާނުގެ އިވެންޓްމެންޓް އެކައުންޓަކަށް މިހާރު ބަދަލުކޮށްފަ އެވެ.

ޔާމީން ފައިސާ ޖަމާކުރުމުން އޭސީސީއިން ވެރިފައި ނުކުރޭ

މި މައްސަލާގައި ދައުލަތުން މުއައްވިޒާ ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި އެސްއޯއެފްގެ ފައިސާތަކެއް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމުގެ މައުލޫމާތު ލިބުމާއެކު އެކަން ބަލަން ފެށި ކަމަށެވެ. އަދި މައުލޫމާތު ސާފުކުރުމުގެ ގޮތުން ރައީސް ޔާމީންއާ ބައްދަލު ކުރެއްވި ކަމަށެވެ. ބައްދަލު ކުރެއްވީ ރައީސް އޮފީހުގައި އޭނާ އާއި އޭރު އޭސީސީގެ ރައީސް ހަސަން ލުތުފީ ކަމަށެވެ.

"އެ ބައްދަލުވުމަށް އެއްވެސް ރެކޯޑް ކުރެވޭ އެއްޗެއް ނުވައްދަން އަންގާފަ އޮތީ، އަޅުގަނޑުމެން އަމަލު ކުރާ އުސޫލެއް އެއީ ވަކި ލެވެލެއްގެ ބޭފުޅުންގެ ގާތަށް ގޮސް ބަޔާން ނެގުމަކީ، އެ ބައްދަލުވުމުގައި އަޅުގަނޑުމެން ސުވާލުތަކެއް ކުރިން، އަދި އެންމެ ރަނގަޅު ގޮތަކީ އެ ފައިސާ ދައުލަތުގެ ބެލުމުގެ ދަށަށް ހަވާލުކުރުން ކަމަށް ދެންނެވިން،" މުއައްވިޒު ވިދާޅުވި އެވެ.

މުއައްވިޒު ވިދާޅުވީ ރައީސް ޔާމީން އެކަމަށް އެއްބަސްނުވެ ވިދާޅުވީ އެ ފައިސާއަކީ ސިޔާސީ އެކިއެކި ކަންކަމުގައި އެމަނިކުފާނަށް ލިބިފައިވާ ފައިސާ ކަމަށާއި އެ ފައިސާތައް ހުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުގައި ކަމަށެވެ. އަދީބުގެ ގާތު އެ ފައިސާ ޖަމާކުރަން އެންގުމުން ފައިސާ ޖަމާކުރީ ކަމަށާއި އެ ޖަމާކުރީ ކޮން އެކައުންޓަކުން ކަމެއް އެމަނިކުފާނު އޭރު ނުބައްލަވާ ކަމަށެވެ.

ރައީސް ޔާމީންގެ ބަޔާން ނެގުމަށްފަހު ދެން މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލީ ކަމަށް މުއައްވިޒު ވިދާޅުވި އެވެ. އެއީ އެ މައްސަލާގައި ދެން ސުވާލު ކުރަންޖެހޭ މީހުން ރާއްޖޭގައި ނެތުމުން ކަމަށެވެ. އަދި އެ މައްސަލާގައި ރައީސް ޔާމީންއަކީ ތުހުމަތުވާ މީހެއްގެ ގޮތުގައި ކަނޑަނާޅާ އޮތީ ވެސް އެމީހުންނާ ސުވާލުކުރުމަށްފަހު އެކަމުގައި ގޮތެއް ކަނޑައަޅަން ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލަ އެހެން އޮތްވައި އެސްކްރޯ އެކައުންޓެއްގެ އިޝާރާތެއް އެންމެ ފުރަތަމަ އައީ ރައީސް ޔާމީންގެ ފަރާތުން ކަމަށް މުއައްވިޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ސީދާ ރައީސް ޔާމީން އިޝާރާތެއް ކުރެއްވީއެއް ނޫން، އޭރުގެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އެކަން ކޮމިޝަންގެ ސަމާލު ކަމަށް ގެނައީ،" މުއައްވިޒު ވިދާޅުވި އެވެ.

