ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އަހުމަދު ޝިފާއު އިސްތިއުފާ ދެއްވައިފި އެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ މިއަދު އެވެ.
ޝިފާއު އަވަސްއަށް ވިދާޅުވީ އިސްތިއުފާގެ ސިޓީ މިއަދު ރައީސް އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ. އިސްތިއުފާ ދެއްވީ ޓްރައިބިއުނަލްގެ ރައީސް ކަމާއި މެންބަރު ކަމުން ކަމަށް ވެސް ވިދާޅުވި އެވެ.
ޝިފާއު ވިދާޅުވި ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވީ ވަކި ސަބަބެއް އޮވެގެން ނޫންނެވެ. މިއަދަށް ފެނުނު ގޮތް ކަމަށް ވިދާޅުވި އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޓްރިބިއުނަލްގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ހާޒިރުކުރި އެވެ. އެ މަޖިލީހުގައި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިފާއު ވަނީ ޓްރައިބިއުނަލްގެ މެމްބަރަކަށް ވެވަޑައިގެންނެވީ އޭނާގެ 50 ޕަސެންޓް ހިއްސާ އޮންނަ ލޯ ފާމްގެ ހިއްސާ ދޫކޮށް އެ ލިޔުންތައް ފާމަށް ހަވާލުކޮށްފަ ކަމަށެވެ.
ނަމަވެސް އެ ލޯ ފާމްގައި އަދިވެސް ޝިފާއުގެ ހިއްސާ އޮންނަ ކަމަށް ރާއްޖެއެމްވީގެ ރިޕޯޓެއްގައި ވަނީ ފާހަގަކޮށްފަ އެވެ. އެ ރިޕޯޓްގައި ހަވާލާދީފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ޕާޓްނާޝިޕް ޕްރޮފައިލް އިންފޮމޭޝަން ޝީޓަށެވެ. އެ ޝީޓްގައިވާ ގޮތުން އަދިވެސް ޝިފާއުގެ 50 ޕަސެންޓް ހިއްސާ ފާމްގައި އެބަ އޮތެވެ. އެކަމާ ގުޅިގެން އޭނާއަށް ފާޑުކިޔުން އަމާޒުވި އެވެ.
އެ މީޑިއާއަށް އެކަމާ ގުޅޭ ގޮތުން ޝިފާއު ވާހަކަ ވެސް ދައްކަވާފައިވެ އެވެ. ޝިފާއު ވިދާޅުވެފައިވާ ގޮތުން އޭނާ ޓްރައިބިއުނަލްއަށް ވަޑައިގެން ފުލްޓައިމްކޮށް އެ މަސައްކަތުގައި އުޅުއްވިއިރު ލޯ ފާމްގެ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވެ އެވެ. އަދި ހިއްސާ ދޫކޮށްލުމުގެ ލިޔުން ލޯ ފާމާ ހަވާލުކުރުމަށް އެ ލިޔުންތައް މިނިސްޓްރީއަށް ފޮނުވިތޯ ބެލިފައި ނުވާ ކަމަށެވެ.
ނަމަވެސް ވަރަށް ފަހުން ލޯ ފާމުން އެ މައުލޫމާތު ސާފުކުރުމުން ވެސް އެ ލިޔުންތައް މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ. ޓްރައިބިއުނަލް ޝިފާއު އައްޔަން ކުރައްވާފައިވަނީ 14 މެއި 2018 ގައެވެ.