ހަބަރު

ސިވިލް ކޯޓުގެ މަޒީދާއި ހާފިޒު ހައިކޯޓަށް އައްޔަންކުރަން ނިންމައިފި

ސިވިލް ކޯޓުގެ ގާޒީންގެ ގޮތުގައި ތިއްބެވި ހާތިފް ހިލްމީ އާއި ހުސެއިން މަޒީދު ހައިކޯޓަށް އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

އެ ދެ ބޭފުޅުން ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ.

ޖޭއެސްސީއިން ހުޅުވާލީ ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމަށެވެ. އެއީ ހައިކޯޓުގެ ބެންޗު 11 އަށް އިތުރު ކުރުމަށް ކުރިން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއެކު އުފެދިފައިވާ ދެ މަގާމަށެވެ. ޖޭއެސްސީއިން ހުޅުވާލި ފުރުސަތުގައި 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ.

އެގޮތުން ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ތެރޭގައި ކުރިމިނަލް ކޯޓުގެ ދެ ގާޒީން ކަމަށްވާ އަހުމަދު ޝަކީލާއި އަލީ ރަޝީދު ހިމެނެ އެވެ. އަދި ސިވިލް ކޯޓުގެ ގާޒީންގެ ތެރެއިން ހާފިޒާ އަބްދުލްސައްތާރާއި މަރިޔަމް ވަހީދު ވެސް ކުރިމަތިލެއްވި އެވެ.

ދެން މަގާމަށް ކުރިމަތިލެއްވީ ފެމެލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދާއި ދެ މެޖިސްޓްރޭޓުން ކަމަށްވާ އުއްމުކުލްސޫމް އާއި ފާތިމަތު ފަރްހީޒު އަދި ކުރިން އެމްއެމްއޭގައި މަސައްކަތް ކުރައްވާފައިވާ ފައްޔާޒު ސާތިރެވެ. އޭގެއިތުރުން މިހާރުގެ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް ޖިހާދާ އަނީސް އަދި އެ އޮފީހުގައި ކުރިން އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވި އައިޝަތު ފަޒުނާ އަހުމަދު ވެސް ވަނީ ހައިކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި އެވެ.

ހައިކޯޓުގައި މިހާރު ތިއްބަވަނީ ނުވަ ފަނޑިޔާރުންނެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު ނުވައަކުން 11 އަށް ބަދަލު ކުރަން ނިންމީ ހައިކޯޓުގެ ދެ ގޮފި ހެދުމަށްފަހު އެ ގޮފިތަކަށް ފަނޑިޔާރުން ބަދަލު ކުރުމުން މާލޭގެ ހައިކޯޓުގެ މައްސަލަތައް ނުބެލި ލަސްވަމުންދާތީ އެވެ. ނަމަވެސް ފަނޑިޔާރުންގެ އަދަދު ގާނޫނަށް ބަދަލު ގެނެސް އިތުރުކުރި ފަހުން ސުޕްރީމް ކޯޓުން ވަނީ ގޮފިތަކުގައި ދާއިމީ ގޮތެއްގައި ފަނޑިޔާރުން ނުތިއްބަވާ ގޮތަށް ކަނޑައަޅައި ދެކުނު ގޮފީގައި ތިއްބެވި ފަނޑިޔާރުން މާލެ ގެނެސްފަ އެވެ. މިހާރު ގޮފިތަކުގައި މައްސަލަތައް ބަލަނީ ޝަރުއީ ވަފުތައް ޒިޔާރަތް ކުރައްވައިގެންނެވެ.