ހަބަރު

އިރުފާންގެ ބަންދަށް 15 ދުވަސް

މަރު ކޮމިޝަނުން ހޯދަން އިއުލާން ކުރި އިރުފާން ރުޝްދީގެ ބަންދަށް ގދ. ތިނަދޫ ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފި އެވެ.

ހަތަރު މީހުންނާއެކު ގދ. ކާޑެއްދޫ ބޭރުން އިރުފާން ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އިރުފާން އާއެކު އޭގެ ތެރޭގައި ތިން ދިވެހިންނާއި ބިދޭސީ އެއް ހިމެނެ އެވެ. ފުލުހުން މިއަދު ބުނީ، އިރުފާން އާއި އެކުގައި ހައްޔަރު ކުރި ހަތަރު މީހުންނަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައި ކަމަށެވެ.

އިރުފާން ހޯދަން އިއުލާން ކުރީ ބުރާސްފަތި ދުވަހުގެ ރޭ އެވެ.

އިރުފާންއަކީ ޖޫން 3، 2016 ގެ ރޭ ދެ ގޭންގެއް ދެމެދު ހިނގި މާރާމާރީގައި މ. ސަރުމާގޭ، ފާތިރު މުހައްމަދު ނަމަކަށް ކިޔާ ކުޑަ ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި ހޯދަން އިއުލާންކޮށްފައިވާ މީހެކެވެ. މަރު ކޮމިޝަނުން އޭނާ ހޯދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި މަރު ކޮމިޝަނުން އޭނާ ހޯދަނީ ފާތިރު މުހައްމަދު މަރާލި މައްސަލައާ ގުޅިގެންނެވެ.