ސިނަމާލެ ބްރިޖުގައި ސުޕީޑް ކެމެރާ ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އަންނަ އަހަރު އެ ކެމެރާތަކުގެ ބޭނުން ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މަޝްރޫއުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ގޮތުން މިއަދު ކުރިއަށް ގެންދިޔަ "ސައިގަޑި" ޕްރޮގްރާމްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު ހުސައިން ނަޒީރު ވިދާޅުވީ، ބްރިޖުގައި ކެމެރާ ހަރު ކުރުމުގެ މަސައްކަތްތައް ފުލުހުންނާއެކު މިހާރު ފަށާފައިވާ ކަމަށާއި ކެމެރާ ހަރު ކުރުމުގެ ކުރިން ބައެއް ބަދަލުތައް ވެސް ގެންނަން ޖެހޭ ކަމަށެވެ.
"ކެމެރާތައް ހަރުކުރަން ވިސްނާއިރު، ކެމެރާތަކަށް ރީޑް ކުރެވޭވަރަށް ލައިސަންސް ޕްލޭޓް ތަކަށް ބަދަލެއް ގެންނަން ޖެހިދާނެ، އެކަމަށް ވެސް މިހާރު މަޝްވަރާ ކުރަމުން މިދަނީ. އެއީ ނަންބަރު ބޯޑު ތަކަކީ ރީޑް ކުރެވޭވަރު އެއްޗަކަށް ވާންޖެހޭތީ. އެކަހަލަ ބައިވަރު ކަަންކަން އެބަހުރި އަދި އެކަންކަމާ ގުޅޭ މަޝްވަރާތައް ވެސް ކުރަމުން ދަނީ" އޭނާ ވިދާޅުވި އެވެ.
![](https://images-01.avas.mv/post/big_Tk0NzbVjF6yyIu6XvhvQ9c58s.jpg)
މިނިސްޓްރީން ބުނީ ކެމެރާ ހަރުކުރުމުގެ ކުރިން އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ވަކި ގަވައިދަކަށް ބަދަލު ކުރަން މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ. ސިނަަމާލެ ބްރިޖާއި ހައިވޭ އެކުގައި 77 ސަވޭލަންސް ކެމެރާ ހަރުކުރާނެ އެވެ.
"މިއީ ސްޕީޑް ކެމެރާތަކަށްވީމާ ވައިދާ ހިލާފަށް ބާރަށް ދުއްވާފައިދާ އުޅަނދު އެއްކޮޅުން އަރާފައި އަނެއްކޮޅުން ފައިބާއިރު އޮންނާނީ ސްލިޕެއް ގޮސްފަ. އެއީ ރެކޭނެ ގޮތެއް ނޯންނާނެ. ގިނަ އެކްސިޑެންޓުތައް ހިނގާފައި އިންވެސްޓިގޭޓް ކުރާ އިރު މި ފެންނަނީ ހަމަ އޯވާ ސްޕީޑިންގެ ސަބަބުންކަން ހިނގީ." އޭނާ ވިދާޅުވި އެވެ.