ހަބަރު

ޔާމީންގެ ޝަރީއަތް: ހުލާސާ ބަޔާން އަވަސްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލާގެ ޝަރީއަތުގައި ހުލާސާ ބަޔާން އިއްވުން އެއް ދުވަސް އަވަސްކޮށްފި އެވެ.

އެންމެ ފަހުން މި މައްސަލާގައި މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކާ ވަނީ ނިންމާފަ އެވެ. އެހެންވެ މައްސަލަ ބައްލަވާ ގާޒީ، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނިންމެވީ އަންނަ މަހުގެ 10 ވަނަ ދުވަހު ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ބޭއްވުމަށެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އެ ތާރީހު މިހާރު ވަނީ ކޯޓުން ބަދަލުކޮށް އަންނަ މަހުގެ ނުވަ ވަނަ ދުވަހަށް ބަދަލުކޮށްފަ އެވެ. އަޑުއެހުން ތާވަލުކޮށްފައިވަނީ އެ ދުވަހުގެ މެންދުރުފަހު 1:00 އަށެވެ.

ޓީވީއިން ލައިވްކޮށްގެން ކުރިއަށް ގެންދާ މި ޝަރީއަތް ނިމުމާ ގާތްވެފައިވާއިރު ހުލާސާ ބަޔާން އިއްވުމަށްފަހު ހުކުމް އިއްވުމަށް އަޑުއެހުމެއް ބާއްވާނެ އެވެ. ކުށް ސާބިތުވާނަމަ، އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ވަކި އަޑުއެހުމެއް ބާއްވަން ޖެހެ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގަ އެވެ. އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ.

އޭގެ ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއާއެކު ރައީސް ޔާމީން ވަނީ އެސްކޮރޯ އެކައުންޓެއް ހެދުމަށް އެއްބަސްވުމެއް ހަދާފަ އެވެ. އެގޮތަށް އެއްބަސްވީ އެ މައްސަލާގެ ތަހުގީގު ނިމެންދެން އެ އެކައުންޓްގައި އެ ފައިސާތައް ބެހެއްޓުމަށެވެ. އެކަމަކު، ޔާމީން ވަނީ އެ އެއްބަސްވުމާ ހިލާފުވެފަ ކަމަށް ދައުލަތުން ބުނެ އެވެ. އެސްކޮރޯ އެކައުންޓަށް ޔާމީން ޖަމާކުރީ އެސްއޯއެފްއިން ލިބުނު ފައިސާ ނޫން ކަމަށާއި އެ އެކައުންޓަށް ޖަމާކުރީ މޫސާ ޖަމީރުގެ ފަރާތުން ހޯދި، ފައިސާތަކެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެސްކޮރޯ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ޒަމީރުގެ އެކައުންޓުންނެވެ.

ދައުލަތުން ބުނި ގޮތުގައި އެ އަމަލަކީ އެ ފައިސާތައް ފޮރުވައި، ކޮރަޕްޝަނުން ހޯދާފައިވާ ފައިސާތަކެއް ކަމަށް ޝައްކު ކުރެވޭ ފައިސާތަކެއް ބަދަލު ކުރަން އުޅުމުގެ އަމަލެކެވެ. އެހެންވެ، އެއީ މަނީ ލޯންޑްރިންގެ ކުށަށް ވެގެންދާ ކަމަށް ދައުލަތުން ފާހަގަކުރި އެވެ. އެ ކުށް ޔާމީންގެ މައްޗަށް ސާބިތުވެއްޖެނަމަ، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މި މައްސަލާގައި ރައީސް ޔާމީންއާ ދެކޮޅަށް އެމަނިކުފާނުގެ ދެ ޓޫރިޒަމް މިނިސްޓަރުން ކަމަށް އަހުމަދު އަދީބާއި މޫސާ ޒަމީރު ހެކި ބަސް ދެއްވާފައިވެ އެވެ. އޭގެއިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު ވެސް ހެކި ބަސް ދެއްވާފައިވެ އެވެ. ދައުލަތުގެ ހެކިންގެ ތެރެއިން އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ވަނީ ހެކި ބަސް ދެއްވަން ދެކޮޅު ހައްދަވާފަ އެވެ. އޭގެއިތުރުން ރައީސް ޔާމީންގެ ހެއްކެއްގެ ގޮތުގައި ހުށަހެޅުއްވި ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ވެސް ވަނީ ހެކި ބަސް ދެއްވަން އުޒުރުވެރިވެފަ އެވެ.