މުއައްވިޒު ވިދާޅުވީ ރައީސް ޔާމީން ވެސް ބޭނުންވާތީ އެސްކްރޯ އެއްބަސްވުމަކަށް ދާން ކޮމިޝަނުން ނިންމައި އެކަން އެގޮތަށް ކުރީ ކަމަށެވެ. އޭގެ ބޭނުމަކީ އެ ފައިސާއާމެދު ގޮތެއް ކަނޑައަޅަންދެން ދައުލަތުގެ ބެލުމުގެ ދަށުގައި ފައިސާ ބަހައްޓަން ބޭނުންވާތީ ކަމަށެވެ. އެ އެކައުންޓަށް ޖަމާކުރާ ފައިސާ ވާން ޖެހޭނީ އެސްއޯއެފްއިން ޖަމާކުރި ފައިސާ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެ ފައިސާ ނޫންކަން އޭސީސީއަށް އެނގުނީ އޭގެ މާ ފަހުން އެމްއެމްއޭގެ އެފްއައިޔޫއިން ފޮނުވި އެސްޓީއާރްއަކާ ގުޅިގެން އިސްލާމިކް ބޭންކުން ސާފުކުރި މައުލޫމާތުތަކާއެކު ކަމަށް މުއައްވިޒު ވިދާޅުވި އެވެ.

އެސްޓީއާރްގައި ފާހަގަކުރީ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރުމުގެ މާކުރިން ރައީސް ޔާމީން އިސްލާމިކް ބޭންކްގެ ސޭވިން އެކައުންޓްގައި ހުރި އެއް މިލިއަން ޑޮލަރު އިންވެސްޓްމެންޓް އެކައުންޓަށް ޖަމާކޮށްފައިވާ ކަމެވެ. އަދި އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ ބީއެމްއެލްގެ އެކައުންޓަށް މޫސާ ޒަމީރު ޖަމާކޮށްދިން ފައިސާތަކެއް ކަމެވެ.

"އިސްލާމިކް ބޭންކުން މައުލޫމާތު ސާފުކުރުމުން އެކަން އެގޮތަށް ހިނގާފައިވާކަން އެނގުމުން އެކަން ފުލުހުންނަށް އަޅުގަނޑުމެން ހުށަހެޅިން،" މުއައްވިޒު ވިދާޅުވި އެވެ.

މުއައްވިޒު ވިދާޅުވީ އެސްކްރޯ އެކައުންޓަށް ރައީސް ޔާމީން ފައިސާ ޖަމާކުރި ކަމަށް ވިދާޅުވުމުން އެކަން އިތުރަށް ވެރިފައި އޭރު ނުކުރާ ކަމަށެވެ. އެއްބަސްވީ އެސްއޯއެފްގެ ފައިސާ ޖަމާކުރުމަށް ކަމަށްވާތީ އެގޮތަށް އަމަލުކުރާނެ ކަމަށް ބަލައިގެން ތިބީ ކަމަށެވެ. ޖަމާވި ފައިސާއަކީ ކޮން ފައިސާތަކެއްތޯ ބެލުމަށް ބީއެމްއެލް އަދި އިސްލާމިކް ބޭންކްގައި ވެސް އެދިފައިނުވާ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.

ތަހުގީގަށް ދަތިތައް، ކޯޓަށް ދާން ބޭނުން ނުވި

ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައި މިއަދު ޝަރީއަތަށް ވަޑައިގެންނެވި އަލީ ޝާހްގެ ގިނަ ސުވާލުތަކެއް ވެސް މުއައްވިޒުއާ ކުރިމަތިކުރުވި އެވެ. އޭނާގެ ސުވާލަކަށް ވެސް ވެގެން ދިޔައީ މި މައްސަލާގައި އޭސީސީއިން އަމަލުކޮށްފައިވާ ގޮތެވެ. މުއައްވިޒު ވިދާޅުވި ގޮތުގައި މި މައްސަލާގައި ކޮމިޝަނުން ވަކި ތަފާތު ގޮތަކަށް އަމަލުކޮށްފައެއް ނުވާނެ ކަމަށެވެ.

