ހަބަރު

ދަރިންނަށްދޭ ހަރަދާއި އިއްދައިގެ ހަރަދު ބޮޑު ކުރަނީ

އަނބިމީހާއަށާއި ދަރިންނަށް ދޭ ހަރަދުގެ މިންވަރު ބޮޑު ކުރަން އެޓާނީ ޖެނަރަލް (އޭޖީ)ގެ އޮފީހުން ހުށަހަޅައިފި އެވެ. އޭޖީ އޮފީހުން މިގޮތަށް ހުށަހެޅީ މިހާރު ކުރިއަށްދާ ޖުޑީޝަލް ސިމްޕޯޒިޔަމް އޮން ފެމިލީ ޖަސްޓިސްއަށެވެ.

އޭޖީ އޮފީހުން މިއަދު ބުނީ ސަރުކާރުން ހުށަހެޅި ކަރުދާހުގައި މުހިއްމު ކަންތައްތަކުގެ ތެރޭގައި އަނިބިމީހާއަށާއި، ދަރިންނަށާއި، އިއްދައިގައި އިންނަ އަންހެނާއަށް ޝަރުއީ ހަމަތަކުގެ މަތިން ދޭންޖެހޭ ހަރަދުގެ މިންވަރު ބޮޑުކުރުމަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެގޮތުން، ޝަރީއަތުން ނަގައިދެވޭ ހަރަދުގެ އެންމެ މަދު އަދި އެންމެ ބޮޑު މިންވަރެއް ކަނޑައަޅައި ހަރަދު ލެއްވުމާއި ހަރަދު ތަންފީޒުކުރުމުގެ އިޖުރާއަތުތައް ހަރުދަނާ ކުރުމަށް ވެސް އޭޖީ އޮފީހުން ވާނީ ހުށަހަޅާފަ އެވެ.

އޭގެއިތުރުން ސަރުކާރުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އަނެއް ކަމަކީ ވަރި، ޙަޟާނަތު، ހަރަދާ ގުޅޭ މައްސަލަތައް އެއް ދައުވާ ފޯމާއެކު ހުށަހަޅައި، އެއް މައްސަލައިގެ ތެރެއިން އެ ކަންކަމަށް ގޮތެއް ކަނޑައެޅޭނެ ނިޒާމެއް ކޯޓުތަކުގައި ހަމަޖެއްސުމެވެ. އެއް ބާވަތުގެ މައްސަލަތައް ވަކި މައްސަލަތަކެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުން ހަރަދު ހަމަޖައްސައިދިނުމުގެ މައްސަލަ ދިގުލައި، އެކަމުގެ ސަބަބުން ބައެއް ކުޑަކުދިންގެ ހައްގައް އުނިކަން އަންނަފަދަ ހާލަތްތައް މެދުވެރިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން ކުއްޖާގެ ޙަޟާނަތު ހަވާލުކުރެވިފައިވާ ފަރާތުގެ ކިބައިން ޙަޟާނަތު ނިގުޅައިގެންފި ކަމަށް ބުނެ ހުށަހެޅޭ މައްސަލަތައް އަވަސް މުއްދަތެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާނެ ކަމަށް ވެސް ބުންޏެވެ.

އާއިލީ އަދުލުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކައިވެނިކޮށްދިނުމާއި ކައިވެނި ރަޖިސްޓަރީކުރުމަށް :ކައިވެނީގެ ރަޖިސްޓްރާގެ އޮފީސް"ގެ ނަމުގައި އިދާރާއެއް އުފައްދަން ވެސް ވަނީ ހުށަހަޅާފަ އެވެ. ސަރުކާރުގެ ވުޒާރާއެއްގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނުމަށް ހުށަހަޅާ "ކައިވެނީގެ ރަޖިސްޓްރާގެ އޮފީސް" މެދުވެރިކޮށް، ޝަރުއީ މައުޛޫނުކަން ކުރުމުގެ ހުއްދަ ދޫކުރުމާއި މައުޛޫނުންގެ ރަޖިސްޓަރީއެއް ބެލެހެއްޓުން ހިމެނުމަށް ހުށަހަޅާފައިވެ އެވެ. ކައިވެނީގެ ރަޖިސްޓްރާގެ މަސައްކަތްތަކުގައި ކައުންސިލްތަކުގެ ބައިވެރިވުން ހިމެނުމުން، މެޖިސްޓްރޭޓުން ނެތް ރަށްރަށުގައި ވެސް ކައިވެނި ކުރުމުގެ ހިދުމަތް ފަސޭހައިން ލިބިގެންދާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.