ހަބަރު

މަހަށް ނުކުމެ އުޅުނު ޒުވާނަކު މަރުވެއްޖެ

ކ. ގުރައިދޫން މަހަށް ދިޔަ ދޯންޏެއްގައި ހުރި ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ކ. ގުރައިދޫ އިން މަހަށް ދިޔަ ދޯންޏެއްގެ ވަތުތެރެއަށް މީހަކު ވެއްޓި ހަރަކާތް ހުއްޓިފައިވާ ކަމުގެ މައުލޫމާތު ރޭ ފަތިހު ހަތަރެއް ޖަހާކަށް ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ މީހާއަކީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ދޯނީގެ ވަތުތެރޭގައި ހަރަކާތް ހުއްޓިފައި އެ މީހާ އޮތުމުން، ގުރައިދޫގައި ހުންނަ ސިއްހީ މަރުކަޒަށް އެ މިހާ ގެންދެވުނީ މިއަދު ހެނދުނު ހަތެއް ޖަހާކަށް ހާއިރު އެވެ. މަރުކަޒަށް ގެންދިޔަ އިރު ވެސް އެ މީހާ އޮތީ މަރުވެފައި ކަމަށް އެ މަރުކަޒުން މައުލޫމާތު ދެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ބެލި ބެލުމުގައި އެ މީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ.