ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަލުން ހައްޔަރު ކުރުމަށް ކުރިމިނަލް ކޯޓުގެ އަމުރެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ އަދީބު މިރޭ މާލެ ގެނެސް ބަންދަށް 15 ދުވަސް ޖެހުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބޭއްވި ބަންދު މަޖިލީހުގަ އެވެ.
އެ ބަންދު މަޖިލީހުގައި އަދީބު ހައްޔަރުކޮށްފައިވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށްކަން ވަނީ ހާމަވެފަ އެވެ. އަދި އެކަމަށް ދައުލަތުން ވެސް އެއްބަސްވެފައިވާއިރު އެ ހާލަތުގައި އަދީބު ހައްޔަރުކޮށްފައި ނުބެހެއްޓޭނެ ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.
އެ ނިންމުން ނިންމުމުގެ ކުރިން މައްސަލާގެ ފުލުހުންގެ އައިއޯ ވަނީ އަދީބު ހައްޔަރުކުރި ގޮތާމެދު އޭނާގެ ފަރާތުން ސުވާލު އުފައްދައި އެކަމަށް ދައުލަތުން ވެސް އެއްބަސްވާތީ އަދީބު ހައްޔަރު ކުރަން އިތުރު އަމުރެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އަދީބު ބަންދު ކުރުމަކީ މުޅި މުޖުތަމައުގެ މަސްލަހާ ގުޅުންހުރި ކަމެކެވެ. މުޖުތަމައުގެ ރައްކާތެރިކަމަށް އަދީބު ހައްޔަރު ކުރަން ޖެހޭ ކަމަށެވެ. އެއީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި އޭނާއާަ ދެކޮޅަށް ބަޔާން ދޭ މީހުންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލާއި ފިލައިގެން ގޮސްދާނެ ކަމުގެ އިހްތިމާލު އޮތީމަ ކަމަށެވެ.
އަދީބު ހައްޔަރުކުރުމުގައި ގާނޫނާ ހިލާފުވެފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން އަދީބު ހައްޔަރުކޮށްފައިވާއިރު އެ ހާލަތުގައި އަމަލު ކުރަން ޖެހޭ ބައިނަލްއަގްވާމީ ގާނޫނެއް ކަމަށްވާ ފްލެޓް ސްޓޭޓް ގާނޫނަށް އަމަލުކޮށްފައި ނެތުމުންނެވެ.
އެ ގާނޫނުގައިވާ ގޮތުން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދަކުން ގައުމަކަށް މީހަކު ހައްޔަރު ކުރެވޭނީ އެމީހަކު ހުރި އުޅަނދަކީ އެ ގައުމެއްގައި ރަޖިސްޓްރީކޮށްފައި ނުވަތަ އެ ގައުމެއްގެ ދިދަ ނަގާފައިވާ އުޅަނދެއް ކަމުގައިވާނަމަ އެވެ. ފުލުހުންގެ އައިއޯ ވަނީ އަދީބު ހައްޔަރުކުރި އުޅަނދުގައި ނަގާފައިވަނީ އިންޑިއާގެ ދިދައެއް ކަމާއި އެއީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
އެހެންވެ ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވީ މި މައްސަލާގައި ފުލުހުން އަމަލުކޮށްފައިވަނީ އެއްވެސް ގާނޫނަކުން ބާރެއް އޮވެގެން ނޫން ކަމަށެވެ. އަދީބު ހައްޔަރުކުރުމުގައި ގާނޫނާ ހިލާފުވެފައިވާ ކަމަށް ދައުލަތުން އެއްބަސްވާ ކަމަށެވެ.
ދައުލަތުން އެކަމަށް އެއްބަސްވުމުން މައްސަލަ ބެއްލެވި ގާޒީ އަލީ ރަޝީދު ހުސެއިން ނިންމީ، އަދީބު ބަންދުން މިނިވަން ކުރުމަށެވެ. ގާޒީ ވިދާޅުވީ މީހަކު ބަންދު ކުރަން ބޭނުންވާއިރު އެންމެ އަސާސީ އެއް ކަމަކީ އޭނާ ހައްޔަރުކުރި ގޮތް ކަމަށެވެ. ހައްޔަރުކުރުން ގޯސް ނަމަ ދެން އެއާ ގުޅިގެން އެހެން އިޖުރާއަތްތަކެއް ނުހިނގާނެ ކަމަށެވެ. އެހެންވެ އަދީބު ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ގާޒީ ފުލުހުންގެ މައްޗަށް އަމުރު ކުރެއްވި އެވެ.