ނަމަވެސް މުއައްވިޒުގެ ވާހަކަތަކުން އެނގުނު ގޮތުގައި މައްސަލާގެ ބަޔާން ނެގުމުގައި އޭސީސީއިން އަމަލުކޮށްފައިވަނީ ރައީސް ޔާމީން އިރުޝާދު ދެއްވި ގޮތަށް ކަމެވެ. އެގޮތުން ބަޔާން ނެގިއިރު ރެކޯޑް ނުކުރުމާއި ބަޔާން ޑްރާފްޓް ކުރުމުގައި ކަން ހިނގާފައިވަނީ ރައީސް ޔާމީން ބޭނުންފުޅުވި ގޮތަށެވެ.

"އަޅުގަނޑުމެން ސުވާލުކޮށްފަ ދިޔައީމަ ރައީސް އޮފީހުން އާޒިމާ ޝުކޫރު ގުޅުއްވައި ދެންނެވި އެކޮޅުން ބަޔާން ޑްރާފްޓް ކުރަން ބޭނުންވާ ވާހަކަ، އެހެންވެ އަޅުގަނޑުމެން ކުރި ސުވާލުތަކުގެ ސޮފްޓް ކޮޕީ ރައީސް އޮފީހަށް މެއިލް ކުރިން، ބަޔާން ޑްރާފްޓްކޮށްފަ ފޮނުވީމަ ބަޔާން ފައިނަލް ކުރީ އަޅުގަނޑުމެން،" މުއައްވިޒު ވިދާޅުވި އެވެ.

އެއީ އަމަލު ކުރެވޭ އުސޫލެއްތޯ ނޫނީ އެގޮތަށް އަމަލު ކުރަން ޖެހުނީ ކީއްވެގެންތޯ ކުރި ސުވާލަށް މުއައްވިޒު ސީދާ ޖަވާބެއް ނުދެއްވަ އެވެ.

ސުވާލުތަކަށް ނުސީދާކޮށް ޖަވާބު ދެއްވަމުން މުއައްވިޒު ވިދާޅުވީ މައްސަލާގެ ތަހުގީގުގައި ތުހުމަތުވާ މީހެއްގެ ގޮތުގައި ރައީސް ޔާމީންއަށް ނުބެލި ކަމުގައިވީ ނަމަވެސް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އިސްލާމިކް ބޭންކުން ރައީސް ޔާމީންގެ އެކައުންޓްގެ ބޭންކް ސްޓޭޓްމެންޓްތައް ވެސް ދޭން ދެކޮޅު ހެދި ކަމަށެވެ. އެ ސްޓޭޓްމެންޓްތައް އެންމެ ފުރަތަމަ ވެސް ލިބުނީ ރައީސް އޮފީސް މެދުވެރިކޮށް ކަމަށެވެ.

"މައުލޫމާތު ދިނުމަށް ދެކޮޅު ހެދުމުން ބޭންކަށް އިންޒާރުގެ ސިޓީއެއް ފޮނުވިން، އޭގެ ފަހުން އެ ބޭންކުން ވަނީ ސްޓޭޓްމެންޓްތައް ދީފައި،" މުއައްވިޒު ވިދާޅުވި އެވެ.

