ހަބަރު

ޔާމީންގެ ގެއިން ނުކުތީ ހައިޝަމާއި ޒިހާން، ތިބީ މާސްކް އަޅައިގެން: ހެކި

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ދެ މީހުން ކަމަށްވާ އަހުމަދު ޒިހާން އާއި އިސްމާއިލް ހައިޝަމް، ޔާމީންގެ ގެއިން ނިކުތްތަށް ފެނުނު ކަމަށާއި، އޭރު އިސްމާއިލް ރަޝީދު ވެސް އެގޭ ކަންމައްޗަށްވާ ގޮތަށް ސައިކަލުގައި މަޑުކޮށްލައިގެން އިން ކަަމަށް ސިއްރު ހެކިވެރިޔަކު ބުނެފި އެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި މިއަދު ވަނީ ސިއްރު ދެ ހެކިވެރިއެއްގެ ހެކިބަސް ނަގާފަ އެވެ. އެގޮތުން ސިއްރު ހެކިވެރިޔާ ދޭއް ވަނީ އެ ހާދިސާ ހިނގި ރޭ އެތާ ކައިރީގައި ހުރި މީހެއްގެ ހައިސިއްޔަތުން އާދަޔާ ހިލާފަށް މީހަކަށް އަނިޔާއެއް ލިބިގެން ހަޅޭއްލަވާ އަޑު އިވުމަށްފަހު ޔާމީންގެ ގެއިން ދެ މީހަކު ނިކުމެގެން ދިޔަ ކަމަށާއި، އެކަކު ސައިކަލެއްގައި އެގެއާ ދިމާލު ކަންމަތީގައި އިން ކަމަށް ބުނެ ހެކިބަސްދީފަ އެވެ. އަދި ޝަރީއަތަށް ހާޒިރުކޮށްފައި ތިބި ދައުވާ ލިބޭ މީހުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިވެރިޔާ ވަނީ އެ ކޮން ބައެއްކަން ޝަރީއަތަށް ކިޔާދީފަ އެވެ.

އެގޮތުން ޔާމިންގެ ގެއިން ނިކުތް ދެ މީހުންނަކީ ޔާމީންގެ މަރުގެ ދައުވާ ލިބޭ އިސްމާއީލް ހައިޝަމް ރަޝީދާއި، އަހުމަދު ޒިހާން އިސްމާއީލް ކަމަށާއި، އެގެއާދިމާލު ކަންމަތީގައި މަޑުކޮށްގެން ހުރި މީހަކީ އިސްމާއީލް ރަޝީދުކަން ސިއްރު ހެކިވެރިޔާ ވަނީ ފާހަގަކޮށްފަ އެވެ. އަދި ޔާމީންގެ ގެއިން ނިކުތް ދެ މީހުން ތިބީ ސާޖެރިކަލް މާސްކު އަޅައިގެން ކަމަށާއި، ސައިކަލުގައި އިން މީހާ އިނީ ތޮއްޕެއް އަޅައިގެން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޔާމީންގެ ގެއިން ނިކުތް ދެމީހުންވެސް ތިބީ ބޯ ދިގުކޮށް ކަމަށާއި، ސިފަ ފޮރުވަން މަސައްކަތް ކޮށްފައިވާކަމެއް ނޭނގޭ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. އޭގެ އިތުރުން، ޔާމީންގެ ގެއިން ނިކުތް ދެމީހުންގެ ތެރެއިން ހައިޝަމް އެރީ ސައިކަލުގައި އިންމީީހާ ފަހަތަށް ކަމަށާއި، ދެން ހުރިމީހާ އެރީ އެތަނުގެ ޕާކިން ޒޯނުގައި އިން ސައިކަލަކަށް ކަމަށެވެ.

އެ ސަރަހައްދުގައި ރަނގަޅަށް އަލި ހުރި ކަމަށާއި، ދެ ސައިކަލު ވެސް ދުއްވާފައި ދިޔައީ އޭނާގެ ކުރިމަތިން ދެ ފޫޓެއްހާ ދުރުން ކަމަށާއި، އެ އެންމެން ރަނގަޅަށް ފެނުނު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މީގެ އިތުރުން، އެމީހުން ވަކި ކުރަން އެނގުނީ އެހާދިސާ ހިގައިގެން، ފުލުހަށް ބަޔާންދޭން ދިޔަ އިރު، ފުލުހުން ދެއްކި ފޮޓޯތަކުން ކަމަށްވެސް ހެކިވެރިޔާ ވަނީ ބުނެފަ އެވެ. އަދި ހެކިބަސް އަދާ ކުރަން އައުުމުގެ ކުރިން ޕީޖީ އާއި ފުލުހުންނާއެކު ރޭ ފުލުހުންގެ މައި މަރުކަޒުގައި ބައްދަލު ކުރި ކަމަށްވެސް ހެކިވެރިޔާ ވަނީ ބުނެފަ އެވެ. އަދި އެބައްދަލުވުމުގައި ދެކެވުނީ ހެކިބަސް އަދާކުރުމުގެ މުހިންމު ކަމުގެ ވާހަކަ ކަމަށެވެ.

މީގެ އިތުރުން މިއަދު ވަނީ ސިއްރު ހެކިވެރިޔާ ފަހެއްގެ ހެކިބަސް ވެސް ނަގާފަ އެވެ. އޭނާ ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ޔާމީން ރަޝީދުގެ ގޭގެ ގްރައުންޑްފުލޯގައި 2:30 ގައި އެނާ ނިކުތް އިރު އަލި ހުރިކަމާއި، އޭގެ ފަހުން އައި އިރު އަލިކަމެއް ނެތް ކަން ސާބިތު ކުރުމަށެވެ.

މިއަދުގެ ޝަރީއަތުގައި ވަނީ ފިންގާޕްރިންޓް ކޮމްޕޭރިޝަން ރިޕޯޓް ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނަގަން ވެސް މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް އެކަމަށް އެކަށީގެންވާ ވަގުތު ލިބިފައިނުވާ ކަމަށް ބުނެ، އެކަމަށް ދިފާއުން އިއުތިރާޒު ކުރުމުން ދެން އަންނަ އަޑުއެހުމެއްގައި އޭނާގެ ހެކިބަސް ނަގާ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.