ހަބަރު

ޔާމީނަށް އެއް މިލިއަން ޑޮލަރު ދިނިން، ކީއްކުރަން ކަމެއް ނޭނގޭ: ޒަމީރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގެންނެވުމަކަށް އެއް މިލިއަން ޑޮލަރު، އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށް ދެއްވި ކަމަށާއި ނަމަވެސް އެއީ ކީއްކުރަން އެމަނިކުފާނު ހޯއްދެވި ފައިސާއެއް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ދެވަނަ ޓޫރިޒަމް މިނިސްޓަރު ޒަމީރު މިއަދު މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހެކި ބަސް ދެއްވަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކުވީ އެސްކޮރޯ އެއްބަސްވުމާ ހިލާފަށް އެމަނިކުފާނު އަމަލު ކުރައްވާފައިވާތީ އެވެ.

ދައުވާގައި ބުނާ ގޮތުގައި އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ވަނީ ޖަމާކޮށްފަ އެވެ. އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ.

އޭގެ ފަހުން އޭސީސީއާއެކު ރައީސް ޔާމީން އެއްބަސްވީ އެސްކޮރޯ އެކައުންޓްގައި މައްސަލައިގެ ތަހުގީގު ނިމެންދެން އެ ފައިސާތައް ބެހެއްޓުމަށެވެ. އެކަމަކު، ޔާމީން ވަނީ ދައުލަތުން ބުނާ ގޮތުންނަމަ އެ އެއްބަސްވުމާ ހިލާފުވެފަ އެވެ. އެސްކޮރޯ އެކައުންޓަށް ޔާމީން ޖަމާކުރީ އެސްއޯއެފްއިން ލިބުނު ފައިސާ ނޫން ކަމަށާއި އެ އެކައުންޓަށް ޖަމާ ކުރީ މޫސާ ޒަމީރުގެ ފަރާތުން ހޯދި، ފައިސާތަކެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެސްކޮރޯ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ވަނީ ރައީސް ޔާމީންގެ ބީއެމްއެލްގެ އެކައުންޓަކުންނެވެ.

މިއަދު ހެކި ބަސް ދެއްވަން މޫސާ ޒަމީރު ވަޑައިގެން އެންމެ ފުރަތަމަ ވެސް އަތުގެ އިޝާރާތުން ރައީސް ޔާމީނާ ސަލާން ކޮށްލެވި އެވެ. ޒަމީރާ އެންމެ ފުރަތަމަ ސުވާލު ކުރެއްވީ ދައުލަތުގެ ވަކީލެވެ. އޭނާގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު އޭނާ ޖަމާކޮށް ދެއްވި ކަމަށެވެ. އެ ފައިސާއަކީ އޭނާގެ މުދަލެއް ވިއްކައިގެން އޭނާއަށް ލިބުނު ފައިސާތަކެއް ކަމަށެވެ.

އެ ފައިސާ ރައީސް ޔާމީން ހޯއްދަވަނީ ކީއްވެގެންކަން އެނގޭތޯ ވަކީލް ސުވާލު ކުރެއްވުމުން ޒަމީރު ވިދާޅުވީ އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ގަބޫލު ކުރާ ގޮތުގައި އެއީ އަމިއްލަ ބޭނުމަކަށް ހޯއްދެވި ފައިސާތަކެއް ކަމަށާއި އެ އަދަދަށް ފައިސާ ހޯއްދަވާ ސަބަބު އެމަނިކުފާނު، އޭނާގެ ގާތުގައި ވިދާޅުނުވާ ކަމަށެވެ.

ފައިސާ ލިބުން ލަސްވެގެން ރައީސް ޔާމީން ގުޅުއްވިތޯ ސުވާލު ކުރުމުން ޒަމީރު ވިދާޅުވީ އެ ފައިސާ ހަމަޖައްސައި ދިނުމުގައި ލަސްތަކެއްވި ކަމަށާއި ނަމަވެސް ރައީސް ޔާމީން ނުގުޅުއްވާ ކަމަށެވެ. އޭގެ ބަދަލުގައި ރައީސް އޮފީހުގެ އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ގުޅުއްވި ކަމަށެވެ. އަދި ފައިސާ ހަމަޖައްސައިދިނުން އަވަސް ކުރުމަށް އެދި ވަޑައިގެންނެވި ކަމަށެވެ.

