ހަބަރު

އެމްއެމްޕީއާރްސީގެ ތަހުގީގަށް ޔާމީން ފުލުހަށް ހާޒިރުވެއްޖެ

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހަށް ހާޒިރުވެއްޖެ އެވެ.

ފުލުހުން ރައީސް ޔާމީނަށް ޗިޓް ފޮނުވާފައިވަނީ މިއަދު މެންދުރުފަހު 2:00 އަށް ފުލުހަށް ހާޒިރުވުމަށެވެ. އެ ގަޑިއަށް އެމަނިކުފާނު މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެންނެވި އެވެ.

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރާއިރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ ހުކުމް އިއްވުން މާދަމާއަށް ވަނީ ތާވަލުކޮށްފަ އެވެ. އެ ދައުވާއަކީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ އެސްއޯއެފްގެ ފައިސާތަކެއް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެ، އެ ފައިސާތަކުން މަންފާ އެމަނިކުފާނު ހޯއްދެވި ކަމަށް ބުނެ އުފުލާފައިވާ ދައުވާއެކެވެ.

ފުލުހުން މިހާރު ވެސް ގެންދަނީ އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ތަހުގީގަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ގިނަ މައުލޫމާތުތަކެއް ދެއްވާފަ އެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަނަށް އަދީބު ވަނީ އިއުތިރާފުވެސްވެވަޑައިގެންފަ އެވެ.

އަދީބު ދެއްވާފައިވާ މައުލޫމާތުތަކަށް ބަލައި، ފުލުހުން ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ބޭފުޅުންގެ ލިސްޓެއް ވެސް ހަދާފަ އެވެ. އެ ލިސްޓްގައި މަޖިލިސް މެންބަރުންނާއި ފަނޑިޔާރުންނާއި ސަރުކާރުގެ އިސް ބޭފުޅުންނާއި ނޫސްވެރިން ވެސް ހިމެނެ އެވެ.

މިހާރުގެ ބައެއް މެންބަރުން ވެސް ލިސްޓްގައި ހިމެނޭއިރު މިހާރުގެ ކެބިނެޓްގެ ތިން މިނިސްޓަރެއްގެ ނަން ވެސް ހިމެނެ އެވެ. އެއީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ސައިންސް މިނިސްޓަރު މަލީހާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ. ޒަހާ ވެސް ފުލުހަށް ހާޒިރުކޮށް ވަނީ ބަޔާން ނަގާފަ އެވެ.

މިހާތަނަށް ހިނގައިދިޔަ އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލުގައި އަދީބަށް ބޮޑު ތުހުމަތެއްވާއިރު އޭނާ ވިދާޅުވަމުން ދަނީ އެކަން ހިނގާފައިވަނީ ރައީސް ޔާމީނަށް އެނގިގެން އެމަނިކުފާނުގެ އިރުޝާދާއެކު ކަމަށެވެ. އެގޮތަށް ރައީސް ޔާމީންގެ ޝަރީއަތުގައި ހެކި ބަސް ދެއްވަމުން ވެސް އަދީބު ވަނީ ވާހަކަ ދައްކަވާފަ އެވެ.

ކުށަށް އިއުތިރާފުވެ އަދީބު ދައުލަތާއެކު އެއްބަސްވުމަކަށް އައިސްފައިވާއިރު އޭނާގެ މައްޗަށް ކޮރަޕްޝަނާއި މަނީ ލޯންޑްރިންނާ ގުޅޭ ހަތް ދައުވާއެއް ވަނީ އުފުލާފަ އެވެ. އެ ދައުވާތަކަށް އިއުތިރާފުވެފައިވާތީ، މައްސަލަ ކުރިއަށް ގެންދާނީ އަވަސް ނިޔާގެ މައްސަލަތަކެއްގެ ގޮތުގަ އެވެ.