އޭގެއިތުރުން ރައީސް ޔާމީންގެ ބަޔާން ނެގުމުގައި ވެސް ގިނަ ދަތިތަކެއް ފުރަތަމަ ދިމާވި ކަމަށެވެ. އެހެންވެ އެކަމުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އިރުޝާދު ވެސް ހޯދި ކަމަށެވެ. ތަހުގީގަށް ހުރަސް އެޅުމުން ދިޔައިރު ވެސް އެކަމުގައި ކޯޓަށް ދާން ކޮމިޝަނުން ބޭނުން ނުވި ކަމަށް މުއައްވިޒު ވިދާޅުވި އެވެ.

"ފުލުހުން ވެސް ތަހުގީގު ކުރަމުން ދިޔައީ، ފުލުހުން ވެސް އުޅުނު ކޯޓު އަމުރެއް ހޯދައިގެން މި މައްސަލާގައި އެކައުންޓް މައުލޫމާތު ހޯދަން، އެކަމަކު ކޯޓު ތެރެއިން އެކަމެއް ނުވި، އެހެންވެ އަޅުގަނޑުމެން ކޯޓަށް އައިސް އެކަން ކުރަން ނޫޅުނީ،" މުއައްވިޒު ވިދާޅުވި އެވެ.

މުއައްވިޒު ވިދާޅުވީ މައްސަލާގައި ރައީސް ޔާމީންގެ އެކައުންޓް ފްރީޒް ކުރުމުގެ އަމުރަކަށް އެދުމުގެ ބާރު ކޮމިޝަންގައި އޮތް ނަމަވެސް އެކަމަށް ނޭދެން ނިންމީ ކޮމިޝަންގެ ނިންމުމަކުން ކަމަަށެވެ. ކޯޓު އަމުރަކަށް ނޭދެން ނިންމިޔަސް އެކަމުގައި އަމަލު ކުރާނެ އެހެން ވަކި ގޮތެއް ކޮމިޝަނުން ނުނިންމާ ކަމަށް ވެސް ޝަރީއަތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވި އެވެ.

ޔާމީން އުޅުއްވީ ޕޮއިންޓަށް ބާރު ހޯދަން

މީގެކުރީ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކުރަން ޖެހުނު ސަބަބު ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެސްކްރޯ އެއްބަސްވުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށް މާއްދާއެއް ހިމަނާފައިވާ ކަމާއި އެސްކޮރޯ އެކައުންޓަށް އިސްލާމިކް ބޭންކް އެކައުންޓުން ނޫން އެހެން އެކައުންޓަކުން ފައިސާ ޖަމާކުރަން ޖެހުނީ އެހެންވެ ކަމަށެވެ.

"އިސްލާމިކް ބޭންކް އެކައުންޓްގައި ހުރި ފައިސާއާ މެދު އެބަ ޝައްކު އުފެދޭ، އެއިން އަޅުގަނޑު މުއާމަލާތެއް ކޮށްފިނަމަ އެ ގާނޫނާ ހިލާފު ކަމަކަށް ވެދާނެ، އެހެންވެ އެފަދަ އެކައުންޓަކުން އެ މުއާމަލާތް ކުރަން ބޭނުން ނުވީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެ ވާހަކައަށް ބާރު ހޯދުމަށް މުއައްވިޒުއާ ގިނަ ސުވާލުތަކެއް ރައީސް ޔާމީން އަމިއްލަފުޅަށް ކުރެއްވި އެވެ. އެގޮތުން އިސްލާމިކް ބޭންކްގެ އެކައުންޓުން ފައިސާ ވިތުޑްރޯކޮށްފިނަމަ އެ ގާނޫނު ހިލާފު ކަމަކަށް ނުވާނެތޯ ތަކުރާރުކޮށް ސުވާލު ކުރެއްވި އެވެ.

މުއައްވިޒު ވިދާޅުވީ އެސްކްރޯ އެއްބަސްވުމުގައި އެއްބަސްވީ ފައިސާ ވިތުޑްރޯކުރުމަށް ނޫން ކަމަށާއި ހޯލްޑްކޮށްފަ ބަހައްޓަން ކަމަށެވެ. އަދި އެއްބަސްވުމުގައި ޖަމާކުރަން ޖެހޭނީ އެސްއޯއެފްއިން ޖަމާކުރި ފައިސާ ކަމަށް ސާފުކޮށް ބުނެފައިވާ ކަމަށެވެ.

