ހަބަރު

އަދީބު ފިލަން އެރި ޓަގު ބޯޓުގެ މައްސަލައެއް ފުލުހުން ބަލަނީ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިލަން މަސައްކަތް ކުރި "ވާގޯ 9" ޓަގް ބޯޓުގެ މައްސަލަ އެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ، ވާގޯ9" ޓަގު ބޯޓާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގުގެ ބޭނުމަށް އެ ބޯޓު ރާއްޖެ އައުމުން ހިފެހެއްޓުމަށް މޯލްޑިވްސް ކަސްޓަމްސް އަށް އަންގާފައިވާ ކަމަށެވެ. އެހެންނަމަވެސް، ބަލަނީ ކޮން މައްސަލަ އެއްކަމެއް ފުލުހުން ނުބުނެ އެވެ.

އިތުރަށް ބުނީ، މި މައްސަލައާ ގުޅިގެން ޓަގް ބޯޓުގެ އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

ޓަގު ބޯޓެއްގައި އަދީބު ފިލަން މަސައްކަތް ކުރަނިކޮށް އިންޑިއާގެ ޓުޓިކޮރިން އިން އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މި ޓަގް ބޯޓަކީ އިންޑޮނޭޝިއާއަށް ހިލަ ބަރުކުރުމަށްފަހު އެނބުރި އިންޑިއާއަށް ދިޔަ މަގުމަތީ ރާއްޖެ މަޑު ކުރި ބޯޓެއް ކަމަށް ވެ އެވެ. އެ ބޯޓުގައި އިންޑިއާގެ އެއް ފަޅުވެރިޔަކާއި އިންޑޮނޭޝިއާގެ އަށް ފަޅުވެރިޔަކު ތިއްބެވެ. އަދީބު އެ ބޯޓުގައި ހުރިކަން ފަޅާ އަރުވާލީ އިންޑިއާގެ ފަޅުވެރިޔާ އެވެ.

އަދީބު އިންޑިއާއަށް ގޮސްފައި ވަނީ އޭނާގެ މައްޗަށް މީގެ ކުރިން ކުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ. އަދީބު މިހާރުވަނީ އަނބުރާ ރާއްޖެ ގެނެސް، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފަ އެވެ.