ދައުލަތުގެ ސުވާލުތަކަށް ފަހު ރައީސް ޔާމީން ސުވާލު ކުރައްވަން ފުރުސަތު ދެއްވި އެވެ. ނަމަވެސް އެމަނިކުފާނުގެ ވަކީލް އަލީ ޝާހް ވިދާޅުވީ އެ ހެއްކަކީ މައްސަލައިގެ މައުލޫއާ އެއްވެސް ގުޅުމެއް އޮތް ހެއްކެއް ނޫން ކަމަށެވެ. އެހެންކަމުން އެއްވެސް ސުވާލެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

ރައީސް ޔާމީންގެ މި މައްސަލާގެ ތަހުގީގަށް ފުލުހަށް ހާޒިރުކުރި ދުވަސްވަރު ޒަމީރު ހުންނެވީ ޕީޕީއެމްގެ ނައިބު ރައީސެއް ގޮތުގަ އެވެ. އަދި އެ މައްސަލާގައި ސުވާލު ކުރަން ޒަމީރު ވެސް ފުލުހަށް ހާޒިރުކުރި އެވެ. އޭގެ ފަހުން ޒަމީރު ވަނީ ޕާޓީގެ މަގާމުން އިސްތިއުފާ ދެއްވައި ސިޔާސީ މައިދާނުން އެއްފަރާތްވެފަ އެވެ.

ޒަމީރަށްފަހު ހެކި ބަސް ނެގީ މުހައްމަދު ވަސީމް އިސްމާއީލްގެ އެވެ. އޭނާއަކީ ޒަމީރުގެ އަތުން މުދާ ގަތް ފަރާތެވެ. ވަސީމް މިއަދު ހެކި ބަސް ދެމުން ބުނީ އޭނާ ގަތީ މޫސާ ޒަމީރުގެ ގޯއްޗެއް ކަމަށެވެ. އެ ގޯތި ގަތީ ދެ މިލިއަން ޑޮލަރަށް ކަމަށެވެ. ފުރަތަމަ ޕޭމަންޓެއްގެ ގޮތުގައި 1.75 މިލިއަން ޑޮލަރު ޒަމީރާ ހަވާލު ކޮށްފައިވާނެ ކަމަށް ވެސް ވަސީމް ބުންޏެވެ.

ވަސީމް އިތުރަށް ބުނި ގޮތުގައި އޭގެ ފަހުން އޭނާ ކަމެއް ދަތިވެގެން ޒަމީރުގެ އެހީ ހޯއްދެވި ކަމަށެވެ. އޭނާ ގާތު އެދުމުން 15 މިލިއަން ރުފިޔާގެ ލޯނެއް ދެއްވި ކަމަށެވެ. އެ ފައިސާ ޒަމީރު، އޭނާއާ ހަވާލުކުރީ ކޭޝްކޮށް ކަމަށް ވެސް ބުންޏެވެ. ރައީސް ޔާމީންގެ ފަރާތުން ވަސީމާ ވެސް ސުވާލެއް ނުކުރެ އެވެ.

ޒަމީރާއި ވަސީމްގެ އިތުރުން ބީއެމްއެލްގެ ދެ ބޯޑް ޑިރެކްޓަރުންގެ ހެކި ބަސް ވެސް މިއަދު ނެގި އެވެ. އެގޮތުން އެންމެ ފުރަތަމަ ހެކި ބަސް ނެގީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފުގެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭސީސީގެ ކުރީގެ ރައީސް ހަލުތުފީ އޭނާއަށް ފޯނުން ގުޅުއްވައި އެސްކްރޯ އެކައުންޓެއް ހެދުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތްތައް އޮޅުންފިލުވި އެވެ. އެ އެކައުންޓް ހުޅުވުމުގެ ކަންކަން އެކަމަށް ހާއްސަ ޑިޕާޓްމެންޓުން އޭސީސީއާ ގުޅިގެން ކުރިއަށް ގެންދިޔަ އިރު އެކަމުގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ އެވެ.

