ހަބަރު

ރަހީނުކުރި މައްސަލާގައި ދެ މީހުންގެ ބަންދަށް 10 ދުވަސް

މާލޭގައި މީހަކު ރަހީނު ކޮށްގެން ގެންގުޅުނު ކަމުގެ ތުހުމަތަށް ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތަށް 10 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ، ރަހީނުކޮށް މީހަކަށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި ދެ ފިރިހެނުންގެ މައްސަލަ، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން އިއްޔެ ދީފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި، 22 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. އެހެން ނަަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެެ.

މީހުން ރަހީނު ކުރުމަކީ ފަހަކަށް އައިސް ރާއްޖޭގައި ވެސް އާންމުވަމުން އަންނަ ކަމެކެވެ. އެގޮތުން ދާދި ފަހުން ވަނީ ލ. ގަމުގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދަން އުޅުނުކަމުގެ ތުހުމަތުގައި ވެސް މީހަކު ހައްޔަރުކޮށްފަ އެވެ.