ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލާގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހުށަހެޅި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ހެކި ބަސް ދޭން ވަޑައި ނުގެންނެވުމުން އޭނާގެ ބަޔާނުގެ ވީޑިއޯ ރެކޯޑިން ޝަރީއަތުގައި ބަލަން ދައުލަތުން އެދިއްޖެ އެވެ.
ލުތުފީ ވަނީ މައްސަލާގައި އޭނާގެ ބަޔާން ނަގާފައިވަނީ ބިރު ދައްކައިގެން ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވާފަ އެވެ. މެލޭޝިއާގައި މިހާރު އުޅުއްވާ ލުތުފީ ވަނީ ހެކި ބަސް ދެއްވަން އުޒުރުވެރިވާ ވާހަކަ އެ ސިޓީގައި ބަޔާން ކުރައްވާފަ އެވެ.
އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ދައުލަތުގެ ވަކީލާ ސުވާލު ކުރެއްވި އެވެ. އެއްސެވީ ލުތުފީ ހާޒިރު ކުރެވޭނެތޯ އެވެ. ޖަވާބުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ އޭނާ ހާޒިރު ކުރަން ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި އޭނާ މެލޭޝިއާ އެމްބަސީއަށް ވެސް ހާޒިރު ނުވި ކަމަށެވެ. ހެކި ބަސް ދޭން އޭނާ ދެކޮޅު ހަދަމުންދާއިރު ގަދަކަމުން ކޯޓަށް ގެެނެސް ހެކި ބަސް ނުނެގޭނެ ކަމަށެވެ.
އެހެންވެ، އެ މައްސަލާގައި ލުތުފީ ދެއްވާފައިވާ ބަޔާނަށް ރިއާޔަތްކޮށް ދެއްވުމަށް ވަކީލް އެދިވަޑައިގެންނެވި އެވެ. އަދި އޭނާ ދެއްވި ބަޔާނުގައި އޯޑިއޯ، ވީޑިއޯ ރެކޯޑިން ޝަރީއަތުގެ މަޖިލީހުގައި ބެލޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ. އެއީ އޭނާ ބަޔާން ދެއްވީ ފުލުހުން ބިރު ދައްކައިގެން ކަމަށް ވިދާޅުވާ ވިދާޅުވުމާ އެއް ގޮތަށް އެކަން ނުހިނގާކަން ސާބިތު ކުރުމަށެވެ. ވަކީލާ ވިދާޅުވީ އެ ވީޑިއޯއިން ފުލުހުން ބިރު ނުދައްކާކަން އެނގޭނެ ކަމަށާއި ބޮޑީ ލޭންގްވޭޖުން ވެސް އެކަން ސާފުވާނެ ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ކޮޅަށް ތެދުވެވަޑައިގެން އެ ވީޑިއޯ ބަލަން އިއުތިރާޒް ކުރައްވާ ކަމަށް ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ ބޮޑީ ލޭންގްވޭޖުން ބިރު ދައްކާކަން ނުވަތަ ނޫންކަން އެނގޭނީ އެ ބިރު ދައްކާ ބަޔަކު ބުނާ ގޮތާ ހިލާފަށް ބަޔާން ދޭނަމަ އެވެ. އެމީހުން ބުނާ ގޮތަށް ބަޔާން ދޭނަމަ ބޮޑީ ލޭންގްއޭޖުން އެކަން ނޭނގޭނެ ކަމަށެވެ.
ރައީސް ޔާމީންގެ ވަކީލުން ވެސް އެކަމަށް އިއުތިރާޒުކޮށްފަ އެވެ. ވަކީލު ވިދާޅުވީ އެ ވީޑިއޯއަކީ ކުރިން ހެއްކެއްގެ ގޮތުގައި ހުށަހެޅިފައި ވެސް ނުވާ އެއްޗެއް ކަމަށެވެ. އަދި ލުތުފީ ކޯޓަށް ފޮނުއްވި ސިޓީގައި އެ ބަޔާނަށް އިންކާރު ކޮށްފައިވާއިރު އެ ބަޔާނަށް ދެން ރިއާޔަތްކޮށް ޝަރީއަތުން ބަލައި ގަނެވޭނެ ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ ލުތުފީ ހެކި ދެެއްވަން ހާޒިރު ނުވާނެކަން އެއީ ކުރިން ބެލެވިފައި އޮތް ކަމެއް ނޫން ކަމަށާއި އެހެންވެ ކުރިން ވީޑިއޯ ހުށަނޭޅީ ކަމަށެވެ. ނަމަވެސް މި ހާލަތުގައި އެ ވީޑިއޯ ބަލައި އެއަށް ރިއާޔަތް ކުރުން މުހިންމު ކަމަށެވެ. އެއީ ހެކީގެ ދަށް މިންގަނޑަކުން ނަމަވެސް ރިއާޔަތް ކުރުން މުހިންމު ކަމަށް ވިދާޅުވި އެވެ.
ދައުލަތުން އެގޮތަށް އެދިފައިވާތީ ގާޒީ ވަނީ އެ ކަމުގައި ގޮތެއް ކަނޑައަޅަން ނިންމަވާފަ އެވެ. ދެން އަންނަ އަޑުއެހުމެއްގައި އެ ބަޔާން ބަލައިގަނެ، އެ ވީޑިއޯ ޝަރީއަތުގެ މަޖިލީހުގައި ބެލުމާމެދު ގޮތެއް ނިންމަވާނެ ކަމަށް ވެސް ގާޒީ ހައިލަމް ވިދާޅުވި އެވެ.
ލުތުފީ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ހެކި ބަސް ނުދޭނެ ކަމަށް ވިދާޅުވެ، ފޭސްބުކްގައި ވެސް ޕޯސްޓެއް ކުރައްވާފަ އެވެ. ލުތުފީ ދެކޮޅު ހައްދަވާއިރު ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވެ އެ ފައިސާ އޭސީސީއާ ހަވާލު ނުކޮށް ބޭނުން ކުރި މައްސަލާގައި ރައީސް ޔާމީނަށް ދައުވާ ކުރާއިރު އެ މައްސަލާގައި އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒު ރަޝީދު ވަނީ ހެކި ބަސް ދެއްވާފަ އެވެ.