އެ އެކައުންޓް ހުޅުވުމަށްފަހު ބީއެމްއެލްގެ އޭރުގެ ސީއީއޯ އެންޑްރޫ ހީލީ، އޭނާއާ ބައްދަލު ކުރައްވައި އެ އެކައުންޓަކީ އޭސީސީ އާއި ރައީސް ޔާމީނާ ދެމެދު ހަދާފައިވާ އެކައުންޓެއް ކަމުގެ މައުލޫމާތު ދެއްވި ކަމަށާއި އޭގެ ކުރިން އެ އެކައުންޓްގައި ބައިވެރިވަނީ ރައީސް ޔާމީންކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެ އެކައުންޓަށް ފައިސާ ޖަމާކުރަން ރައީސް ޔާމީން ބޭނުންފުޅުވާތީ އެކަމާ ގުޅޭ ކޮންޓެކްޓް ޕޮއިންޓެއްގެ ގޮތުގައި އޭނާ ހަމަޖެއްސި ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އެކައުންޓަށް ފައިސާ ޖަމާ ކުރުމަށްފަހު އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ، އޭނާ ރައީސް އޮފީހަށް ގެންދަވައި ލިޔުމެއް ބޭނުންވާ ކަމަށް ވިދާޅުވި ކަމަށާއި އެއީ އެ އެކައުންޓް ހުޅުވާފައިވާ ކަމުގެ ޔަގީން ކަމެއް ރައީސް ޔާމީން ބޭނުންފުޅުވާތީ އެކަން ބަޔާންކުރާ ލިޔުމެއް ކަމަށެވެ. އެފަދަ ލިޔުމެއް ޑްރާފްޓް ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

ދެން ހެކި ބަސް ދެއްވީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަދި ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑްގައި އިންނަވާ ޑިރެކްޓަރު މުހައްމަދު ލުވޭޒެވެ. އޭނާ ހެކި ބަސް ދެއްވަމުން ވިދާޅުވީ ރައީސް ޔާމީން އެކައުންޓެއް ހަދައި، އެއަށް ފައިސާތަކެއް ޖަމާކުރަން ބޭނުންވާ ކަމަށް އާޒިމާ އެއް ދުވަހު ވިދާޅުވި ކަމަށެވެ. އެކަން ބީއެމްއެލްގެ ސީއީއޯ އަދި ޑެޕިއުޓީ ސީއީއޯއާ ހިއްސާ ކުރެއްވި ކަމަށެވެ. އޭނާ އާޒިމާއަށް ވެސް ދެންނެވީ އެ ބޭފުޅުންނަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް ކަމަށާއި އެ އެކައުންޓާއި އެ ފައިސާގެ އެއްވެސް މައުލޫމާތެއް އާޒިމާ، އޭނާއަށް ނުދެއްވާ ކަމަށެވެ.

މިއަދުގެ ހަތަރު ހެކި ބަހާއެކު، މި މައްސަލާގައި ދެން ހެކި ބަސް ނުނެގި އޮތީ އެންމެ ބޭފުޅެއްގެ އެވެ. އެއީ އޭސީސީގެ ކުރީގެ ރައީސް ލުތުފީ އެވެ. އޭނާ ވަނީ މައްސަލާގައި އޭނާގެ ބަޔާން ނަގާފައިވަނީ ބިރު ދައްކައިގެން ކަމަށް ވިދާޅުވެ ކުރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވާފަ އެވެ. މެލޭޝިއާގައި މިހާރު އުޅުއްވާ ލުތުފީ ވަނީ ހެކި ބަސް ދެއްވަން އުޒުރުވެރިވާ ވާހަކަ އެ ސިޓީގައި ބަޔާން ކުރައްވާފަ އެވެ.

އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ދައުލަތުގެ ވަކީލްއާ ސުވާލު ކުރެއްވި އެވެ. ލުތުފީ ހާޒިރު ކުރެވޭނެތޯ އެއްސެވި އެވެ. ޖަވާބުގައި ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ އޭނާ ހާޒިރު ކުރުމަށް ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި އޭނާ މެލޭޝިއާ އެމްބަސީއަށް ވެސް ހާޒިރު ނުވި ކަމަށެވެ. ހެކި ބަސް ދޭން އޭނާ ދެކޮޅު ހަދަމުންދާއިރު ގަދަކަމުން ކޯޓަށް ގެެނެސް ހެކި ބަސް ނުނެގޭނެ ކަމަށެވެ.