ރައީސް ޔާމީން ދެން ސުވާލު ކުރެއްވީ އެ އެއްބަސްވުމާ އެއްގޮތަށް އޭސީސީއަށް އަމަލުކުރެވިފައިވޭތޯ އެވެ. އެގޮތުން އެ އެއްބަސްވުމުގައި 12 މަސް ދުވަހުގެ ތެރޭގައި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމައްތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެއްބަސްވުމުގެ 12 މަސް މިދިޔަ މާޗް މަހަށް ވަނީ ހަމަވެފަ އެވެ. ނަމަވެސް އެ މައުލޫމާތު މުއައްވިޒަށް ސާފެއް ނޫނެވެ. އޭނާ ވިދާޅުވީ ޖޫން މަހުގައި ކަމަށެވެ. އެކަން ރަނގަޅުކޮށް ދެއްވީ ރައީސް ޔާމީނެވެ.

"ބާރަ މަސް ތެރޭ ފައިސާއާމެދު ގޮތެއް ކަނޑައެއް ނޭޅޭ، އެގޮތަށް ކަނޑަ ނޭޅުނީ އޭގެ ތެރެއަށް އެހެން ކަންތައްތަކެއް ވަނީމަ، އެސްކްރޯ އެކައުންޓްގައި ހުރީ އެހެން ފައިސާއެއް، އެ މައްސަލަ ދަނީ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން،" މުއައްވިޒު ވިދާޅުވި އެވެ.

މިއަދު މުއައްވިޒުގެ ހެކި ބަސް ނަގާފައިވީ ނަމަވެސް އަދިވެސް އޭނާ ކޯޓަށް ހާޒިރުކުރާނެ އެވެ. އެއީ މި މައްސަލާގައި އޭސީސީއިން ތައްޔާރުކޮށްފައިވާ ބަޔާނަކާ ގުޅޭ ގޮތުން ހެކި ބަސް ދޭށެވެ. މިއަދު އެ ބަޔާނާ ގުޅޭ ގޮތުން ސުވާލު ނުކުރެވުނެވެ. އެއީ ރައީސް ޔާމީންއަށް އެ ބަޔާން ހަވާލުކުރެވިފައި ނެތުމުންނެވެ.

ރައީސް ޔާމީންގެ ފަރާތުން ދިފާއީ ހެކި ވެސް މިއަދު ހުށަހެޅި އެވެ. އެމަނިކުފާނުގެ ފަރާތުން ހުށަހެޅީ އެންމެ ޝަފަވީ ހެއްކެކެވެ. އެއީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމެވެ. ދެން ހުށަހަޅާފައިވަނީ ސްޓީލިންގް ޕްރެޑައިސް ޑޮކިއުމެންޓްރީގައި ކުރާ ތުހުމަތުތައް ދޮގުކޮށް އެމްއެމްއޭއިން ނެރެފައިވާ ނޫސް ބަޔާނެކެވެ.

ދެން މި މައްސަލާގައި އޮންނަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ގިނަ ހެކިން ހާޒިރުކޮށް ހެކި ބަސް ނަގާނެ ކަމަށް މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވި އެވެ. ދެން ތިބި ހެކީންނަކީ ރައީސް ޔާމީންގެ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަހުމަދު އަދީބާއި މޫސާ ޒަމީރާއި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑްގައި ތިއްބަވާ މުހައްމަދު ޝަރީފާއި މުހައްމަދު ލުވައިޒުގެ އިތުރުން މުހައްމަދު ވަސީމް އިސްމާއިލް ކިޔާ މީހެކެވެ.