އެހެންވެ، އެ މައްސަލާގައި ލުތުފީ ދެއްވާފައިވާ ބަޔާނަށް ރިއާޔަތްކޮށް ދެއްވުމަށް ވަކީލް އެދިވަޑައިގެންނެވި އެވެ. އަދި އޭނާ ދެއްވި ބަޔާނުގައި އޯޑިއޯ، ވީޑިއޯ ރެކޯޑިން ޝަރީއަތުގެ މަޖިލީހުގައި ބެލޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންނެވި އެވެ. އެއީ އޭނާ ބަޔާން ދެއްވީ ފުލުހުން ބިރު ދައްކައިގެން ކަމަށް ވިދާޅުވާއިރު އެކަން އެހެން ނުހިނގާކަން ވެސް ސާބިތުކުރުމަށް ކަމަށެވެ. އެ ވީޑިއޯއިން ފުލުހުން ބިރު ނުދައްކާކަން އެނގޭނެ ކަމަށާއި އޭނާގެ ބޮޑީ ލޭންގްވޭޖުން ވެސް އެކަން ސާފުވާނެ ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ކޮޅަށް ތެދުވެވަޑައިގެން އެ ވީޑިއޯ ބެލުމަށް އިއުތިރާޒް ކުރައްވާ ކަމަށް ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ ބޮޑީ ލޭންގްވޭޖުން ބިރު ދައްކާކަން ނުވަތަ ނޫންކަން އެނގޭނީ އެ ބިރު ދައްކާ ބަޔަކު ބުނާ ގޮތަށް ހިލާފަށް ބަޔާން ދޭނަމަ އެވެ. އެމީހުން ބުނާ ގޮތަށް ބަޔާން ދޭނަމަ ބޮޑީ ލޭންގްވޭޖުން އެކަން ނޭނގޭނެ ކަމަށެވެ.

ރައީސް ޔާމީންގެ ވަކީލުން ވެސް އެކަމަށް އިއުތިރާޒު ކުރައްވާ ވާހަކަ ދެއްކެވި އެވެ. ވަކީލް ވިދާޅުވީ އެ ވީޑިއޯއަކީ ކުރިން ހެއްކެއްގެ ގޮތުގައި ހުށަހެޅިފައިވެސް ނުވާ އެއްޗެއް ކަމަށެވެ. އަދި ލުތުފީ ކޯޓަށް ފޮނުއްވި ސިޓީގައި އެ ބަޔާނަށް އިންކާރުކޮށްފައިވާއިރު އެ ބަޔާނަށް ދެން ރިއާޔަތްކޮށް ޝަރީއަތުން ބަލައިގަނެވޭނެ ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ލުތުފީ ހެކި ދޭން ހާޒިރު ނުވާނެކަން އެއީ ކުރިން ބެލެވިފައި އޮތް ކަމެއް ނޫން ކަމަށާއި އެހެންވެ ކުރިން ވީޑިއޯ ހުށަނޭޅީ ކަމަށެވެ. ނަމަވެސް މި ހާލަތުގައި އެ ވީޑިއޯ ބަލައި އެއަށް ރިއާޔަތްކުރުން މުހިންމު ކަމަށެވެ. އެއީ ހެކީގެ ދަށް މިންގަނޑަކުން ނަމަވެސް ރިއާޔަތް ކުރުން މުހިންމު ކަމަށް ވަކީލް ވިދާޅުވި އެވެ. އެއީ، ލުތުފީގެ ބަޔާނާއި އޭސީސީގެ ރިޕޯޓާއި އަދި އެ އެ ކޮމިޝަންގެ މިހާރު ރައީސް މުއައްވިޒު ރަޝީދު ޝަރީއަތަށް ދެއްވި ހެކި ބަހުގައިވާ ވާހަކަތަކާ ވެސް ގުޅިފައިވާ ކަމަށެވެ. އެއްގޮތް ވާހަކަތަކެއް އެއްގޮތަކަށް ކަން ހިނގާފައިވާ ކަމަށެވެ.

ދައުލަތުން އެގޮތަށް އެދިފައިވާތީ ގާޒީ ވަނީ އެ ކަމުގައި ގޮތެއް ނިންމެވުމަށް ނިންމަވާފަ އެވެ. ދެން އަންނަ އަޑުއެހުމެއްގައި އެ ބަޔާން ބަލައިގަނެ، އެ ވީޑިއޯ ޝަރީއަތުގެ މަޖިލީހުގައި ބެލުމާމެދު ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ހައިލަމް ވިދާޅުވި އެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ހެކީގެ ހެކި ބަސް ނެގުމެވެ. އެއީ ކުރީގެ ގަވަރުނަރު އަޒީމާ އާދަމެވެ. އެއަށްފަހު ހެކީންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށާއި ހުލާސާ ބަޔާން އިއްވުމަށް އަޑުއުހުމެއް ބާއްވާނެ އެވެ. ދެން އެއަށްފަހު އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުމެވެ. މި ކުށް ޔާމީންގެ މައްޗަށް ސާބިތުވެއްޖެނަމަ، ފަސް އަހަރާއި 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.